ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރާއްޖޭގައި ފުޓްބޯޅައިގެ ވަސީލަތްތައް ގާއިމުކުރެއްވުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިޔަށް ގެންދަވާ ކަމަށާއި، ކުޑަކުދިންނަށް މި ކުޅިވަރު ކުޅުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް ދެއްވާ އިސްކަން ފާހަގަކުރައްވާ ދުނިޔޭގެ ފުޓްބޯޅައިގެ ރައީސް ޖިއާނީ އިންފަންޓީނޯ ތައުރީފު ކުރައްވައިފިއެވެ.
ރާއްޖޭގެ ފުޓްބޯޅަ އިދާރާ، އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤްގެ ދައުވަތަކަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހުކުރު ދުވަހު ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވަނީ އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. މި ޒިޔާރަތުގައި ރައީސް ޑރ. މުޢިއްޒު އާއި ބައްދަލުކުރައްވާ ފުޓްބޯޅައިގެ ތަރައްޤީއާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވުމަކީ ލިބުނު ފަހުރެއް ކަމަށް އިންފަންޓީނޯ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު މި ރީތި ރާއްޖޭގައި ފުޓްބޯޅައަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން ތުއްތު ކުދިންނަށް މިކުޅިވަރު ކުޅުމުގެ ފުރުސަތުތައް ފަހިކޮށްދެއްވާ ފުޓްބޯޅައިގެ އިންފްރާސްޓްރަކްޗރ ކުރިއެރުވުމަށް ކުރައްވާ މަސައްކަތް ފާހަގަ ކުރައްވާ އިންފަންޓީނޯ ވަނީ ސޯޝަލް މީޑިއާގައި ރައީސްގެ މަސައްކަތްފުޅަށް ތައުރީފު ކުރައްވާފައެވެ.
ރާއްޖޭގެ ރައީސްއާއި ފީފާގެ ރައީސްގެ މަޝްވަރާތަކަށްފަހު އިންފަންޓީނޯ ވިދާޅުވީ ރައީސް ޑރ. މުއިއްޒު އަދި އެމަނިކުފާނުގެ ސަރުކާރަކީ ދިވެހިންގެ ވަރުގަދަ ލޯތްބެއް އެކުޅިވަރަކަށް ދީފައިވާ ފުޓްބޯޅައަށް ވަރަށް ބޮޑަށް އެއްބާރުލުން ދެއްވާ ސަރުކާރެއް ކަމަށެވެ.
އިންފަންޓީނޯ ވިދާޅުވީ މި ކުޅިވަރުން އަންހެން އަދި ފިރިހެން ކުދިންނަށް ހިނިތުންވުން ގެނެސްދީ އިންސްޕަޔަރކޮށް އުންމީދު ގެނެސްދޭ މަސްދަރެއްގެ ގޮތުގައި ފީފާގެ މިޝަންއާއި އެއްގޮތަށް އެންމެންނަށްވެސް އުފާވެރިކަން ގެނެސްދިނުމަށް އެއްހަމައެއްގައި ދެމި އޮންނާނެ ކަމަށެވެ.
އިންފަންޓީނޯގެ އަރިހުގައި ފީފާގެ ބައެއް އިސްވެރިންވެސް ވަނީ ރައީސް އާއި ބައްދަލުކުރައްވާފައެވެ. އޭގެ ތެރޭގައި ފީފާގެ ސެކެއްޓްރީ ޖެނެރަލް މަތިއަސް ގްރެފްސްޓްރޮމް، ފީފާގެ ރައީސްގެ އޮފީހުގެ އެންމެ އިސްވެރިޔާ ފެޑެރިކޯ ރަވިގްލިއޮން، ފީފާގެ އެގްޒެކެޓިވް އޮފީސް މެނޭޖަރ ޖިއާނީ މަންކާ، ފީފާގެ ކޮމިއުނިކޭޝަން އެޑްވައިޒާ އޮނޮފްރޭ ކޮސްޓަރ، ފީފާގެ ރީޖަނަލް އޮފީހުގެ އިސްވެރިޔާ ޕްރިންސް ރޫފަސް އަދި އިޓަލީގެ ކުރީގެ ފުޓްބޯޅަ ލެޖެންޑް މާކޯ މަޓަރާޒީ ހިމެނެއެވެ.
މި ބޭފުޅުން ރައީސްގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައި އިންފަންޓީނޯ ވަނީ ރާއްޖޭގެ ފުޓްބޯޅައިގެ ތަރައްޤީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައުލޫމާތު ހޯއްދަވާފައެވެ. އަދި ފުޓްބޯޅައިގެ ތަރައްޤީއަށް ގާއިމުކުރެވޭ ވަސީލަތްތަކުގެ މައުލޫމާތުވެސް ހޯއްދެވިއެވެ. މީގެ އިތުރުން ރާއްޖޭގެ ފުޓްބޯޅައަށް ފީފާއިން އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާއި މެދު ދެ ރައީސުން ވަނީ މަޝްވަރާ ކުރައްވާފައެވެ.