ޚަބަރު

ދެކުނަށާއި މެދުރާއްޖެތެރެއަށް ވިއްސާރަކުރާނެ


ކުރިއަށް އޮތް ސައުވީސް ގަޑިއިރު ރާއްޖޭގެ ދެކުނަށާއި މެދުރާއްޖެތެރެއަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިޔަށް އޮތް ސައުވީސް ގަޑިއިރު ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވިއްސާރަކުރާނެ ކަމަށެވެ. ނަމަވެސް އެންމެ ބޮޑަށް ވިއްސާރައިގެ އަސަރު ކުރާނެކަމަށް ލަފާކުރެވެނީ މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކުގެ ތެރެއިން ށ އަތޮޅާއި ހުވަދު އަތޮޅުގެ ރަށްތަކަށްކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

އެ ސަރަހައްދުގެ އަތޮޅުތަކުގެ ކަނޑުތައް ޢާންމުގޮތެއްގައި ގަދަވެފައި ކޮޅިގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައިގެން ދަތުރުކުރެއްވުމަށްވެސް އެ އިދާރައިން އިލްތިމާސްކުރައްވައެވެ. އެގޮތުން ވައިގަދަވެ ވިލާގަނޑުގައި ގަޑިއަކު ސާޅީސް މޭލާއި ސާޅީސް ފަސް މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެއިދާރާއިން މަޢުލޫމާތުދެއްވައެވެ. 

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ޢާންމު ވިއްސާރަކަމަށާއި، މިއީ ތޫފާނެއް ނުވަތަ އެނޫން ކަމެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ނޫންކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތުދެއްވައެވެ. ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރަ ކުރިއަށްއޮތް ދެ ދުވަހުތެރޭގައި ރަނގަޅުވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.