ޚަބަރު

"ފެށިފައިވަނީ މިނިވަންކަން ދިފާޢުކުރެވޭ އަސްކަރިއްޔާއަކަށް ދިވެހި އަސްކަރީއްޔާ ހެދުމުގެ މަސައްކަތް"


  • ދިވެހި އަސްކަރިއްޔާއިން މިދިޔަ އަހަރެއްހާ ދުވަހުގެ ގިނަ ކުރިއެރުންތަކެއް ހޯދި

  • ޝަހީދުވި އަބްޠާލުންގެ ޚިދުމަތާއިމެދު ވިސްނުމަށް ވަޒީރު ގޮވާލެއްވި

ޤައުމުގެ މިނިވަންކަން ދިފާޢުކުރެވޭ ވަރުގެ އަސްކަރީއްޔާއަކަށް ދިވެހި އަސްކަރިއްޔާ ހެދުމުގެ މަސައްކަތް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިސްނެންގެވުމުގެ ދަށުން ފެށިފައިވާ ކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ. ވަޒީރު ޣައްސާން މިކަމުގެ ތަފްސީލްތައް ދެއްވާފައިވަނީ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މީގެ 37 އަހަރު ކުރިން ދިވެހި ޤައުމުގެ މިނިވަންކަން ނަގާލުމަށް ދެވުނު ޢުދުވާނީ ހަމާލާގެ މައްޗަށް ދިވެހި ސިފައިން ހޯދި ކުރިއެރުން ފާހަކޮށް ބޭއްވި ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ދިފާޢީ ވަޒީރު ޣައްސާން ވަނީ ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި މިދުވަސް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިސްކަން ފާހަގަކޮށް ޝުކުރު އަދާކުރެއްވިއެވެ. ވަޒީރުގެ ވާހަކަފުޅު ފައްޓަވާފައި ވަނީ އެދުވަހު ޝަހީދުވި އަބްޠާލުން ވެވަޑައިގެންނެވި ޤުރުބާނީއާއި ދިވެހިން ދެއްކި ހިއްވަރު ފާހަގަކުރައްވަމުންނެވެ.

މިދިޔަ 15 އަހަރު ދުވަހު ވަޠަނުގެ ދިފާޢަށް ގޮވާލަމުން ދިޔަ ގޮވާލުމަށް އަޅާނުވެލި އޮތުމަށްފަހު އަދުގެ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތީން ޤައުމުގެ މިނިވަންކަން ދިފާޢު ކުރެވޭފަދަ އަސްކަރިއްޔާއަކަށް ދިވެހި އަސްކަރިއްޔާ ހެދުމުގެ މަސައްކަތް މިހާރު ފެށިފައިވާކަމަށް ޣައްސާން ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލުގެ ހިމާޔަތުގައި ފަލަ ރަތްރޮނގެއް ދަންމަވާ ވަށާޖެހޭ ދުރުވިސްނޭ އަސްކަރީ ސިޔާސަތެއްގެ ދަށުން ރާއްވަވާ އެފަލަ ރަތްރޮނގު ހިމާޔަތް ކުރެވޭފަދަ ޒަމާނީ އަސްކަރިއްޔާއަކަށް އަޅުގަނޑުމެންގެ ދިފާޢީ ބާރު، ބަދަލު ކުރައްވަން ފައްޓަވާ ރެއާއި ދުވާލު އެމަސައްކަތުގައި ޝާމިލްވެ ހޯއްދަވާ ގިނަގުނަ ކާމިޔާބީތަކަށް ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާއާއި ޝުކުރު ދަންނަވަން. " ވަޒީޜު ޣައްސާން ވިދާޅުވިއެވެ.

ވަޒީރު ޣައްސާން ވިދާޅުވީ، މިވޭތުވެ ދިޔަ ދެއަހަރެއްހާ ދުވަހު ދިވެހި އަސްކަރީއްޔާއިން ގިނަ ލަނޑުދަނޑިތަކެއް ހާސިލްކޮށްފައިވާކަމަށެވެ. އޭގެ ތެރެއިންވެސް މިދިޔަ އަހަރު ނަޞްރުގެ ދުވަހުން ފެށިގެން މިއަހަރުގެ ނަޞްރުގެ ދުވަހާއި ހަމައަށް ހާސިލްކުރެވިފައިވާ ކާމިޔާބީތައް ފާހަގަކުރެއްވިއެވެ.

މިދިޔަ އަހަރުގެ ނަޞްރުގެ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމު ފަށައި، މިއަހަރުގެ ޖަލްސާގައި އެޕްރޮގްރާމުގެ ދަރިވަރުން ބައިވެރިވަމުންދާކަން ވަޒީރު ވަނީ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެމްއެންޑީއެފް މެރީންކޯގެ ޤާބިލީއްޔަތުކަން އިތުރުކުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރެއްވި މަސައްކަތަކާއި، ކޯސްޓް ގާޑުގެ ޤާބިލިއްޔަތުކަން ދެގުނަ ކުރެއްވުމަށް ރައީސް އިއުލާންކުރެއްވި މަސައްކަތްތައްވެސް ކާމިޔާބުވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ޝަހީދުވި އަބްޠާލުންގެ ހަނދާން ނައްތާނުލާ ޤައުމަށް ކުޅަދާނަވީ މިންވަރަކުން، ޝަހީދުންގެ އަޢިލާތަކަށް އިނާޔަތް ދިނުމުގެ މަސައްކަތް މިހާރު ފެށިފައިވާކަން ވަޒީރު ވަނީ ފާހާގަކުރެއްވިއެވެ. ޤައުމަށް ވަފާތެރި ޖީލެއް ބިނާކުރުމުގެ މަޤްޞަދުގައި ފައްޓަވާފައިވާ ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ބައިވެރިންނަށް، ޝަހީދުވި އަބްޠާލުންގެ ޚިދުމަތާއި މެދު ވިސްނަވައި މިއަދު އެބައިވެރިން ހަވާލުވި ޒިންމާގެ ބޮޑުކަން ދެނެގަތުމަށް ދިފާއީ ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.

"ތިޔަ ހަވާލުވަނީ ކޮންޒިންމާއަކާއިކަން އަބްޠާލުންގެ ކުރައްވާފައިވާ ޚިދުމަތުގެ އަލީގައި ވިސްނަވަން ފައްޓަވަން އެންމެ މުނާސަބު އެއް ދުވަސް. ﷲ އިރާދަ ކުރެއްވިއްޔާ ތިކުދިންވާނީ ތިކުދިންގެ ދަރީންގެ ދަރީންނަށް ޤައުމު މިނިވަންކަމާއި އެކު ވާސިލްކޮށްދެވޭނެ ޖީލަކަށް." ދިފާޢީ ވަޒީރު ޣައްސާން ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ، މިއަހަރު ނަޞްރުގެ ދުވަސް ފާހަގަކުރަމުންދާއިރު، ދިވެހި އަސްކަރީއްޔާއިން ހޯދާފައިވާ ކުރިއެރުންތަކާއިމެދު ފަޚުރުވެރިވާންޖެހޭ ކަމަށް ވިދާޅުވަމުންނެވެ. އަދި މިކަންކަން ތަންފީޒުކުރުމަށް ސިފައިންގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތަަށް ޤައުމީ ދިފާޢީ ބާރުގައި ނަމުގައި ޝުކުރު އަދާކުރެއްވިއެވެ.