މާދަމާ ދިވެހި ފަސްގަނޑަށް ވަޑައިގަންނަވާނެ ލީޑަރަކީ ދުނިޔޭގެ ފުޓްބޯޅައިގެ ރައީސް ޖިއާނީ އިންފަންޓީނޯއެވެ. މިއީ ފާއިތުވެދިޔަ 19 އަހަރު ތެރޭގައި ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާގެ ރައީސަކު ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
އިންފަންޓީނޯ އަކީ ކޮންގައުމެއްގެ ކާކު ހެއްޔެވެ؟ ދުނިޔޭގެ ފުޓްބޯޅައިގެ ރައީސް ކަމަށް ކަމަށް އޭނާ ވަޑައިގަތީ ކިހިނެތް ހެއްޔެވެ؟ ގެންނެވި ބަދަލުތަކަކީ ކޮބާ ހެއްޔެވެ؟
އުމުރުން މިހާރު 55 އަހަރުގެ އިންފަންޓީނޯ އަކީ އަސްލަކީ އިޓަލީއެވެ. މިހާރު އެއީ ސްވިޒަލޭންޑް މީހެކެވެ. ގިނައިން ދިރިއުޅުއްވަނީ އަމިއްލަ އާއިލާއާއެކު ގަތަރުގައެވެ. އޭނާގެ މައިންބަފައިންނަކީ އިޓަލީން ސްވިޒަލޭންޑަށް 1970ގެ ތެރޭގައި ހިޖުރަކުރި ބައެކެވެ. އިޓަލީ ބަޔަކަށްވުމުން ކުޑައިރު އޭނާ އަށް ބުލީ ކުރުމާއި ނަސްލީ ތަފާތު ކުރުންތަކާ ކުރިމަތިލާން ޖެހުނެވެ. މިއަށްވުރެ ބޮޑު ކަމަކަށް ދިމާވީ ސިއްހީ ހާލަތުގެ ސަބަބުން އޭނާ އާއި އެއްބަނޑުއެއްބަފާ ކުދިންނަށް ވެސް ލޭ އަޅަން ޖެހުމެވެ. ދިރިހުރުމަށްޓަކައި ހަށިގަނޑަށް ކޮންމެހެން ބޭނުންވި މި ލޭ ހޯދުންވީ މައިންބަފައިންގެ ފަގީރު ހާލަތުގެ ސަބަބުން، ވަރަށް ދަތިކަމަކަށެވެ. އިންފަންޓީނޯ އަށް ދެ ފަހަރެއްގެ މަތީން ލޭ ހަދިޔާ ކޮށްދިނީ އިނގިރޭސި ރަށްވެއްސަކާއި ކޮސޯވޯ ނުވަތަ ކުރީގެ ޔޫގޯސްލާވިޔާގެ މީހެކެވެ. އޭނާ ހެދިބޮޑުވީ އިނގިރޭސިންނާއި ކޮސޯވޯގެ ލެއިން ކަމަށް އިންފަންޓީނޯ ވިދާޅުވަނީ މިހެންވެއެވެ.
އޭނާގެ ބައްޕައަކީ ރޭލު ދަތުރުކުރި މީހެކެވެ. ލިބޭ ހުސްދުވަހު އަންހެނުންނާއެކު ކުރާ ކަމަކީ ބިޑި، ސުއްޓާ އާއި ނޫސް ކަރުދާސް ވިއްކުމެވެ. މިހާލުގައި އުޅެން ޖެހުނަސް އިންފަންޓީނޯ ހިތްވަރު ދުލެއް ނުކުރެއްވިއެވެ. އޭނާ އަކީ އަބަދުވެސް ވަރަށް ސާބިތުވެ ހުންނެވި، ކަންކަމުގައި ހިތްވަރު ގަދަ ބޭފުޅެކެވެ. މަދަރުސާ ނިންމާފައި ކޮންމެ ދުވަހަކު ވެސް އާދަވެ އޭނާ ކުރައްވާ ކަމަކީ އިޓަލީގެ ގެޒެއްޓާ ނޫސް ވިދާޅުވުމެވެ. ހާއްސަކޮށް ކުޅިވަރު ވަކިން ބޮޑަށް ފުޓްބޯޅައިގެ މައުލޫމާތު ކިޔުއްވައެވެ.
ސްވިޒަލޭންޑްގެ ޔުނިވަރސިޓީ އޮފް ފްރިބޯގް އިން ގާނޫނީ ދާއިރާއިން ކިޔަވާ ވިދާޅުވުމަށްފަހު އޭނާ ފުރަތަމަ ކުރެއްވި މަސައްތަކަކީ އޭނާ ދިރިއުޅުއްވި ކުޑަކުޑަ އަވަށުގެ އާދައިގެ ފުޓްބޯޅަ ޓީމަކަށް އެހީތެރިވެދީ އެ ޓީމުގެ ހިންގުން ޒަމާނީ ކުރެއްވުމެވެ. މިއަށްފަހު ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާ އަށް ގާނޫނީ މަސައްކަތް ކުރުމުގެ ފުރުސަތު ހޯއްދެވިއެވެ. އެއީކޮންޓްރެކްޓް އުސޫލުންނެވެ.
ފަހުން ފީފާގައި ވެސް މަސައްކަތްތަކެއް ކުރައްވަން ފުރުސަތު ލިބި އެންމެ ފަހުން ޔޫއޭފާއިގައި ފުލްޓައިމްވީއެވެ. ނަމަވެސް އޭރު ކަންކަން އޮތްގޮތުން ގިނަ ބަޔަކު ބުނަމުންދިޔައީ އިންފަންޓީނޯ ވެސް ވެވަޑައިގަންނަވާނީ ވެރިންގެ އަތްދަބަސް އުފުލައްވާނެ ބޭފުޅަކަށް ކަމަށެވެ. ނަމަވެސް އެހީތައް އެއްފަރާތްކޮށް ކުރިއަރަމުންގޮސް 2009 ވަނަ އަހަރު ޔޫއޭފާގެ ޖެނެރަލް ސެކްރެޓަރީ ކަމަށް ވަޑައިގެންނެވިއެވެ. އެ މަގާމުގައި ކުދި ގައުމުތަކަށް މާލީ ގޮތުން ކުރިއަރައިދާނެ ގޮތްތަކެއް ފަރުމާކުރެއްވިއެވެ. ޔޫރަޕުގެ ފުޓްބޯޅައިގައި އަމަލުކުރަމުންދާ ފައިނޭންޝަލް ފެއާޕްލޭ ގަވާއިދުތައް ފަރުވާކުރެއްވުމުގެ އިސް މޭސްތިރިއަކީ ވެސް އޭނާއެވެ.
މިފަދަ ކާމިޔާބު މަސައްކަތްތަކަކާއެކު ފީފާގެ ރައީސް ކަމަށް 2016 ވަނަ އަހަރު އޭނާ ވަޑައިގަތީ ވަރަށް ގިނަ ބައެއްގެ ތާއިދާއެކުގައެވެ. އިންފަންޓީނޯ ދެނެވަޑައިގަންނަވާ ބޭފުޅުން ވިދާޅުވާ ގޮތުގައި އޭނާގެ މަގުބޫލުކަން ޔޫއޭފާ އާއި ފީފާގެ ތެރޭގައި ގަދަވެގަތީ މަތީ ފަންތީގެ ބޭފުޅުންނާއެކު ބާއްވަވާ މަޝްވަރާތަކުގައި ދައްކަވާ ވާހަކަފުޅުތަކުގެ ސާދާ ކަމުންނެވެ. އޭނާ އަކީ ހަތް ބަހަކުން ފަރިތަކަމާއެކު ވާހަކަ ދައްކަވާ ބޭފުޅެކެވެ. ގެންގުޅުއްވަނީ ހަރުދަނާ އުސޫލުތަކެކެވެ. އެކިއެކި ބޭބޭފުޅުންނަށް މެހުމާންދާރީ އަދާ ކުރައްވައި ކުރައްވާ ސަމާސާތަކުންނާއި ގާނޫނީ ފަންނުގައި ދެއްކެވި ސާބިތުކަމާއި ހިޔާލުތަފާތު ކަންކަމުގައި ހައްލު ހޯއްދަވާލެއް ހުށިޔާރު ކަމުން އޭނާ ވެވަޑައިގަތީ މަގުބޫލު ބޭފުޅަކަށެވެ.
އިންފަންޓީނޯ ޔޫއޭފާގައި މަސައްކަތް ކުރެއްވި ދުވަސްވަރަކީ ފްރާންސްގެ ކުރީގެ ކެޕްޓަން މިޝޭލް ޕްލެޓިނީގެ ޒައާމަތުގައި އެ ޖަމާއަތް ރާސްލާފައި ކުރިއަރައި ދިޔަ ދުވަސްވަރެކެވެ. އޭރު ފީފާ އޮތީ ސެޕް ބްލެޓާގެ މުށުތެރޭގައި ތާށިވެފައެވެ. މިހެންވެ މި ދެ ޖަމާއަތުގެ އެންމެ މަތީ މަގާމަށް ވާސިލްވުމަކީ އާދައިގެ ކަމެއްނޫންކަން ގިނަ ބަޔަކު ދެނެވަޑައިގަތެވެ. އެކަމަކު ކޮރަޕްޝަނުގެ މައްސަލާގައި މި ދެ ބޭފުޅުންގެ މަގާމު ގެއްލި ވަޑައިގަތުމުން ފީފާގެ ރައީސް ކަމަށް އިންފަންޓީނޯ ތާއީދު ހޯއްދެވީ އެތައް ދުވަހެއް ވަންދެން އޭނާ ދެއްކެވި ސާބިތުކަމާއި ބޭއްވެވި ގާތް ގުޅުމާއި މައްސަލަތަކަށް ހައްލު ހޯއްދެވުމުގައި ގެންގުޅުއްވި ތަރުތީބުގެ ސަބަބުންނެވެ. ފީފާގެ ނުތާހިރުކަން ދޮވެ ސާފުކޮށްލާނެ ކަމުގެ ވައުދާއެކު ދުނިޔޭގެ ނުފޫޒުގަދަ ހުރިހާ ގައުމަކަށް ވަޑައިގެން އޭނާގެ ޕްލޭން ވިއްކެވިއެވެ.
އޭނާގެ ހުށަހެޅުންތަކަށް ވާދަވެރިންނާއި ހަތުރުންވެސް ތާއީދު ކުރެއްވީ އިންފަންޓީނޯއާ މެދު އޮތް އިތުބާރަކާހެދި އެވެ. އިނގިރޭސިންނާއި ޖަރުމަނަކީ އަބަދުވެސް ދެކޮޅުވެރި ހިތެއްގެ ވެރިބައެކެވެ. އެކަމަކު އިނގިރޭސި އެފްއޭގެ އެދުވަސްވަރުގެ ރައީސް ގްރެގް ޑައިކް ވިދާޅުވީ އޭނާ އަށް އިންފަންޓީނޯ ކަމުދިޔައީ މި ދެ ގައުމު ހިޔާލު ތަފާތުވާ ވަގުތުގައި ވެސް ހައްލު ހޯއްދަވަން އޭނާ އަބަދުވެސް ކޮންމެވެސް ގޮތެއް ހޯއްދަވާތީ ކަމަށެވެ. އަދި ފީފާގެ ރައީސްކަމުގެ ކެމްޕޭނުގައި އަވަދިނެތި އުޅުއްވިއިރު އަރާމު ކުރައްވަނީ ވެސް ދަތުރުމަތީގައި ކަމަށާއި އޭނާގެ ކެމްޕޭނުގައި ދުނިޔޭގެ މަޝްހޫރު ތަރިން ބައިވެރިވަޑައިގަތީ ވެސް އިންފަންޓީނޯގެ ރޭވުންތެރިކަމުގެ މޮޅުވުމުން ކަމަށެވެ.
އަންބަކާއި ހަތަރު ކުދިންގެ ބައްޕަ ވޯޓަށް ކުޑަތަންވެފައި އޮއްވައި ދުނިޔޭގެ އެންމެހާ ގައުމުތަކުގެ ފުޓްބޯޅައިގެ ވެރިންގެ ކުރިފުޅުމަތީގައި ވިދާޅުވީ އެންމެ ވާހަކަ އެކެވެ. "ފީފާގެ ތިޖޫރީގައިވާ ފައިސާ އަކީ ތިޔަބޭފުޅުންގެ ފައިސާ،" ކަމަށެވެ. އޭނާ ހޮއްވަވައިފިނަމަ "ކޮރަޕްޝަނުގެ ހަޑި ފޮހެލައި ފީފާގެ މަލަމަތި އޮމާން ކޮށްލާނެ،" ކަމަށެވެ.
އޭނާގެ ޒައާމަތުގެ 9 ވަނަ އަހަރު ރާއްޖެ ވަޑައި މިގަންނަވަނީ މި ދެންނެވި ބަދަލުތަކުން ދުނިޔޭގެ އިތުބާރު ހޯއްދެވުމަށްފަހުއެވެ. ރާއްޖެ ފަދަ ކުދި ގައުމުތަކަކީ އިންފަންޓީނޯގެ ޒައާމަތުގައި ކުރިއަށްވުރެ އިތުރު ބާރާއި އެހީލިބިފައިވާ ބައެކެވެ. އެކަންކަމަށް އިހުމާލުވުމުން ދިވެހި ފުޓްބޯޅައިން ވައިދޫވެފައިވާ މިންވަރު މިދަތުރުން ދުނިޔޭގެ ފުޓްބޯޅައިގެ ރައީސަށް އަމިއްލަ ފުޅަށް ވަޒަންކޮށްލެވޭނެއެވެ. ދިވެހި ފުޓްބޯޅަ އަލުން ކޮޅަށް ޖެހުމަށް އެފްއޭއެމުގެ ރައީސް އަހުމަދު ތޯރިގާއި އޭނާގެ ޓީމުން ކުރައްވާ މަސައްކަތްތައް ވެސް ބައްލަވާނެއެވެ. އިންފަންޓީނޯ އަކީ ކަންކަން އަމިއްލަފުޅަށް ތަޖުރިބާ ކުރައްވައި، އެކަން އިސްލާހު ކުރައްވައި، އެހީތެރިވެދެއްވަން ދެނެވަޑައިގަންނަވާ ބޭފުޅެކެވެ.