ޚަބަރު

އިސް ސަފުގައި ހަރަކާތްތެރިވާ އަންހެނުންގެ ނިސްބަތް %39އަށް ވަނީ އިތުރުވެފައި


  • އަންހެނުންނަށް ލީޑަރޝިޕް ހުނަރު ތަރައްޤީކުރުމުގެ ޕްރޮގްރާމްއެއް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރެވެމުން

  • އިޤްތިސާދީގޮތުން އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން އިސްކަންދޭ

ލީޑަރޝިޕް ނުވަތަ އިސް ސަފުގައި ހަރަކާތްތެރިވާ އަންހެނުންގެ ނިސްބަތް އިތުރުވަމުންދާކަމަށް އިޖްތިމާއި އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އަންހެނުން މަދު ދާއިރާތަކުގައި އަންހެނުންގެ ދައުރުފުޅާކޮށް އަންހެނުން ބާރުވެރިކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެއެވެ.

އިޖްތިމާއި އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ލީޑް ޗައިލްޑް ޕްރޮޓެކްޝަން އޮފިސަރ އާމިނަތު ރިޝްމީ އާމިރު ވިދާޅުވީ އަންހެނުންގެ ދައުރުފުޅާކުރުމަށްޓަކައި ސަރުކާރުންނާއި އަދި އެ ވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން އަދި އިޖްތިމާއި ގޮތުން އަންހެނުންގެ ދައުރު ފުޅާކުރުން ހިމެނޭކަމަށް ވިދާޅުވިއެވެ.

ރިޝްމީ ވިދާޅުވީ މީގެ ތެރެއިންވެސް އިޤްތިސާދީގޮތުން އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން އިސްކަންދޭކަމަށެވެ. އެގޮތުން އަންހެނުންނަށް ހާއްސަކޮށް ދޫކުރާ ފަށާމަދަދު ލޯނަކީ ފާހަގަކޮށްލެވޭ މަސެއްކަތެއްކަަމަށް ވިދާޅުވިއެވެ. ރިޝްމީ ވިދާޅުވީ ލީޑަރޝިޕް ނުވަތަ އިސް ސަފުގައި އަންހެނުންގެ ހަރަކާތްތެރިވާ މިންވަރު އިތުރުވަމުންދާކަމަށެވެ. އެގޮތުން 16 އިންސަތައިން 39 އިންސައްތައަށް އިތުރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު ތަފާސްހިސާބުތަކަށް ކުރިން 16 ޕަސެންޓުގައި ބޯޑުތަކުގެ ނިސްބަތް އިންއިރު މިހާރު ބޯޑުތަކުގައި އަންހެނުންގެ ނިސްބަތް 39 އިންސައްތައަށް މިވަނީ އިތުރުވެފައި. މިގޮތުން ގެނެވުނު ބަދަލުތަކާއި ލޯކަލް ކައުންސިލް އިންތިހާބުގައި އަންހެން ކައުންސިލަރުން ވަނީ އިތުރުވެގެންގޮސްފައި." ރިޝްމީ ވިދާޅުވިއެވެ.

ރިޝްމީ ވިދާޅުވީ އަންހެނުންނަށް ލީޑަރޝިޕް ހުނަރު ތަރައްޤީކުރުމުގެ ޕްރޮގްރާމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މުޅި ރާއްޖެއަށް އަމާޒުކޮށްގެންކަމަށް އޭނާ ވިދާޅުވިއެވެ. ރިޝްމީ ވިދާޅުވީ ވަޒީފާގެ މާހައުލުގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް މިންގަނޑުތައް ކަނޑައަޅާ، މި މިންގަނޑުތަކަށް ފެތޭ އިދާރާތަކުން 'ހަމަހަމަކަން ކަށަވަރު ނިޝާން' ނުވަތަ 'ޖެންޑަރ އީކުއަލިޓީ ސީލް' ބޭނުންކުރުމަކީވެސް ކުރެވެމުންދާ މުހިންމު މަސައްކަތެއްކަމަށެވެ.

ދައުލަތުގެ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުގައި މިންތީގެ ހަމަހަމަކަމަށް ބާރު އެޅުމުގެ ގޮތުން، ޤައުމީ ފެންވަރުގައި "ހަމަހަމަކަން ކަށަވަރު" ނިޝާން ތަޢާރަފުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވާފައިވަނީ 24 ޑިސެންބަރު 2023 ގައި ބޭއްވުނު ވަޒީރުންގެ މަޖިލީހުގައެވެ. އެގޮތުން، މި ނިޝާނަކީ ޖެންޑަރ އީކުއަލިޓީ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންގައިވާ އިދާރާތަކުން ކުރާ މަސައްކަތް މެއިންސްޓްރީމްކުރުމަށް އެޅޭ މުޙިއްމު ފިޔަވަޅަކަށް ވެގެންދާނެއެވެ.