ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ރައީސް މައުމޫން ޢަބްދުލްޤައްޔޫމަށް ނޮވެންބަރު 3ގެ ޝަރަފުގެ ޚާއްޞަ އައްޑަނައެއް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. އަދި ނޮވެންބަރު 3 ގެ ޝަހީދުންގެ ޢާއިލާތަކަށް ހަނދާނީ އައްޑަނައެއް އެރުވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.
މި އައްޑަނަތައް އެރުވުން އޮންނާނީ، މިއަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މާދަމާ ހެނދުނު ސޯޝަލް ސެންޓަރުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. ޖަލްސާ ފެށޭނީ، ހެނދުނު 9 ޖަހާއިރުއެވެ.
މިގޮތަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ ޢުދުވާނީ ޙަމަލާގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކާއި އަދި އެދުވަހުގެ ޙަމަލާގައި ސިފައިންގެ ތެރެއިން ޝަހީދުވި ބޭފުޅުންނާއި، ޢާންމުންގެ ތެރެއިން ޝަހީދުވި ބޭފުޅުންގެ ޚިދުމަތުގެ އަގު ޤައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުންނެވެ.
ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާގައި ސިފައިންގެ ތެރެއިން ޝަހީދުވީ، 8 ބޭފުޅުންނެވެ. އަދި ޢާންމުންގެ ތެރެއިން ޝަހީދުވީ، 11 ބޭފުޅުންނެވެ.
ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޤައުމާ މުޚާޠަބު ކުރައްވާނެއެވެ. އަދި ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫންވެސް ވާހަކަފުޅު ދައްކަވާނެއެވެ.
ނަޞްރުގެ ދުވަހަކީ، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ބޭރުގެ ނިރުބަވެރި ބަޔަކު ދިން ޢުދުވާނީ ޙަމަލާގައި ރާއްޖެއަށް ނަޞްރު ލިބުނު ދުވަހެވެ. ދިވެހި 6 ޚާއިނުން، ނިރުބަވެރި ޖަމާޢަތަކާ ގުޅިގެން ދިން އެ ޙަމަލާގައި 19 ދިވެއްސަކު ޝަހީދުވިއެވެ.