އެސްއެމްއީ ފައިނޭންސް ކޯޕަރޭޝަން ޑިޖިޓަލްކޮށް "އެސްއެމްއީ ޑިޖިޓަލް" އަށް ރީބްރޭންޑްކޮށްފިއެވެ. ރީބްރޭންޑްކޮށްފައިވަނީ، "ދިވެހީންގެ ބޭންކް – މުޅި ރާއްޖެއަށް" ކެމްޕޭނު އިފްތިތާހުކުރުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައެވެ.
އެސްއެމްއީ ފައިނޭންސް ކޯޕަރޭޝަން ރީބްރޭންޑް ކޮށްދެއްވީ، ބީއެމްއެލްގެ ޗެއަރޕާސަން އަޙްމަދު އަލީ ހަބީބާއި، ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްޑީއެފްސީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ބަދުރުއްދީން ޚަސަން ވިދާޅުވީ، އެސްއެމްއީ ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީއަށް މިއީ ވަރަށް ޚާއްސަ ދުވަހެއް ކަމަށެވެ. އަދި ކުންފުނީގެ ކުރިމަގު ޒަމާނީ ޓެކްނޮލޮޖީއާއިއެކު ބައްޓަން ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އެސްއެމްއީ ޑިޖިޓަލްއަށް ރީބްރޭންޑް ކޮށްފައިވާ ކަމަށެވެ.
އެސްއެމްއީ ޑިޖިޓަލްއަށް ރީބްރޭންޑް ކުރުމާއިއެކު ކުރިއަށް އޮތްތަނުގައި އެ ކުންފުނި ވެގެންދާނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހަމައެކަނި ފައިނޭންސް ފޯރުކޮށްދޭ ކުންފުންޏަކަށް ނޫންކަން ފާހަގަކުރައްވައި ބަދުރުއްދީން ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އެސްއެމްއީ ޑިޖިޓަލް ވެގެންދާނީ ކުދި ވިޔަފާރިތަކަށް ބޭނުންވާ ހުރިހައި ހައްލެއް ލިބޭ ޑިޖިޓަލް ޕްލެޓްފޯމްއަކަށް ކަމަށެވެ.
"ޝަރީއާ އުސޫލުތަކާއި އެއްގޮތައް ކުރާ ފައިނޭންސިންގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގާ އެކި ވިޔަފާރިތައް އެއްތަނަށް ގެނެސްދޭ ޑިޖިޓަލް މާކެޓް ޕްލޭސްއަކަށް އެސްޑީއެފްސީ މެދުވެރިކޮށް ފުރުސަތު ފަހިވެގެންދާނެ. މި މާކެޓް ޕްލޭސްއަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ވިޔަފާރިވެރިންނާއި ޚިދުމަތް ހޯދާ ފަރާތްތަކާއި އަދި ވިޔަފާރީގެ ބައިވެރިން ގުޅުވައިދޭނެ މަގެއް. މީގެއިތުރުން ކުދި ވިޔަފާރިތަކަށް ފައިސާ މެނޭޖްކުރަން ބޭނުންކުރާ ޑިޖިޓަލް ޓޫލްސްތަކާއި، ވިޔަފާރިތަކަށް ބޭނުންވާ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަންސްތައްވެސް އެސްއެމްއީ ޑިޖިޓަލްގެ މޯބައިލް އެޕް މެދުވެރިކޮށް ތައާރަފްކުރުމަށް ވަނީ ނިންމާފައި." ބަދުރުއްދީން ވިދާޅުވިއެވެ.
އެސްޑީއެފްސީ ވަނީ، ދާދިފަހުން ބީއެމްއެލްގެ ސަބްސިޑަރީއަކަށް ބަދަލުކޮށްފައެވެ. ބީއެމްއެލްއާއިއެކު ކުރާ އިންޓަގްރޭޝަން މަސައްކަތްތަކުގެ ތެރެއިން ބީއެމްއެލްގެ މޯބައިލް އެޕަށް އޭޕީއައިއިން ގުޅުވާލާ، ބީއެމްއެލްގެ މޯބައިލް އެޕްގެ ތެރެއިން އެސްއެމްއީ ޑިޖިޓަލްގެ ޚިދުމަތްތައް ކަސްޓަމަރުންނަށް މިހާރު ފެންނާނެ ކަމަށް އެސްޑީއެފްސީން ވިދާޅުވިއެވެ. އަދި ފެސިލީޓީތަކަށް ބީއެމްއެލް އެޕް މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތްވެސް ފަހިވެގެންދާނެއެވެ.
އެސްއެމްއީ ޑިޖިޓަލްއަކީ، ރާއްޖޭގައި އެސްއެމްއީ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް މަގުފަހިކޮށްދޭ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ އިސްލާމީ ޝަރީއާއާއި އެއްގޮތައް ގާއިމްކުރާ ފުރަތަމަ މާލީ މުވައްސަސާކަމަށްވެސް އެ ބޭންކުން ވަނީ ވިދާޅުވެފައެވެ.