ޚަބަރު

ޖެނެރޭޝަނަލް ބޭން: 32 ގަޑިއިރުގެ ޓެލެތޯން ކާމިޔާބުކަމާއެކު ނިންމާލައިފި


  • ޓެލެތޯންގެ ތެރެއިން ގިނަ މައުލޫމާތުތަކެއް ގެނެސްދީފައިވޭ

  • އާއްމުންގެ އަޑުތައް ގެނެސްދީފައިވޭ

ދުންފަތާ ދެކޮޅަށް ސަރުކާރުން އަޅާފައިވާ "ޖެނަރޭޝަނަލް ބޭން" އާ ގުޅިގެން ބޭއްވި ޚާއްސަ ޓެލެތޯން ނިންމާލައިފިއެވެ.

މިއީ 1 ޖެނުއަރީ 2007އިން ފެށިގެން އުފަންވެފައިވާ މީހުން 1 ނޮވެންބަރުން ފެށިގެން ދުންފަތުގެ އިސްތިޢުމާލުކުރުން މަނާވާނެތީ އެކަމަށް ޚާއްސަކޮށްގެން ރާއްޖޭގެ އެކި މީޑިއާތައް ގުޅިގެން ކުރިއަށްގެންދާ ޓެލެތޯންއެކެވެ.

މި ޓެލެތޯން ފަށާފައިވަނީ ހުކުރު ދުވަހުގެ ހަވީރު 3:45ގައެވެ. މި ޓެލެތޯނު ވަނީ ހޮނިހިރު ދުވަހުގެ ދަންވަރު 12 ޖެހުމާ ހަމައަށް ކުރިއަށްގެންގޮސްފައެވެ.

މި ޓެލެތޯންގެ ތެރެއިން ކަމާ ގުޅުން ހުރި ފަރާތްތަކުގެ އިންޓަވިއުތަކާއި ދުންފަތުގެ އިސްތިއުމާލާ ގުޅޭގޮތުން ސިއްޙީ ގޮތުންނާއި ދީނީ ގޮތުން މަޢުލޫމާތު ގެނެސްދީފައިވެއެވެ. މީގެ އިތުރުން ޒުވާނުންނާއި ބެލެނިވެރިންނާއި ސްކޫލް ދަރިވަރުންގެ ޝުޢުރޫތައް ގެނެސްދިނުމުގެ އިތުރުން ތަފާތު ބައިތައް މި ޓެލެތޯންގައި ގެނެސްދީފައިވެއެވެ.

ދުންފަތުން ދުރުވުމަށް އެހީތެރިވެދޭ ސިޒޭޝަން ކްލިނިކާއި އެޑްވޮކެސީ ސްޓޯލާއި ލައިވް މިއުޒިކް އަދި ފޮޓޯ ބޫތާ އެކު ކުރިއަށްގެންދިޔަ ދުވުން ނިންމާލައިފާވަނީ ޖުމްލަ 8959 މީހުން ބައުވެރިވެ ދުވުމަށްފަހު ހޮނިހިރު ދުވަހުގެ ހަވީރު 4 ޖަހާއިރުއެވެ. މި ހަރަކާތުގައި 110 އަަކަށްވުރެ ގިނަ ކްލަބް ޖަމިއްޔާ ޖަމާއަތްތަކުން އަދި 10 މީޑިއާ ޖެނެލާއި، 216 ސްކޫލަކުންނާއި، 65 ރަށަކުން ދުވުމުގައި ބައިވެރިވެފައިވެއެވެ. މީގެ އިތުރުން 188 ރަށަކުން ވީޑިއޯއާއި، 150 އަށްވުރެ ގިނަ މީހުންގެ އަޑު ޓެލެތޯންގައި ގެނެސްދެވިފައިވެއެވެ.

ޓެލެތޯންގައި ބައިވެރިވެވަޑައިގެން ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ ދުންފަތާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ މިހާރުވެސް ފެންނަމުންދާ ކަމަށެވެ.

"ކުރީގައި މާލެ އޭރިއާގައި ދުވާލަކު 50 ނޫނީ 60 ވޭޕް ސްޓިކް ފެނޭ ސްކޫލުން، އެހެން ނަމަވެސް މިހާރު ހަފްތާއެއްގެ މައްޗަށް އެކެއް ނޫނީ ދޭއް ވެސް ނުފެނެއޭ ބުނާ ވަރަށް މަދުވެއްޖެ، މިއީ ވަރަށް ބޮޑު ކުރިއެރުމެއް،" ވަޒީރު ޑރ. ޝަފީޢު ވިދާޅުވިއެވެ.

ދުންފަތާ ދެކޮޅަށް ސަރުކާރުން އަޅާފައިވާ "ޖެނަރޭޝަނަލް ބޭން" އަށް ދުނިޔޭގައިވެސް ނަމޫނާ ޤައުމަކަށްވެފައިވާއިރު، މިއީ ދިވެހިން ފަޚުރުވެރިވާން ޖެހޭ ކަމެއް ކަމުގައި ވަޒީރު ޑރ. ޝަފީޢު ވިދާޅުވިއެވެ.

ޓެލެތޯންގައި ވާހަކަދައްކަވަމުން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވީ ދުންފަތާ ދުރު ޖީލެއް ބިނާކުރުމާއެކު، ކުޅިވަރުގެ ދާއިރާއިން ކުރިމަގުގައި އިތުރު ކުރިއެރުންތައް ލިބިގެންދާނެ ކަމަށެވެ.

"ކުދިންގެ ޕާފޯމަންސް އިމްޕްރޫވްވެގެންދާނެ، މިހާރުވެސް ވޭޕް މަނާކުރުމާއެކު އޭގެ އަސަރުތައް އެތުލީޓުންގެ ފަރާތުން ދަނީ ފެންނަމުން، އެކަން ހުރިހާ ފަރާތަކުންވެސް ފާހަގަކުރޭ،" ވަޒީރު ރާފިޢު ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި މި ބިލު ޤާނޫނަކަށްވުމުން 1 ޖެނުއަރީ 2007އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލުކޮށްގެން ނުވާނެއެވެ. އަދި އެއުމުރުގެ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމަކީވެސް މަނާކަމެކެވެ.