ޚަބަރު

ވިނިޝިއަސް މައާފަށް އެދިއްޖެ


އެލް ކްލެސިކޯ ގައި ބާސެލޯނާ އާއި ދެކޮޅަށް ރެއާލް މެޑްރިޑް މިދިޔަ އާދީއްތަ ދުވަހު ކުޅުނު މެޗުގައި ރެއާލް މެޑްރިޑްގެ ފޯވަޑް ވިނިޝިއަސް ޖޫނިއަރ ބަދަލު ކުރުމާއި ގުޅިގެން އޭނާގެ ފަރާތުން ފެނުނު ހިތްހަމަ ނުޖެހުމުގެ ކަންތައްތަކަށް އޭނާ މައާފަށް އެދިއްޖެ އެވެ.

މެޗުގެ 71 ވަނަ މިނިޓުގައި ކޯޗު ޝަބީ އަލޮންސޯ ވަނީ ވިނިޝިއަސް ޖޫނިއަރގެ ބަދަލުގައި ރޮޑްރިގޯ ކުޅެން އަރުވާފަ އެވެ. އަދި އެކަމާއި ހިތްހަމަ ނުޖެހިގެން ވިނިޝިއަސް ޖޫނިއަރ ވަނީ ބަދަލު ކުރުމުން ބެންޗަށް ދިއުމުގެ ބަދަލުގައި ޗޭންޖިން ރޫމަށް ގޮސްފަ އެވެ. ނަމަވެސް ފަހުން އޭނާ ވަނީ ބެންޗަށް އައިސްފަ އެވެ.

ވިނިޝިއަސް ޖޫނިއަރ ގެ ސޯޝަލް މީޑިޔާގައި އޭނާ އާންމުކޮށްފައިވާ ގޮތުގައި އޭނާ ވަނީ އިއްޔެ ބޭއްވި އެ ޓީމުގެ ފަރިތަކުރުންތަކުގައި ޓީމުގެ ކުޅުންތެރިންގެ އިތުރުން ކްލަބްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްގެ ފަރާތުން މައާފަށް އެދިފަ އެވެ. އަދި އޭނާ ވަނީ މި ޕޯސްޓްގައި ރެއާލް މެޑްރިޑްގެ ސަޕޯޓަރުންގެ ފަރާތުންވެސް އޭނާގެ ފަރާތުން ފެނިގެންދިޔަ އަމަލުތަކަށް މައާފަށް އެދިފަ އެވެ.

ނަމަވެސް ވިނިޝިއަސްގެ އެއްވެސް ޕޯސްޓެއްގައި ކޯޗު ޝަބީ އަލޮންސޯގެ ނަން ހިމަނާފައި ނުވާކަން ފާހަގަކޮށްލެވެ އެވެ.

ވިނިޝިއަސް އިތުރަށް ބުނެފައިވަނީ އޭނާގެ ފަރާތުން އެފަދަ އަމަލުތަކެއް ފެނިގެން ގޮސްފައިވަނީ އޭނާއަކީ އަބަދުވެސް މޮޅުވާން ބޭނުންވާ މީހެއް ކަމަށައި އަދި އޭނާގެ ފަރާތުން ޓީމަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވެފައިވާލެއް ބޮޑު ކަމުން ކަމަށެވެ.

ރެއާލް މެޑްރިޑްގެ ކޯޗު ކަމާއި ޝަބީ އަލޮންސޯ ހަވާލުވުމަށްފަހު ވިނިޝިއަސް އާއި އެކު ރަގަޅު ގުޅުމެއް ނޯންނަކަމަށް ސްޕެއިންގެ ބައެއް މީޑިޔާތަކުން ވަނީ ބުނެފަ އެވެ. އަދި ޝަބީ އަލޮންސޯ ވަނީ ގިނަ މެޗުތަކުގައި ވިނިޝިއަސް ބަދަލުކޮށްފަ އެވެ.

ލަލީގާގެ އެއްވަނައިގައި 27 ޕޮއިންޓާއެކު އޮތް ރެއާލް މެޑްރިޑް އޮތްއިރު މިއީ ވާދަވެރި ބާސެލޯނާ އަށްވުރެ ފަސް ޕޮއިންޓް އިތުރު އަދަދެކެވެ.