 
										
			އީމާންކަމުގެ އަހުލުވެރީންނަކީ، ދޯހަޅިކަމެއް ނެތް ބަދަހި ޢިމާރާތެއް ފަދަ ބައެއްކަމަށާއި، އޭގެ އެއް ބައި އަނެއް ބަޔަށް ގަދަކަން ދޭ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ. 
ހުކުރު ޚުޠުބާގެ މައުޞޫއަކީ "އިސްލާމީ ރިސާލަތަކީ ލޯތްބާއި ރަޙުމަތުގެ ރިސާލަތެއް"އެވެ.
ހުކުރު ޚުޠުބާގައި ވިދާޅުވީ އިސްލާމީ ރިސާލަތަކީ މުޅި އިންސާނިއްޔަތަށް ހިދާޔަތު ދެއްވުމަށް މާތް ﷲ ފޮނުއްވި މަތިވެރި ރިސާލަތެއް ކަމަށެވެ. މި ރިސާލަތުގެ މައިގަނޑު އަސާސްތައް ބިނާވެފައިވަނީ ލޯތްބާއި ރަޙުމާއި އޯގާތެރިކަމާއި، ހަމަޖެހުމާއި އަމާންކަމުގެ އަސާސުގެ މަތީގައި ކަމަށާއި އިސްލާމީ ރިސާލަތަކީ އެއްކައުވަންތަ ކަލާނގެއަށް އީމާންވުމާއި، އެކަލާނގެއަށް ކިޔަމަންތެރިވުމަށް ގޮވައިލާ ރިސާލަތެއް ކަމަށެވެ. މިއީ މުޅި އިންސާނިއްޔަތަށް ބާއްޖަވެރިކަން ގެނެސްދޭ، ރަޙުމާއި ހަމްދަރުދީގެ ރިސާލަތެވެ. އިސްލާމްދީނުގެ ދުސްތޫރުކަމުގައިވާ ކީރިތި ޤުރްއާން ފެށިފައިވަނީ އޯގާވެރި އޯގާވަންތަ މާތް ﷲގެ އިސްމުފުޅުގެ ބަރަކާތުންކަމަށް ޙުޠުބާގައި ވިދާޅުވިއެވެ. 
މަތިވެރި އަޚުލާޤާއި ރަޙުމަތާ ދެމެދުގައި ވަނީ ގިނަގުނަ މާތް ސިފަތަކެވެ. އެ ސިފަތަކުން، ލޯބިވުމަށާއި ރަޙުމުކުރުމަށް ބާރުއަޅައެވެ. ބައެއް މީހުން އިސްލާމްދީނާ މެދު ދެކެނީ އެއްވެސް ރަޙުމެއްނެތް ހަރުކަށި ދީނެއްގެ ގޮތުގައެވެ. އެ ދީނަށް ތަބަޢަވާ މީހުންނަކީ އެއްވެސް އޯގާތެރިކަމެއްނެތް ހަރުކަށި ބަޔެއްގެ ގޮތުގައެވެ. އެހެނަސް ޙަޤީޤަތުގައި އިސްލާމްދީނަކީ ރަޙުމަތުގެ ދީނެވެ. 
"ނަބިއްޔާ އަހަރެމެންނަށް އަންގަވަނީ ރިވެތި އަޚުލާޤުގެ ވެރިޔަކަށް ވުމަށެވެ. އެއީ، ޤިޔާމަތްދުވަހުގައި އެ މީހާގެ ދަރަޖަ އުފުލޭނޭ ކަމެކެވެ. ރިވެތި އަޚުލާޤު ސިފަކުރައްވަމުން عَبْدُ اللَّهِ بْنُ الْمُبَارَك  رَحِمَهُ اللّه ވިދާޅުވެފައި ވެއެވެ. "އެއީ ހިނިތުންވުމާއި، ހެޔޮފޯރުވުމާއި، މީސްތަކުންނަށް އުނދަގޫނުކުރުމެވެ."  މި ފަދަ ކަންކަމުން އަހަރެމެންނަށް އެނގެނީ އިސްލާމްދީނަކީ ލޯތްބާއި، ހަމްދަރުދީއާއި،  އޯގާވެރިކަމާއި، އަޅައިލުމާއި، ހެޔޮފޯރުވުމުގެ ދީންކަމެވެ." ޚުޠުބާގައި ވިދާޅުވިއެވެ. 
ޚުޠުބާގައި ވިދާޅުވީ އިސްލާމްދީނާ މެދު، މި ދީނުގެ ޢަދުއްވުން ކުރަހައިފައިވާ ބިރުވެރި، އަނދިރި މަންޒަރަކީ ޙަޤީޤަތާ ޚިލާފަށް ކުރަހައިފައިވާ މަންޒަރެއް ކަމަށެވެ. ޙަޤީޤަތުގައި އިސްލާމްދީނަކީ އިންސާނިއްޔަތުގެ ދީނެވެ. ހެޔޮކަމާއި އޯގާތެރިކަން ފެތުރުމަށް ގޮވައިލާ ދީނެވެ. އަދި އެއީ ފަރުދުންނާއި މުޖުތަމަޢުތަކުގެ މެދުގައި ޞުލްޙަވެރިކަމާއި ހަމަޖެހުން ޤާއިމުކުރުމަށް މަސައްކަތްކުރާ ދީނެއް ކަމަށެވެ. 
ހުޠުބާގައި ވިދާޅުވީ އީމާންކަމުގެ އަހުލުވެރީންނަކީ، ދޯހަޅިކަމެއް ނެތް ބަދަހި ޢިމާރާތެއް ފަދަ ބަޔެއް ކަމަށާއި އޭގެ އެއް ބައި އަނެއް ބަޔަށް ގަދަކަން ދޭ ކަމަށެވެ.  
ޚުޠުބާގައި ވިދާޅުވީ އިސްލާމްދީނަކީ ހިތްތިރިކަމާއި މަޑުމައިތިރިކަމަށް ގޮވައިލާ ދީން ކަމަށެވެ. އިސްލާމީ އުންމަތުގެ އަފުރާދުންނަކީ، އެއް ބަޔަކު އަނެއް ބަޔަކަށް ރަޙުމްކުރާ، އޯގާތެރި، ބަޔަކަށްވުމަށް އިސްލާމްދީން ބާރުއަޅައެވެ. މި މަތިވެރި ސިފަތަކުގެ ސަބަބުން ދުންޔަވީ އަމާންކަމާއި ހަމަޖެހުން ލިބި، އުޚުރަވީ ބާއްޖަވެރިކަން ލިބެއެވެ. ހުޠުބާގައި ވަނީ  އެކުވެރިވެ، ދީނުގައި ވަރުގަދައަށް ހިފަހައްޓާ، ދެކޮޅުވެރިކަމާއި، ޙަސަދަވެރިކަމާއި، ގެއްލުންތަކަށް މަގުފަހިވާ ކަންތައްތަކުން ދުރުހެލިވުމަށް ގޮވާލާފައެވެ.