ޚަބަރު

އަންނަ އަހަރަށް 64.2 ބިލިޔަން ރުފިޔާގެ ބަޖެޓެއް، ނިސްބަތުން ބޮޑު އަދަދެއް ދަރަނިދެއްކުމަށް


އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 64.2 ބިލިޔަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. 2026ވަނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހެޅުއްވީ، މާލީ ވަޒީރު މޫސާ ޒަމީރެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ، 64,202,565,720 (ފަސްދޮޅަސް ހަތަރު ބިލިއަން ދުއިސައްތަ ދެ މިލިއަން ފަސް ލައްކަ ފަސްދޮޅަސް ފަސް ހާސް ހަތް ސަތޭކަ ވިހި) ރުފިޔާއެވެ.

މީގެ ތެރެއިން ޚަރަދުގެ ގޮތުގައި ހިނގާނީ، 49.2 ބިލިޔަން ރުފިޔާއެވެ. އޭގެތެރޭގައި ހިމެނެނީ، ރިކަރަންޓް ޚަރަދުގެ ގޮތުގައި 39.9 ބިލިޔަން ރުފިޔާއެވެ. އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.3 ބިލިޔަން ރުފިޔާއެވެ.

އަންނަ އަހަރު ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރަނީ، 40.4 ބިލިޔަން ރުފިޔާކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގެ ނިސްބަތުން ބޮޑު އަދަދެއް، ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމަށް ވަނީ ހިމަނާފައެވެ. އެގޮތުން ހަމައެކަނި މިކަމަށް 9.3 ބިލިޔަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާއިރު، މި ޚަރަދުތައް ކެނޑުމަށްފަހު އަންނަ އަހަރުގެ ބަޖެޓަކީ، 55 ބިލިޔަން ރުފިޔާ ކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.

މާލީ ވަޒީރު ވިދާޅުވީ، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓަކީ، ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަކުރުމަށް ގިނަ ފިޔަވަޅުތަކެއް ހިމަނާފައިވާ ބަޖެޓެއް ކަމަށެވެ.

"މިސަރުކާރަށް ވާރުތަވި ބޮޑެތި ދަރަނިތަކުން ދިވެހިން ސަލާމަތްކޮށް، ވިސްނުންތެރި ސިޔާސަތުތަކެއްގެ ދަށުން މުސްތަގްބަލުގެ ޖީލުތަކަށް ބުރަ ބޮޑު ނުވާނެހެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަރައްޤީގެ ތަސައްވަރު ކުލަކޮށްދޭނެ ބިންގަލެއް. ރައްޔިތުންގެ އާންމު ދިރިއުޅުމާ ގުޅިފައިވާ ސިއްހަތު، ތައުލީމު އަދި ހަކަތަ ފަދަ މުހިންމު އަސާސީ ޚިދުމަތްތަކަށް ދެމެހެއްޓެނިވި ހައްލުތަކެއް ގެނެސްދޭނެ ފަދަ ގޮތަކަށް ފަރުމާކޮށްފައިވާ ބަޖެޓެއް. ޤައުމީ ތަރައްޤީގެ މުހިންމު ލަނޑުދަނޑިތަކަށް ހަޤީޤީ ކުލަވަރު ގެނުވާނެ ފަދަ ބަޖެޓެއް" ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.

ބަޖެޓް ބަޔާން ނިންމަވައިލައްވަމުން ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، މި ބަޖެޓު ހުށަހަޅާފައިވާ ގޮތަށް މަޖިލީހުން ފާސްކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މަޖިލީހުން ސަރުކާރުން ކުރައްވާ މަސައްކަތްތަކުގައި ކެއްތެރިކަމާއި ސާބިތު ކަމާއެކު ދެއްވަވާ އެއްބާރުލެއްވުމަށް ވަނީ ޝުކުރު ދަންނަވާފައެވެ.