ޚަބަރު

ލެއްޗެ ބަލިކޮށް ނަޕޮލީ އެއްވަނަ އަށް


އިޓާލިއަން ސެރިއާ ގައި ރޭ ލެއްޗެ އާއި ދެކޮޅަށް ނަޕޮލީ ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ނަޕޮލީ މޮޅުވެ ތާވަލުގެ އެއްވަނަ މަގާމް ހޯދައިފި އެވެ.

މި މެޗުން ލިބުތު ތިން ޕޮއިންޓާޢެކު ނަޕޮލީ އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 9 މެޗުން ޖުމްލަ 21 ޕޮއިންޓް ލިބިފަ އެވެ. ދެވަނައިގައި އޮތް ރޯމާ އަށް އެއް މެޗު މަދުން ކުޅެގެން ލިބިފައިވަނީ 18 ޕޮއިންޓެވެ.

ލެއްޗެގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 12 ވަނަ މިނިޓުގައި ލީޑު ނަގަން ލެއްޗެއަށް ވަނީ ރަގަޅު ފުރުސަތެއް ލިބިފަ އެވެ.

މެޗުގެ 57 ވަނަ މިނިޓުގައި ލެއްޗެ އަށް ލިބުނު ޕެނަލްޓީ ފްރެންޗެސްކޯ ކަމާޑާ ފޮނުވާލިއިރު ނަޕޮލީގެ ގޯލުކީޕަރު މިލިންކޮވިޗް ސަވިޗް ވަނީ މަތަކޮށްފަ އެވެ. އޭނާ ވަނީ ސެރިއާގައި މިހާތަނަށް ކުރިމަތިލި 9 ޕެނަލްޓީގެ ތެރެއިން ފަސް ޕެނަލްޓީ މަތަކޮށްފަ އެވެ.

މި މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު މެޗުގެ 69 ވަނަ މިނިޓުގައި ނަޕޮލީ އަށް ކާމިޔާބު ކޮށްދީފައިވަނީ އެންޑްރޭ-ފްރެންކް ޒަމްބޯ އަންގީސާ އެވެ.

މިއީ އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ނަޕޮލީގެ މިޑްފީލްޑަރ ކެވިން ޑްބްރޫނިއާ އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާއި ދުރަށް ދާން ޖެހުނު ފަހުން އެ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ.

އިޓާލިއަން ސެރިއާ ގައި ރޭ އެޓްލާންޓާ އާއި ދެކޮޅަށް އޭސީ މިލާން ކުޅުނު މެޗު ވަނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފަ އެވެ.

މި ނަތީޖާ އާއިއެކު އޭސީ މިލާނަށް ނުވަ މެޗުން 18 ޕޮއިންޓް ލިބިފައިވީ ނަމަވެސް އެ ޓީމު އޮތީ ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ ތިންވަނައިގަ އެވެ.