ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް، އެޗްއާރުސީއެމްގެ މެންބަރުކަމަށް ޑރ. ޢާއިޝަތު ރަމީލާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ.
ހިޔުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމަށް، ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއަށް މި ސަރުކާރުގައި އައްޔަން ކުރެއްވި ފުރަތަމަ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވީ މިމަހުގެ 2 ވަނަ ދުވަހުއެވެ. ރަމީލާ އެޗްއާރުސީއެމަށް އައްޔަންކުރަން ފާސްވީ 63 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
އެޗްއާރުސީއެމަށް މެންބަރަކު އައްޔަން ކުރައްވަނީ އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މަރިޔަމް މުނާގެ މަގާމުގެ މުއްދަތު ހަމަވާތީއެވެ.
ޤާނޫނުގައި ބުނާގޮތުން މިނިވަން މުއައްސަސާއެއްގެ މެންބަރެއްގެ މަގާމުގެ މުއްދަތު ހުސްވެއްޖެނަމަ ނުވަތަ މަގާމުގެ މުއްދަތު ހަމަވާނަމަ އެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވަންޖެހޭނެއެވެ. އެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާނީ މި ފުރުސަތުގައި ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ފޮނުއްވައި މަޖިލީހުން ފާސްވުމަށްފަހުއެވެ.
ޑރ. ރަމީލާގެ ޞިއްޙީ ޙާލުކޮޅު ހުރިގޮތުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރުކަމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ.
އެޗްއާރުސީއެމްގައި 5 މެންބަރުންގެ ތިއްބަވާއިރު، ކޮމިޝަނުގައި މިހާރު ތިއްބަވަނީ ރައީސް މަރިޔަމް މުނާގެ އިތުރަށް ނައިބު ރައީސް މުޙައްމަދު ޝަފީޤް މަޙްމޫދާއި މެންބަރު ސަމާއު އަހުމަދު ނަޖީބާއި އިސްމާއިލް ހަބީބް އާއި އަޙްމަދު މަޤުސޫމެވެ.