ޚަބަރު

މީޑިއާ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލުގެ މަޤާމަށް ހުޅުވާލައިފި


  • ޖުމުލަ މުސާރައަކީ 35،500 ރުފިޔާ

  • މީޑިއާގެ މަސްއޫލިވެރިއަކަށް ނުވަތަ އެޑިޓަރަކަށް ވެގެންނުވާނެ

އަލަށް އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލުގެ މަޤާމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އުފެއްދި މި ކޮމިޝަނަށް ސެކްރެޓަރީ ޖެނެރަލަކު އައްޔަންކުރުމަށްޓަކައި އެ މަޤާމަށް ކުރިމަތިލާން ހުޅުވާލާފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވީ ސެކްރެޓަރީ ޖެނެރަލުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، މިމަހުގެ 28 ވަނަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން އެ ކޮމިޝަނުގެ އިދާރާއަށް ހުށައަޅަން ޖެހޭނެ ކަމަށެވެ. އަދި ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ކޮމިޝަނުގެ އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަންނާނެކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

މީޑިއާ ކޮމިޝަނުގެ އެސްޖީގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ނޫސްވެރިކަން ނުވަތަ ބްރޯޑްކާސްޓްކުރުމުގެ ދާއިރާއިން ނުވަތަ ސިޔާސަތު ކަނޑައެޅުމާބެހޭ ދާއިރާއިން ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ޙާޞިލުކޮށްފައިވުން ނުވަތަ މީޑިއާގެ ދާއިރާއިން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ޙާޞިލުކޮށްފައިވާ މީހެއްކަމުގައިވުމެވެ.

މީޑިއާ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލަކަށް މީޑިއާއެއްގެ މަސްއޫލުވެރި ފަރާތެއް ނުވަތަ އެޑިޓަރެއްގެ މަޤާމު އަދާކުރަމުންދާ މީހަކަށް ނުވެވޭނެއެވެ. އަދި އޭނާއަކީ ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ނުވަތަ ޢައްޔަންކުރެވޭ މަޤާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުމާއި ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ވެގެންނުވާނެއެވެ. މި މަޤާމުގެ އަސާސީ މުސާރައަކީ މަހަކު 20،500 ރުފިޔާއެވެ. އަދި ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 15،000 ރުފިޔާ ލިބޭނެއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަންކުރަންޖެހޭ 7 މެންބަރުން މިހާރު ވަނީ އައްޔަންކުރައްވާފައެވެ. އެ މެންބަރުންނަކީ ޢަބްދުލްޢަޒީޒް އިބްރާހީމާއި ޒަމްޢަތު އަޙްމަދު ވަޙީދާއި ސިމާޙާ ނަސީމާއި ޙުސައިން ޘަޤީފާއި މުޙައްމަދު ފަރުސަތާއި ސަފާ ޝަފީޤާއި އާމިނަތު ސަރާޙަތު ޢިއްޒަތެވެ.

މީޑިއާ ކޮމިޝަނަށް ރައީސަކު އައްޔަންކުރުމުގެ މައްސަލަ މިހާރު އޮތީ މަޖިލީހުގައެވެ. ކޮމިޝަންގެ މެންބަރުންގެ ތެރެއިން، ކޮމިޝަނަށް ރައީސަކު އައްޔަންކުރާނީ މަޖިލީހުންނެވެ. ނައިބު ރައީސަކު އައްޔަންކުރާނީ ކޮމިޝަނުގެ މެންބަރުންގެ އަޤުލަބިއްޔަތުންނެވެ.