ސިއްހަތު

މެޑިސިން ދާއިރާއިން ސްޕެޝަލައިޒްވުމުގެ ފުރުޞަތު 8 ޑޮކްޓަރުންނަށް


ނޭޕާލްގައި މެޑިސިންގެ ދާއިރާއިން ސްޕެޝަލައިޒްވުމުގެ ފުރުޞަތު 8 ޑޮކްޓަރުންނަށް ސަރުކާރުން ހަމަޖައްސަވައި ދެއްވައިފިއެވެ. މިކަމުގެ ލިޔުން އެ 8 ޑޮކްޓަރުންނާ މިއަދު ވަނީ ޙަވާލުކުރައްވާފައެވެ.

މިއަދު މިކަމަށްޓަކައި ހެލްތު މިނިސްޓްރީގައި ބޭއްވެވި ޚާއްޞަ ޙަފްލާގައި މިލިޔުން ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު، އަބްދުﷲ ނާޒިމް އިބްރާހީމެވެ. މިއީ، ޞިއްޙީ ދާއިރާއަށް ބޭނުންވާ ސްޕެޝަލިސްޓުން ތަމްރީން ކުރެއްވުމަށް ނޭޕާލްގެ ނޭޝަނަލް އެކަޑަމީ އޮފް މެޑިކަލް ސައިންސަސްއާއި ދިވެހި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ހަމަޖައްސަވައިދެއްވި ފުރުޞަތުތަކެކެވެ.

މިއަހަރު 8 ޑޮކްޓަރަކަށް ސްކޮލަރޝިޕް ލިބިފައިވާއިރު،މިއިން ކޮންމެ ޑޮކްޓަރަކަށް ސަރުކާރުގެ ބަޖެޓުން 850,000 އަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. ދިވެހި ސަރުކާރުގެ އެހީގައި މިހާރުވެސް އެ ޔުނިވަރސިޓީގައި 13 ޑޮކްޓަރުން މެޑިކަލް ސްޕެޝަލައިޒޭޝަންގެ ތަފާތު ރޮންގުތަކުން މިހާރުވެސް ކޯސް ފުރިހަމަ ކުރަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

މިއަހަރުގެ ސްކޮލަރ ޝިޕްއަށް ހޮވުނު ދަރިވަރުންނާއި ބައްދަލުކުރައްވައި ހެލްތު މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ ޢަމާޒަކީ، ސްޕެޝަލިސްޓު ޑޮކްޓަރުންގެ ގޮތުގައި މަސައްކަތްކުރާ ބިދޭސީން މަދުކުރައްވައި ދިވެހިން ޚިދުމަތައް ނެރުއްވުން ކަމުގައެވެ. އެހެންކަމުން މިލިބުނު ފުރުޞަތުގެ ބޭނުން ހިފައި ސަރުކާރާއި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ދެމިތިބުމަށް މިނިސްޓަރ ސްކޮލަރޝިޕް ލިބިނު ޑޮކްޓަރުންނަށް އިލްތިމާސް ކުރެއްވިއެވެ.