އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބަރންލީ އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން އާސެނަލް މޮޅުވެއްޖެ އެވެ.
މި މެޗުން މޮޅުވުމާއިއެކު އާސެނަލް އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 10 މެޗުން ލިބިފައިވާ 25 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި ހަތް ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. ދެވަނައިގައި އޮތް ބޯންމަތު އަށް އެއް މެޗު މަދުން ކުޅެގެން ލިބިފައިވަނީ 18 ޕޮއިންޓެވެ.
ރަށުން ބޭރުގައި އާސެނަލް ކުޅުނު މި މެޗުގެ 14 ވަނަ މިނިޓުގައި ވިކްޓަރ ގިޔޮކޯރެސް ވަނީ ލަނޑެއް ޖަހާ އާސެނަލް އަށް ކުރި ހޯދަދީފަ އެވެ. އަދި އޭގެ 11 މިނިޓު ފަހުން ލިއަންދްރޯ ޓްރޮސާޑް ދިން ޕާހަކުން ޑެކްލަން ރައިސް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.
މި މެޗުން އާސެނަލް މޮޅުވުމާއިއެކު އެ ޓީމުން ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުންވެސް މޮޅުވެފަ އެވެ. އަދި ޖެހިޖެހިގެން ހަތް މެޗުގައި އެ ޓީމުން ވަނީ ބައިކޮޅަށް ލަނޑެއް ވަނަނުދީ ހިފަހައްޓާފަ އެވެ.
އާސެނަލް އަށް ވަނީ މި މެޗުގައި އިތުރު ލަނޑު ޖަހާނެ ފުރުސަތުތަކެއްވެސް ލިބިފަ އެވެ. އެގޮތުން ބުކަޔޯ ސަކާ ފޮނުވާލި ނުރައްކާތެރި ހަމަލާ ބާރންލީގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ. އަދި ލިއަންދްރޯ ޓްރޮސާޑް ފޮނުވާލި ހަމަލާ ގޯލުގެ ރޮނގު ހުރަސް ކުރުމުގެ ކުރިން ކީޕަރު ވަނީ އެ ބޯޅަވެސް ދިފާއުކޮށްފަ އެވެ.
ޕްރިމިއާ ލީގުގައި މި ސީޒަނުގައި އާސެނަލް އިން ދައްކަމުންދާ މޮޅު ކުޅުމާއިއެކު 2004 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް އެ ޓީމަށް ޕްރިމިއާ ލީގު ކާމިޔާބު ކުރުވަކީ ކުރެވިދާނެ ކަމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.