ތިމާވެށި

ކުނި މެނޭޖްކުރަން ޕީއެސްއައިޕީން 20.3 މިލިއަން ރުފިޔާ


ރައްކާތެރިގޮތުގައި ކުނިމެނޭޖްކުރުމުގެ މަޝްރޫޢުގެ ތެރެއިން މިއަހަރުގެ ތެރޭގައި ހއ. ހދ. ށ. ގައި ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ސެންޓަރުތައް ހެއްދެވުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވާ ގޮތުގައި މި މަޝްރޫޢުތައް ހިންގަވަނީ ޕީ.އެސް.އައި.ޕީގެ އިތުރުން ބޭރުގެ ލޯން އެހީގެ ދަށުންނެވެ. ހއ. ހދ. ށ. ގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކުނިމެނޭޖްކުރުމުގެ މަޝްރޫޢުތަކުގެ އިތުރަށް އެހެން ބައެއް ސަރަޙައްދުތަކުގައިވެސް ކުނިމެނޭޖްކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. އޭގެތެރޭގައި އަތޮޅުތަކުގައި ހިންގަވާ މަޝްރޫޢުތަކުގެ އިތުރުން މާލޭގެ ކުނިމެނޭޖް ކުރުމަށްޓަކައި ކުރައްވަމުންދާ މަސައްކަތްތައްވެސް ހިމެނެއެވެ.  

އެންވަޔަރަމަންޓް މިނިސްޓްރީން ހާމަކުރައްވާ ގޮތުގައި ކުނި މެނޭޖްކުރުމުގެ ބައިން އެކަނިވެސް ޕީ.އެސް.އައި.ޕީ ބަޖެޓުން މިއަހަރުގެ މިހާތަނަށް 20.3 މިލިޔަން ރުފިޔާ ސަރުކާރުގެ ބަޖެޓުން ވަނީ ޚަރަދުކުރައްވާފައެވެ. އަދި މިއަހަރު ކުނިމެނޭޖްކުރުމުގެ އިތުރު މަޝްރޫޢުތަކުގެ މަސައްކަތް ކުރިޔަށް ގެންދެވުމަށް ނިންމާފައިވާ ކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ. ޕީއެސްއައިޕީ ނުވަތަ ޕްރައިވެޓް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމަކީ، އެ އަހަރެއްގެ ރިކަރަންޓް ޚަރަދުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ފައިސާއާ ނުލައި އަދި ބޭރުގެ އެހީތައްވެސް ނުހިމަނުއްވައި، އަހަރަކަށް ބަޖެޓްކުރެވިފައިވާ ތަރައްޤީގެ ޢާންމު ޕްރޮޖެކްޓަތައް ހިމެނޭ ޕްރޮގްރާމެވެ.

img:http://s2.psmnews.mv/images/660x400/14717737843164.jpg|ރ. އަލިފުށީގައި ކުނި މެނޭޖް ކުރުމުގެ މަސައްކަތުގައި ވެމްކޯއިން ހަރަކާތްތެރިވަނީ - ފޮޓޯ: ވެމްކޯ

ރާއްޖޭގައި އެންމެ ގިނަ ބަޔަކު ދިރިއުޅެމުން އަންނަ މާލޭ ސަރަޙައްދުގެ ކުނި މެނޭޖްކުރުމާ ގުޅޭގޮތުން ވާހަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ މިއަހަރުގެ ފަހުކޮޅު، މާލޭގެ އެކި ސަރަޙައްދުތަކަށް ބައްސަވާލައްވައިގެން ކުނި ޖަމާކުރެއްވުމުގެ މަސައްކަތް ފަށްޓަވާނެކަމަށެވެ. އަދި އިންޑަސްޓްރިއަލް ސަރަޙައްދުން ވޭސްޓްމެނޭޖްމަންޓްގެ ކަންތައްތަކަށް ދޫކުރައްވާފައިވާ ބިން މިނިސްޓްރީއަށް އެންވައިރަންމަންޓް ޙަވާލުކުރެވުމުން، އެތަން ތަރައްޤީކުރެއްވުމުގެ މަސައްކަތް ކުރައްވާނެކަމަށާއި، އެތަން ޑިޒައިންކުރެއްވުމުގެ މަސައްކަތް މިހާރު ކޮންޓްރެކްޓަރަކާ ޙަވާލުކުރައްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން މާލެއިން ތިލަފުށްޓަށް ކުނިގެންދިއުމުގެ ކަންތައްތައް ޚަރަދުކުޑަ ގޮތެއްގައި ކުރެއްވުމަށްޓަކައި އެކަމަށް ބޭނުންވާ އުޅަނދުފަހަރު ހޯދެއްވުމުގެ މަސައަކަތް ކުރިޔަށް ގެންދަވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ." ތިލަފުށީގައި ވޭސްޓް މެނޭޖްކުރުމަށްޓަކައި ގެންގުޅުނު އިކްއިޕްމެންޓަކީ ކުއްޔަށް ހިފައިގެން ގެންގުޅޭ އެއްޗެހި.. އެ އެއްޗެހި މިހާރު ވަނީ ރިޕްލޭސްކޮށް، އަމިއްލަ އިކްއިޕްމެންޓް ގެނެސްފައި. މާލެއިން ތިލަފުށްޓަށް ކުނި އުފުލަނީ އަގުބޮޑުކޮށް ކުއްޔަށް ހިފައިގެން ދޯނިފަހަރުގައި.. އިރާދަކުރެއްވިޔާ އެކަންތައްވެސް މާގިނަދުވެހެއް ނުވެ ނިމުމަކަށް ގެނެސް، ރައްކާތެރި ގޮތުގައި ކުނިމެނޭޖްކުރާނެ އުޅަނދުފަހަރު ބޭނުންކޮށްގެން އެކަންތައްތައް ކުރުމުގެ ޕްލޭންތައް ހެދިގެންދާނެ." މިނިސްޓަރ ވިދާޅުވިއެވެ.

މާލޭ ސަރަޙައްދުގެ ރައްޔިތުންނަށްވެސް ރައްކާތެރިގޮތުގައި ކުނިމެނޭޖްކުރުމުގެ ކަންތައްތައް ރާއްވަވައި، ޚަރަދު ކުޑަގޮތެއްގައި ކުރިޔަށްގެންދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ކުނި އުކާލުމުގައި ބޭނުންކުރާ ޕިކަޕްގެ ޚަރަދި ބޮޑުވެގެންދިއުމާއެކު އެކަމަށް ޙައްލެއް ގެނައުމަށްޓަކައި ވެމްކޯއިން ވަނީ އެކަހަލަ ޚިދުމަތްތައް ތަޢާރަފް ކުރައްވާފައި. ޓްރާންސްޕޯޓް އޮތޯރިޓީން ދޫކޮށްފައި އޮންނަ އަގުގައި އެކަންތައް ކޮށްދޭގޮތަށް މިހާރު އޮތީ ހަމަޖެހިފައި." މިނިސްޓަރ ވިދާޅުވިއެވެ. 

img:http://s2.psmnews.mv/images/660x400/14698780199464.jpg|ކުޅުދުއްފުށީގައި ކުނި އުކާލާ ސަރަހައްދު- ފޮޓޯ: ޕީއެސްއެމް

ކުނި ރައްކާތެރިގޮތުގައި މެނޭޖްކޮށް ބެލެހެއްޓުމުގެ ޤާބިލްކަން މިސަރުކާރުގެ އެބަހުރިކަމަށާއި، ކުނިމެނޭޖް ކުރުމަށް ދިމާވާ މައްސަލަތައް ޙައްލުކުރެއްވުމަށް ގިނަ ޕްރޮޖެކްޓްތަކެއް މިހާރުވެސް ކުރިޔަށް ގެންދަވާކަން އެމިނިސްޓްރީން ފާހަގަކުރެއްވިއެވެ.