ޚަބަރު

ރާއްޖޭގެ ޓެނިސް ޓީމު ބިލީ ޖީން ކިންގްކަޕަށް ވިއެޓްނާމްގައި


  • ޖޫންމަހު ހަނގުރާމައާއި ހެދި ނުބޭއްވުނު މުބާރާތް މިހާރު ބާއްވަނީ 10-16 ނޮވެމްބަރަށް ވިއެޓްނާމްގައި

  • ރާއްޖޭގެ އުންމީދަކީ ދެން އޮތް ބުރަށް ކޮލިފައިވުން

މިއަހަރުގެ ޖޫންމަހު އުރުދުންގައި ބާއްވަން އުޅުނު ބިލީ ޖީން ކިންގްކަޕް ވިއެޓްނާމަށް ބަދަލުވެފައިވާއިރު އެ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓެނިސް ކުޅުންތެރިން ތިބީ މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައިކަމަށް ގައުމީ ޓީމުގެ ކޯޗު އަލީ ރިޒާ ބުނެފިއެވެ.

ނޮވެމްބަރު 10-16 އަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ޓެނިސްގެ ވޯލްޑް ކަޕް ކަމުގައިބަލާ ބިލީ ޖީން ކިންގް ކަޕަށް ރާއްޖޭގެ އަންހެން ޓެނިސް ޓީމު ވިއެޓްނާމަށް ދިޔައީ 29 އޮކްޓޫބަރުގައެވެ.

ވަނީ ދެން އޮތް ބުރަށް ކޮލިފައިވުމުގެ އަމާޒުގައި މުބާރާތަށް އަންހެން ޓީމު ތައްޔާރުކުރިއިރު އީރާންގެ ކޯޗު ބުނީ ފަރިތަކުރުންތައް ބައްޓަންކުރީ ޑަބަލްސްއަށް ތައްޔާރުކުރުމަށް ކަމަށާއި، ޓެކްޓިކަލް އެވެއަރނެސްއާއި ފިޒިކަލް އަދި މެންޓަލް ގޭމުގެ އިތުރުން ކޯޓުގެ ހާލަތަށާއި ހެނދުނާއި ހަވީރުގެ ސެޝަންތަކަށް ހޭނުމަށް ކަމަށެވެ. އަދި ފިރިހެން ޓީމުގެ ސީނިއާ ކުޅުންތެރިންގެ އެހީތެރިކަންވެސް އަންހެން ޓީމު ތައްޔާރުކުރުމަށް ލިބުނު ކަމަށް ކޯޗު ފާހަގަ ކުރިއެވެ.

ކޯޗު ބުނީ ވިއެޓްނާމުގެ މޫސުމަށް ހޭނުމާއި ކޯޓަށް ހޭނުމަށް ކުޅުންތެރިންނަށް ބިލީޖީން ކިންގް ކަޕްގެ ކުރިން މުބާރާތެއް ލިބޭކަމަށާއި، އެގޮތުން ވިއެޓްނާމުގައި މި ކުޅުންތެރިން އައިޓީއެފް ޖޭ 30 މުބާރާތެއްގައި ވާދަކުރާނެ ކަމަށެވެ.

އަދި ރާއްޖޭގެ ކުޅުންތެރިންގެ މޮޓިވޭޝަން ރަނގަޅު ކަމަށާއި، ރަނގަޅު ހިތްވަރެއް ކުރާތަން ފަރިތަކުރުންތަކުން ފާހަގަަކުރެވުނު ކަމަށްވެސް ކޯޗު ބުންޏެވެ. އަދި މިއަހަރު ރާއްޖޭޣައި ބޭއްވި އައިޓީއެފް މުބާރާތާގެ ސަބަބުން ކުޅުންތެރިންނަށް ރަނގަޅު ތަޖުރިބާތަކެއްވެސް ލިބިފައިވާކަމަށް ކޯޗު ފާހަގަކުރިއެވެ.

އަންހެން ޓީމުގެ ކެޕްޓަން އައިމިނަތު އިރުފާ މާހިރު ބުނީ އައިޓީއެފް ކުޅުންތެރިން ތިބީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައިކަމަށެވެ. އަދި ރާއްޖޭގައި މިއަހަރު ބޭއްވި އައިޓީއެފް މުބާރާތުގެ ސަބަބުން ވަރަށް ރަނގަޅު ތަޖުރިބާތަކެއްވެސް ކުޅުންތެރިން ހޯދައިފި ކަމަށާއި، އޮކްޓޫބަރުގައި ނިމުނު ގައުމީ މުބާރާތަށްފަހު އަންހެން ކުދިން ފަރިތަކުރުންތައް ހާއްސަކުރީ ބިލީޖީން ކިންގް ކަޕަށް ކަމަށެވެ. އިރުފާ ބުނީ ފަރިތަކުރުންތަކުގައި ކުޅުންތެރިންގެ ކިބައިން ފާހަގަަ ކުރެވުނު މައްސަލަތައް ރަނގަޅުކުރުމާއި، ޑަބަލްސް ޕެއާތައް ރަނގަޅުކުރުމަށް ފޯކަސް ކުރެވުނު ކަމަށެވެ.

އަދި މި މުބާރާތަށް ކުދިން ތައްޔާރުކުރުމުގައި ބެލެނިވެރިންނާއި ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް) ގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށް އިރުފާ ފާހަގަކުރިއެވެ.

ބިލީ ޖީން ކިންގ ކަޕްގައި ރާއްޖެ ތަމްސީލްކުރާ ކުޅުންތެރިންނަކީ ނަޔާރާ އުސާމާ އަލީ، އަިއޝްތު ކަރިން ސައިޒާން، އާރާ އާސަލް އާޒިމް އަދި ނަބާ ނިޝާނެވެ. 2022 ވަނަ އަހަރުން ފެށީގެން ރާއްޖެއިން އަންނަނީ ބިލީ ޖީން ކިންގް ކަޕްގައި ވާދަކުރަމުންނެވެ.