އަންހެނުންގެ ޝޯޓްކޯސް 400 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓާއި އަންހެނުންގެ ޝޯޓްކޯސް 100 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު މިރާލް ޢައިން ލަތީފް އައު ކޮށްފިއެވެ.
ޔޫކޭގައި ކުރިއަށްދިޔަ ސިޓީ އޮފް ޕްލިމަތު އެނުއަލް ސްވިމް މީޓް 2025 ގައި މިރާލް މިރެކޯޑު އައު ކޮށްފައިވަނީ 05:40.64 އިން ރޭސް ނިންމައިގެންނެވެ.
މިއިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އައު ކޮށްފައިވަނީވެސް މިރާލްއެވެ. އެއީ، މިއަހަރުގެ މެދުތެރޭގައި ބޭއްވި އޭޕީ ރޭސް ޕްލިމަތު ސަމަރ އޯޕަން 2025 ގައި ވާދަކޮށް، 05:43.81 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.
އަންހެނުންގެ ޝޯޓްކޯސް 100 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑް މިރާލް އައު ކުރީ ޔޫކޭގައި ކުރިއަށްދިޔަ ސިޓީ އޮފް ޕްލިމަތު އެނުއަލް ސްވިމް މީޓް 2025 ގައި 01:13.63 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.
މިއިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީ އައިޝަތު ސައުސަންއެވެ. އެއީ، 2021 ވަނަ އަހަރު ބޭއްވި 15 ވަނަ ފީނާ ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް (25 މީޓަރ) ގައި ސައުސަން ރޭސް ނިންމާފައިވަނީ 01:14.03 އިންނެވެ.