އެމެރިކާއިން ރާއްޖެއަށް ބައިލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. އެމެރިކާއަކީ މިހާރު ރާއްޖެއަށް 7 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 21 ގެ ނިޔަލަށް ރާއްޖެއަށް 1،763،319 ( އެއްމިލިޔަން ހަތްސަތޭކަ ފަސްދޮޅަސް ތިން ހާސް ތިންސަތޭކަ ނަވާރަ) ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު %10 އިތުރު އަދަދެކެވެ.
އެވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އެމެރިކާއިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ ބައިލައްކައަށް އަރާފައެވެ. މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް އެމެރިކާއިން ރާއްޖެ އައިސްފައިވަނީ 51،021 (ފަންސާސް އެއްހާސް އެކާވީސް) ފަތުރުވެރިންނެވެ. މިއީ ރާއްޖެ އައި ފަތުރުވެރިންގެ %2.9 އެވެ.
* ޗައިނާ: 287،274 ފަތުރުވެރިން
* ރަޝިއާ: 216،621 ފަތުރުވެރިން
* އިނގިރޭސިވިލާތް: 155،136 ފަތުރުވެރިން
* ޖަރުމަނުވިލާތް: 129،477 ފަތުރުވެރިން
* އިޓަލީވިލާތް: 117،614 ފަތުރުވެރިން
މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެއީ %73.7 ފަތުރުވެރިންނެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ގެސްޓްހައުސްތަކުގައެވެ. އެއީ %21.5 ފަތުރުވެރިންނެވެ.
ސަރުކާރުން މިއަހަރު އަމާޒުހިފާފައިވަނީ ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1.7 މިލިޔަން ފަތުރުވެރިންނެވެ. އެހެންކަމުން އަމާޒު ހާސިލްކުރަން ދެން ބޭނުންވަނީ 6 ލައްކަ ފަތުރުވެރިންނެވެ. އެވްރެޖްކޮށް މިހާރު ރާއްޖެއަށް ދުވާލެއްގެ މައްޗަށް 6000 އަށްވުރެ ގިނަ ފަތުރުވެރިން އާދެއެވެ.