ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބުން އަންނަނީ މެޗަކަށްފަހު މެޗެއް ރަނގަޅު ކުރަމުންކަމަށް އެ ކުލަބުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.
ނިއުރޭޑިއަންޓް އަތުން 2-1 ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ނިޒާމް ބުނީ ރަނގަޅު ކުރަން ޖެހޭ ބައިވަރު ކަންކަން އެބަހުރި ކަމަށާއި، ބަލިވާނަމަ މިއީ ވިސްނަން ޖެހޭ ކަމެއް ކަމަށެވެ.
ނިޒާމް ބުނީ ހޮނިހިރު ދުވަހުގެ ރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ދެކޮޅަށް ކުޅުނު މެޗުގައި ބުރު ސްޕޯޓްސް ކްލަބްގެ ކުޅުމާ ދޭތެރޭ އެއްވެސް މައްސަލައެއްނެތް ކަމަށާއި، އެއީ ވަރުގަދަ ސްކޮޑެއް އޮތް ބަޔަކު މޮޅުވާ ކަހަލަ މެޗެއް ކަމަށެވެ.
"މިރޭ އަކަންޏެއް ނޫން. ފަހުން ތިން މެޗުގައިވެސް އަހަރުމެންގެ ޑިފެންސް ލައިނުން ދީފަ ހުރި ހަދިޔާއެއް ގޯލު ކޮޅަށް އައިސްސަ ހުރީ. ކުޅުމާ ދޭތެރޭ އަނެއްހެން އެއްވެސް މައްސަލައެއްނެތް. ސްކޮޑްގައި ޑެޕްތް އޮތް ބަޔަކު މޮޅުވާ ކަހަލަ މެޗުތައް މި ހުންނަނީ، ފެންނާނެ ފަހުން ދަނޑުމައްޗަށްލީ ކުޅުންތެރިންގެ ލެވެލް ދެޓީމުގެ އެހެންވީމަ އެއީ ކަންނޭންގެ ބޮޑު ރޯލެއް ކުޅުނު އެއްޗަކީ ދެން" ނިޒާމް ބުންޏެވެ.
ޑިފެންސުން ހަދާ ގޯސްތަކާގުޅޭ ގޮތުން ނިޒާމް ބުނީ އެކަން ރަނގަޅު ކުރުމަށް ޖެހޭނީ ބަދަލުތައް ގެންނަން ކަމަށެވެ. އަދި ކުޅުންތެރިން ބަދަލުކުރަން ޖެހުނަސް ނުވަތަ ކުޅުމުގެ ވައްޓަފާޅިއަށްވިޔަސް ގެންނަ ޖެހޭ ބަދަލުތައް ގެނެސްގެން ކުރިޔަށް ހުރި މެޗުތައް ކާމިޔާބުކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.
"ކޮންމެ ގޮތެއްވިޔަސް ދެން ހުރި މެޗުތައް ކާމިޔާބުކުރަން ޖެހޭނެ އެހެންވީމަ ދެން އެ މެޗުތަކަށް ތައްޔާރުވާނީ" ނިޒާމް ބުންޏެވެ.
ނިއުރޭޑިއަންޓާއި ދެކޮޅަށް ބުރު ކުޅުނު މެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު މެޗުގެ ފުރަތަމަ ނުރައްކާތެރި ހަމަލާ ފޮނުވާލީ ބުރު ސްޕޯޓްސް ކުލަބުންނެވެ. އެއީ މެޗުގެ 7 ވަނަ މިނިޓުގައި މުޙައްމަދު ނާއިމް އޭރިއާ ތެރެއަށް ވަދެ އުފެއްދި ހަމަލާއެކެވެ. އެހެންނަމަވެސް އެބޯޅަ ކީޕަރު ދިފާއުކުރިއެވެ. ނިއު ރޭޑިއަންޓުން ފުރަތަމަ ލަނޑު ޖެހީ ބުރުގެ ޑިފެންޑަރ އަޙްމަދު ޢަބްދުﷲ ހެދި ގޯހެއްގެ ފައިދާ ނަގައި އޭރިޔާ ބޭރުން މޫސާ ޔާމީނަށް ލިބުނު ބޯޅައެއް ހިފައިގެން ގޮސް އޭރިއާ ތެރެއަށްވަދެ ގޯލަށް ވައްދާލައިގެންނެވެ.
ބުރުން ޖެހި ހަމައެކަނި ލަނޑަކީ މެޗުގެ 35 ވަނަ މިނިޓުގައި އޭރިއާ ބޭރުން ބުރުގެ ޢަލީ އިޝްފާގް ހަސަން މަޖީދު ކީޕަރު ބޯ މަތިން ގޯލަށް ވައްދާލައިގެން ޖެހި ލަނޑެވެ.
މެޗުގެ 68 ވަނަ މިނިޓުގައި ޢަލީ ފާސިރު އޭރިއާ ތެރެއިން ހުރަސްކޮށްލި ބޯޅައެއް އޭރިއާ ތެރޭގައި ހުރި ހަސަން ރާއިފް (ހަންނަ) ވަނީ ގޯލުގެ މަތީ ކަނަށް ވައްދާލައިގެން މި މެޗުން ނިއުގެ 2 ވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މި ލަނޑަށްފަހު ވެސް ބުރަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. މި މެޗަށްފަހު ބުރު އޮތީ 7 ޕޮއިންޓާއެކު ތާވަލުގެ 5 ވަނައިގައެވެ.