ސިއްހަތު

ބޭރަށް ހިންގުމުގެ 1500އެއްހާ ކޭސް މިފަހަކަށް އައިސް ރިޕޯޓް ކުރެވޭ


ބޭރަށް ހިންގުމަކީ ޢާންމުކޮށް ޖެހޭ ބައްޔަކަށް ވީނަމަވެސް، މި ދުވަސްވަރު ބޭރަށް ހިންގުންޖެހޭ މީހުންގެ ޢަދަދު އިތުރުވެފައިވާ ކަމަށް ހެލްތު މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ. ހެލްތު މިނިސްޓްރީން ވިދާޅުވީ، ފަހަކަށް އައިސް ހަފްތާއަކު 1500 ކޭސް ރާއްޖޭގެ އެކި ހިސާބުތަކުން މިނިސްޓްރީއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަހަރުގެ އެހެން މަސްމަހާ އަޅާބަލާއިރު ކޮންމެ އަހަރެއްގެވެސް މި ދުވަސްވަރު، ބޭރަށްހިންގުމާއި ހުމާއި ރޯގާޖެހޭ މީހުންގެ ޢަދަދު ނިސްބަތުން އިތުރުވާ ދުވަސްވަރެކެވެ. މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މިމުއްދަތުގެ ތެރޭގައި، ބޭރަށް ހިންގުން ޖެހިގެން ފަރުވާހޯދާފައިވާ މީހުންގެ ޢަދަދު އިތުރުވެފައިވާކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެޗްޕީއޭގެ ސީނިއަރ ޕަބްލިކް ހެލްތް ޕްރޮގްރާމް އޮފިޝަރ ފާތިމަތު ރަޝީދާ ވިދާޅުވީ ބޭރަށްހިންގުމަކީ ޢާއްމުކޮށް ކާބޯތަކެއްޗާއި ފެނުގެ ޒަރީޢާއިން ޖެހޭ ބައްޔެއްކަމުން، ބޯންބޭނުންކުރާ ފެން ކްލޮރިނޭޓްކޮށްގެން ނުވަތަ ކައްކައިގެން ބޭނުންކުރުމަށާއި، ވީހާވެސް ގިނައިން ދިޔާތަކެތި ބޭނުންކުރުން މުހިންމު ކަމަށެވެ. އަދި މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުން ބޭރަށް ހިންގުމުގެ ސަބަބުން ރިފޯޓް ކޮށްފައިވަ މީހުން ގިނަ ކަމަށްވެސް ރަޝީދާ ފާހަގަކުރެއްވިއެވެ.

"މިދުވަސްވަރު މާލެއާއި ބައެއް އަތޮޅުތަކުގައި ބޭރަށް ހިންގުން އިތުރުވަމުންދާ ކަމަށް އެޗްޕީއޭއަށް ލިބެމުންދާ ރިޕޯޓްތަކުން ފާހަގަވޭ. އެގޮތުން ހަފްތާއަކު 1500 ކޭސް މި އެޖެންސީއަށް ލިބެމުންދޭ. އެހެންކަމުން ސާފުތާހިރުކަމާއި، ކާބޯތަކެތީގެ ރައްކާތެރިކަމަށާއި މި ދުވަސްވަރު ޚާއްޞަ ސަމާލުކަމެއް ދިނުމަކީ ވަރަށް މުހިންމު ކަމެއް." އެޗްޕީއޭގެ ސީނިއަރ ޕަބްލިކް ހެލްތް ޕްރޮގްރާމް އޮފިސަރ ފާޠިމަތު ރަޝީދާ ވިދާޅުވިއެވެ.

އެޗްޕީއޭއިން ވިދާޅުވީ ބޭރަށް ހިންގުން ޢާއްމުކޮށް ޖެހެން މެދުވެރިވަނީ ކާބޯތަކެތީގެ ޒަރީޢާއިންނާއި ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން ކަމަށެވެ. ކަންމިހެން އޮތްއިރު، މިހާރަކަށް އައިސް ޢާއްމުން ހިނގާބިނގާވެ އުޅޭ މަގުމައްޗާއި އެނޫންވެސް ތަންތަނަށް ކުނިއަޅާފައި ހުންނަ މަންޒަރު ދަނީ ފެންނަމުންނެވެ. ކުންޏަކީ އޭގެ ސަބަބުން ބަލިމަޑުކަން އިތުރުވެގެންދާ އެއްޗަކަވާއިރު، މިފަދަ ކަންތައްތަކަށް ސާމާލުކަން ދިނުމަކީ ހުރިހާ އެއްމެންގެވެސް ޒިންމާއެކެވެ. ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ސާފުތާހިރުކޮށް ތިބުމުގެ އިތުރަށް، އަޅުގަނޑުމެން ކެއުންބުއިމަށް ބޭނުންކުރާ ބާވަތްތަކަށްވެސް ސަމާލުކަން ދޭންޖެހެއެވެ. ވަކިން ޚާއްޞަކޮށް ދިވެހިންނަކީ ކަނޑުމަހުގެ ބާވަތްތައް ނިސްބަތުން ގިނައިން ބޭނުންކުރާ ބައެކެވެ. އެހެންކަމުން ކެއުމުގައި ބޭނުންކުރާ މަހަކީ ތާޒާ މަސްތޯ ބެލުމަށާއި، ކެއުމަށް އެންމެ އެކަށީގެންވާ ގޮތަށް ހުރި މަހެއްތޯ ބެލުން މުހިންމެވެ. ބޭރަށް ހިންގުންފަދަ، ރޯގާތައް އިތުރުވަމުންދާ މިފަދަ ދުވަސްވަރެއްގައި، ޢާއްމު ސާފުތާހިރު ކަމަށް ސަލާމުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސް ކުރައްވައެވެ.