ޚަބަރު

އެސްޓަން ވިލާ އާއި ދެކޮޅަށް ނިކުންނައިރު ލިވަޕޫލް އަށް އަނިޔާގެ މައްސަލަ


އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު އެސްޓަން ވިލާ އާއި ދެކޮޅަށް ލިވަޕޫލް ނިކުންނައިރު އެ ޓީމަށް އަނިޔާގެ މައްސަލަ ކުރިމަތިވެފައިވާ ކަމަށް ކޯޗު އާން ސްލޮޓް ބުނެފި އެވެ.

މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސްލޮޓް ބުނެފައިވަނީ މި މެޗަށް ނިކުންނައިރު އެ ޓީމުގެ ފޯވަޑް އެލެކްޒެންޑަރ އިސާކް އާއި ގޯލުކީޕަރު އެލިސަން އަށް އަނިޔާވެފައިވާ ކަމަށެވެ.

"އިއްޔެ ފަރިތަކުރުންތަކުގައި ރަޔާން ގްރަވެންބަރޗް ވަނީ ބައިވެރިވެފައި ނަމަވެސް އޭނާއަށް މި މެޗުގައި ކުޅެވޭނެތޯ އަދި ޔަގީނެއް ނޫން. ނަމަވެސް އިސާކް އާއި އެލިސަން އަށް މި މެޗުގައި ނުކުޅެވޭނެ ކަމުގެ 99.9% ޔަގީން ކަން އެބައޮތް." ސްލޮޓް ބުންޏެވެ.

މި ސީޒަނަށް ސްކޮޑު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން 599 މިލިއަން އެމެރިކާ ޑޮލަރު ހަރަދުކޮށް ގިނަ ކުޅުންތެރިންތަކެއް ލިވަޕޫލް އިން ހޯދާފައިވީ ނަމަވެސް މި ސީޒަނުގައި އެ ޓީމަށް ވަނީ އެދެވޭ ނަތީޖާތަކެއް ހޯދިފައެއް ނުވެއެވެ.

އެސްޓަން ވިލާ އާއި ދެކޮޅަށް މިއަދު ލިވަޕޫލް ނިކުންނައިރު އެ ޓީމުން ވަނީ އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗުން ވަނީ ބަލިވެފަ އެވެ. އަނެއްކޮޅުން މިވަގުތު ރަގަޅު ފޯމެއްގައި އޮތް އެސްޓަން ވިލާ އިން ވަނީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުން މޮޅުވެފަ އެވެ.

މި ހަފްތާގައި ވަރުގަދަ މެޗުތަކެއް ލިވަޕޫލް އިން ކުޅެން ޖެހޭއިރު އެސްޓަން ވިލާއަށް ފަހު އަންނަ އަންގާރަ ދުވަހު އެ ޓީމު ނިކުންނާނީ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑް އާއި ދެކޮޅަށެވެ.