ދިވެހިރާއްޖެ ދުނިޔެއަށް މަޝްހޫރުވެފައިވަނީ ފަތުރުވެރިކަމުގައި އެފަދަ ދެވަނައަށް ނުވާފަދަ މަންޒިލެއްގެ ގޮތުގައެވެ. ފަތުވެރިކަމުގެ ދާއިރާއިން ބޭރުން ރާއްޖޭގެ ވާހަކަތައް ދުނިޔޭގެ ސަމާލުކަމަށް މަދު ފަހަރެއްގައި އަންނައިރު، ސަރުކާރުން ނިންމާ ނިންމުންތަކާއި ތަންފީޒުކުރާ ސިޔާސަތުތަކުގެ ޚަބަރުތައް ބައިނަލްއަޤްވާމީ މީޑިއާތަކުން ފެނުމަކީ ވަރަށް ނާދިރު ކަމެކެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާއި ހަމައިން ބައިނަލްއަޤްވާމީ ދުނިޔެއާއި މީޑިއާގެ ސަމާލުކަމަށް ރާއްޖެއާ ގުޅުންހުރި ރަނގަޅު ވާހަކަތަކާއި މީހުންގެ ތައުރީފް ލިބޭފަދަ ޚަބަރުތަކާއި ވާހަކަތައް އަންނަ މިންވަރު ދަނީ އިތުރުވަމުންނެވެ. އެގޮތުން ރައީސް މުޢިއްޒުގެ ސަރުކާރުން މިހާތަނަށް ތަންފީޒުކުރަން ފެއްޓެވި މުހިއްމު ގިނަ ކަންތައްތަކެއް ވަނީ ބައިނަލްއަޤްވާމީ ދުނިޔޭގެ ސަމާލުކަމަށް އައިސްފައެވެ. މިގޮތުން ފަލަސްތީނުގެ ހައްގުގައި ރައީސުލްޖުމްހޫރިއްޔާ ބައިނަލްއަޤްވާމީ މައިދާނުގައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅާއި، އިސްރާޢީލު ޕާސްޕޯޓްގައި ރާއްޖެ އެތެރެނުވެވޭ ގޮތަށް ނިންމެވި ނިންމެވުމަކީ ބައިނަލްއަޤްވާމީ ދުނިޔޭގެ ސަމާލުކަން ލިބުނު ކަންކަމެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި 15 ގަޑިއިރުގެ ޕްރެސް ކޮންފަރެންސާއި ގުޅޭ ޚަބަރުތައްވެސް ވަނީ ބައިނަލްއަޤްވާމީ ދުނިޔޭގެ ސަމާލުކަން ލިބިފައެވެ. އަދި ރާއްޖޭގައި ވޭޕް މަނާކުރި ޚަބަރުވެސް ވަނީ މީގެކުރިން ބައިނަލްއަޤްވާމީ މީޑިއާތަކުގެ ސަމާލުކަމަށް އައިސްފައެވެ.
އެންމެފަހުން ބައިނަލްއަޤްވާމީ މީޑިއާއާއި ދުނިޔޭގެ ސަމާލުކަން ލިބިގެންދިޔައީ އަންނާން އޮތް ޖީލުތަކަށް ރާއްޖޭގައި ދުންފަތް މަނާކުރުމުގެ ގޮތުން ޖެނެރޭޝަނަލް ބޭންއެއް ތަންފީޒުކުރަން ފެށުމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ނިންމެވުން ފާހަގަކޮށް، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ އިތުރުން ގިނަ ބަޔަކުވެސް ދަނީ ސަރުކާރަށް ތަޢުރީފުކުރަމުންނެވެ. މީގެއިތުރުން ދުނިޔޭގައިވެސް އަލަށް ޤައުމެއްގައި ދުންފަތާއި ދެކޮޅަށް ޖެނެރޭޝަނަލް ބޭންއެއް ތަންފީޒުކުރަން ފެށި ޤައުމަކަށް ރާއްޖެވުމާއެކު ދުނިޔޭގެ ބޮޑެތި ހުރިހާ މީޑިއާތަކެއްގައިވެސް އެއީ ރަނގަޅުކަމެއްގެ ގޮތުގައި ފާހަގަކޮށް، އެކަމާއި ގުޅުންހުރި ޚަބަރުތައް ގެނެސްދީފައެވެ.
ރާއްޖޭގައި ތަންފީޒުކުރަން ފެށި ޖެނެރޭޝަނަލް ބޭންގެ ޚަބަރުތައް ގެނެސްދިން މީޑިއާތަކުގެ ތެރޭގައި އިންޑިޔާއާއި ޕާކިސްތާންއާއި ލަންކާއާއި އިރުމަތީ އޭޝިޔާގެ މިޔަންމާ، މެލޭޝިޔާ، އުޒްބަކިސްތާންއާއި ޗައިނާގެ މީޑިއާތަކާއި އެމެރިކާގެ މީޑިއާތަކާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ބެލްޖިއަމްއާއި ސްވިޓްޒަލޭންޑްފަދަ ޔޫރަޕުގެ ބޮޑެތި ޤައުމުތަކުގެ މީޑިއާތަކުގެ އިތުރުން، އެފްރިކާ ބައްރުގެ މީޑިއާތައްވެސް ހިމެނެއެެވެ.
ދުންފަތާއި ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ސަރުކާރުން ނިންމަވާފައިވާ ނިންމުން މިހުރިހާ މިޑީއާތަކުންވެސް ސިފަކޮށްފައިވަނީ އަންނަން އޮތް ޖީލުތަކަށްޓަކައި ނިންމެވި މުހިއްމު ނިންމެވުމެއްގެ ގޮތުގައެވެ. އަދި އެތައް ބަޔަކު ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނައިރު، އެ މީހުންވެސް މިކަންކަމަށް ސަމާލުވުމަށް މީޑިއާތަކުގެ ޚަބަރުތަކުގައި ވަނީ އިރުޝާދުދީފައެވެ.
ދުންފަތާއި ދެކޮލަށް ޖެނެރޭޝަނަލް ބޭންއެއް ތަންފީޒުކުރަން ފެށި ފުރަތަމަ ޤައުމަކަށް ރާއްޖެވުމުގެ ޝަރަފު ލިބިފައިވާއިރު، އެހެން ބައެއް ޤައުމުތަކުންވެސް އަންނަނީ އެކަން ކުރުމަށް ތައްޔާރުވަމުންނެވެ. ނަމަވެސް ރާއްޖެ ފިޔަވައި އިތުރު އެއްވެސް ޤައުމަކަށް ދުންފަތާއި ދެކޮޅަށް މިފަދަ ފިޔަވަޅެއް ތަންފީޒުކުރެވިފައެއް ނުވެއެވެ.
ރާއްޖޭގައި ތަންފީޒުކުރަން ފެށި ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯގެ ދަށުން 2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތް ބޭނުންކުރުން މަނާކުރުމުގެ އިތުރުން އެ ޢުމުރުގެ އެއްވެސް މީހަކަށާއި ޢުމުރުން 21 އަހަރު ނުފުރޭ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުންވެސް ވަނީ މަނާކޮށްފައެވެ.