ޚަބަރު

ބުރު އަތުން ނިއުއަށް އުނދަގޫ މޮޅެއް


  • []

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ބުރު ސްޕޯޓްސް ކުލަބު އަތުން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން އުނދަގޫ މޮޅެއް ހޯދައިފިއެވެ. މިމެޗު ނިއު މޮޅުވެފަވަނީ 2-1 ލަނޑުންނެވެ.

މެޗުން ނިއު މޮޅުވި ނަވެސް އެޓީމަށް ވަނީ އަލުން ތާވަލުގެ ދެވަނަ މަގާމު އަތުލެވޭ ގޮތް ނުވެފައެވެ. އެއީ ހަ މެޗުން އޮޑި ސްޕޯޓްސް ކުލަބު ވެސް 16 ޕޮއިންޓް ހޯދާފަވާތީއެވެ. ފައިދާ ގޯލުގެ ތަފާތުން އޮޑި ކުރީގަ އޮތް އިރު މި މޮޅާއެކު ނިއުއިން ވެސް ވަނީ 16 ޕޮއިންޓް ހަމަކޮއްފައެވެ. މެޗުން ބަލިވި ބުރު 6 މެޗުން ހޯދި 7 ޕޮއިންޓާ އެކު އޮތީ ތާވަލުގެ 5 ވަނައިގައެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު މެޗުގެ ފުރަތަމަ ނުރައްކާތެރި ހަމަލާ ފޮނުވާލީ ބުރު ސްޕޯޓްސް ކުލަބުންނެވެ.
މެޗުގެ 7 ވަނަ މިނިޓުގައި މުހައްމަދު ނާއިމް އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ކީޕަރު ވަނީ ދިފާއުކޮއްފައެވެ.

މެޗުގައި ނިއު ލަނޑު ޖަހާފަވަނީ ބުރުގެ ޑިފެންޑަރ އަހަމަދު އަބްދުﷲ ހެދި ގޯހެއްގެ ފައިދާ ނަގައި އޭރިޔާ ބޭރުން ލިބުނު ބޯޅައެއް އޭރިޔާ ތެރެއަށް ވަދެ މޫސާ ޔާމީން ފޮނުވާލި ބޯޅައެއް ގޯލަށް ވަދެގެންނެވެ.

ބުރުން ނަތީޖާ ހަމަހަމަކުރީ މެޗުގެ 35 ވަނަ މިނިޓުގައި އޭރިއާ ބޭރުން އަލީ އިޝްފާގް ހަސަން މަޖީދު ފޮނުވާލީ ހިތްގައި ބޯޅައެއް ގޯލަށް ވައްދާލައިގެންނެވެ. އިޝްފާގު ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ބޯމަތިންނެވެ.

ނިއުއިން މެޗުގައި ލީޑް ނެގީ 68 ވަނަ މިނިޓުގައި އަލީ ފާސިރު އޭރިއާ ތެރެއިން ހުރަސްކޮއްލި ބޯޅައެއް އޭރިއާ ތެރޭގައި ހުރި ހަސަން ރާއިފް ގޯލުގެ މަތީ ކަނަށް ވައްދާލައިގެންނެވެ.
މި ލަނޑަށްފަހު ވެސް ބުރަށް ވަނީ ލަނޑުޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން އަލީ ހަމްދާން ފޮނުވާލި ބޯޅައެއް ކީޕަރު އޭރިއާ ތެރެއިން ނުކުމެ ވަނީ ދިފާއުކޮއްފައެވެ.

މެޗުގެ ފަހުކޮޅު ނިއުގެ ބްރެޒިލްގެ އެޓޭކިން މިޑްފީލްޑަރ ލުއިސް ގޯމޭސް ޑެ ސިލްވަރ ފޮނުވާލުމުން ކީޕަރު ވަނީ މަތަކޮއްފައެވެ. މެޗުގެ އިތުރު ވަގުތުތެރޭގައި އޭރިޔާ ބޭރުން އަލީ ފާސިރު ފޮނުވާލީ ޖެހުމެއް ކީޕަރު ވަނީ ދިފާއުކޮއްފައެވެ.

ލީގުގައި ދެން ބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. ނިއު ނުކުންނާނީ ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.