ޚަބަރު

މަނީ ލޯންޑަރިންގެ ކުށް ސާތިބުވެ ބައްސާމަށް އިތުރު 5 އަހަރުގެ ޖަލު ޙުކުމެއް


  • ފަސް އަހަރުގެ ޖަލު ޙުކުމަކާއެކު 154،000 ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައި

  • ޖޫރިމަނާ ފައިސާ ކުރިޔަށް އޮތް ހަމަސްދުވަހުގެ ތެރޭގައި ދައްކަންޖެހޭ

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ދިން 10،000 ޑޮލަރަށް ޚިޔާނާތްތެރިވުމުގެ އިތުރަށް، މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ބައްސާމް ޢަދީލް ޖަލީލަށް އިތުރު ފަސް އަހަރުގެ ޖަލު ޙުކުމަކާއެކު 154،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ވަނީ ޖޫރިމަނާ ފައިސާ ކުރިޔަށް އޮތް ހަމަސްދުވަހުގެ ތެރޭގައި ދެއްކުމަށް އަމުރުކޮށްފައެވެ.

ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ބައްސާމް ދައްކަން ޖެހޭ ފައިސާ 154،000 ރުފިޔާއަކީ، އެފްއޭއެމަށް ފީފާއިން ޖަމާކުރި (10،000) ޑޮލަރަށް ވާ ފައިސާއެވެ. އެއީ އެފްއޭއެމަށް 2018 ވަނަ އަހަރު ފީފާއިން ޖަމާކޮށްދިން ފައިސާއެވެ. ކްރިމިނަލް ކޯޓުން ކުރި ޙުކުމްގައި ބުނެފައިވަނީ އެ ފައިސާއިން ބައްސާމްގެ އަމިއްލަ ޚަރަދުތައް ކުރުމަށާއި، އެހެން މީހުންނަށް ޚަރަދުކުރުމަށް ބޭނުންކޮށްފައިވާކަން ދައުލަތުން ކޯޓަށް ސާބިތުކޮށްދީފައިވާ ކަމަށެވެ.

ކޯޓުގެ ޙުކުމުގައި ބުނެފައިވަނީ އެ ފައިސާ ބައްސާމް ބޭނުންކުރީ ޑޮލަރު މާރުކުރުމުގެ ބަދަލުގައި ރެހެންދި ފްލެޓަށް ކުލި ދައްކަން ކަމަށާއި، ޑޮލަރު މާރުކުރުމުގެ ނަމުގައި އަމިއްލަ އެކައުންޓަށް އެފައިސާ ޖަމާކޮށް ބައްސާމް އެފައިސާއަށް ޚިޔާނާތްތެރިވެފައިވާކަމަށެވެ.

އެ ފައިސާއަށް ޚިޔާނާތްތެރިވިކަމުގެ ކުށް ސާބިތުވެ ބައްސާމަށް ވަނީ 8 އޮކްޓޫބަރު 2025 ގައި 4 އަހަރުގެ ޖަލު ޙުކުމެއްވެސް އިއްވާފައެވެ. އެ ފައިސާއާއި ގުޅޭ މަނީ ލޯންޑަރިންގެ ކުށުގެ އަދަބަކަށް ދައުލަތުން އެދުނީ ބައްސާމްގެ މައްޗަށް އެންމެ ބޮޑު އަދަބެއް ދިނުމަށް ޙުކުމް ކޮށްދިނުމަށެވެ.

ބައްސާމްގެ މައްޗަށް ސާބިތުވި މަނީ ލޯންޑަރިންގެ ކުށުގައި އިއްވޭނެ އެންމެ ބޮޑު އަދަބަކީ 15 އަހަރުގެ ޖަލު ޙުކުމާއިއެކު 50،000 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރުމެވެ. އެހެންނަމަވެސް ބައްސާމް އެދިފައިވަނީ އޭނާގެ ކުށުގެ ރެކޯޑެއް ނެތުމުން އެންމެ ކުޑަ އަދަބެއް ދިނުމަށެވެ.

ފީފާއިން އެފްއޭއެމަށް ޖަމާކުރި 10،000 ޑޮލަރަށް ޚިޔާނާތްތެރިވުމުގެ ކުށާއި، މަނީ ލޯންޑަރިން އަކީ ދެ ކުށެއް ކަމަށް ކަނޑައަޅައި، ދައުލަތުން މި ދެ ކުށަށް ޙުކުމްކޮށްފައިވަނީ ވަކިވަކިންނެވެ.