ޅ. އޮޅުވެލިފުށީގައި ސަރުކާރުން ގާއިމުކުރައްވާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފިއެވެ.
މި ސެންޓަރުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޅ އޮޅުވެލިފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އާއި ހަވާލުކުރައްވައިގެން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ މި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބުދުﷲ ރާފިއު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދާއި، އޮޅުވެލިފުށި ހިމެނޭ، ކުރެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުހައްމަދު ޝާމިން ހަބީބާއި، އޮޅުވެލިފުށި ކައުންސިލްގެ ރައީސް މުހައްމަދު އާޒިމެވެ.
މިއީ ހަރަކާތްތެރި ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ކުރެވޭ މަސައްކަތަށް އެމްއޭސީއެލްއިން ދޭ އެއްބާރުލުން ފާހަގަކުރެވޭ މަޝްރޫއަކަށްވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ކޮންމެ ރަށެއްގައިވެސް ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ގާއިމުކޮށް އެރަށެއްގެ ރައްޔިތުންނަށް ވީ އެންމެ އަވަހަކަށް އެތަންތަނުގައި އެކި ކަހަލަ ކުޅިވަރުތައް ކުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ.
އަދި ރާއްޖޭގެ ހުރިހާ ހިސާބެއްގައި މިސެންޓަރުތައް ގާއިމުކުރައްވަނީ އެކި ކަހަލަ ބޯޑު ގޭމުތަކާއި، އިންޑޯ ޖިމާއި، އެރޮބިކްސްއާއި ތަފާތު އިންޑޯ ކުޅިވަރުތައް ކުޅޭވޭ ގޮތަށެވެ.