ޚަބަރު

އޭޝިއަން ޔޫތު ގޭމްސް: ރާއްޖޭގެ ދިދަ އުފުލައިދޭނީ ދީމާ އާއި ލަހުފާން


  • މިނިސްޓަރު ރާފިއު ވަނީ ގޭމްސްއެއްގައި ރާއްޖޭގެ ދިދަ ވިހުރުވާލަން ލިބޭ ފުރުސަތަކީ ޝަރަފުވެރި ފުރުސަތެއް ކަން ފާހަގަކުރައްވާ އެކަމަށް ދެ އެތުލީޓުންނަށްވެސް މަރުހަބާ ދަންނަވާފައި

  • މިނިސްޓަރު ވަނީ ޒުވާން އުމުރުގައި ރާއްޖެ ތަމްސީލުކުރަން އެތުލީޓުންނަށް ލިބުނު ފުރުސަތުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތެއްގައި ހިފުމަށް ނަސޭހަތްތެރިވެފައި

3 ވަނަ އޭޝިއަން ޔޫތު ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލައިދޭނެ އެތުލީޓުންގެ ގޮތުގައި ބީޗް ވޮލީބޯޅަ ކުޅުންތެރިއާ އައިޝަތު ދީމާ ނަދީމް އާއި ހޭންޑް ބޯޅަ ޓީމުގެ ކެޕްޓަން ލަހުފާން ޝަހީމް ހަމަޖައްސައިފިއެވެ.

ބަހްރެއިންގެ މަނަމާގައި ކުރިއަށްދާ އޭޝިއަން ޔޫތު ގޭމްސް ރަސްމީކޮށް ފެށުމަށް ބާއްވާ ހާއްސަ އިވެންޓްގައި ރާއްޖޭގެ ދިދަ ވިހުރުވާލާނެ އެތުލީޓުނާއި ރަސްމީކޮށް ދިދަ ހަވާލުކޮށްދެއްވީ ރާއްޖޭގެ ކުޅިވަރާއި ބެހޭ ވަޒީރު، އަބްދުﷲ ރާފިއުއެވެ. ދެ އެތުލީޓުންނާވެސް މިނިސްޓަރު ދިދަ ހަވާލުކޮށްދެއްވީ ޓީމް ހޮޓެލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ފްލެގް ބެއަރާސްއާ ބައްދަލުކުރައްވާ މިނިސްޓަރު ފާހަގަކުރެއްވީ ގޭމްސްއެއްގައި ރާއްޖޭގެ ދިދަ ވިހުރުވާލަން ލިބޭ ފުރުސަތަކީ ޝަރަފުވެރި ފުރުސަތެއް ކަމަށާއި، އެކަމަށް ދެ އެތުލީޓުންނަށްވެސް މަރުހަބާ ވިދާޅުވާ ކަމަށެވެ. އޭގެ އިތުރުން އެތުލީޓުންނާ ބައްދަލުކުރައްވާ މިނިސްޓަރު ފާހަގަކުރެއްވީ ރާއްޖެ ތަމްސީލުކުރުމުގައި އަބަދުވެސް ހިތްވަރާއެކު މަސައްކަތް ކުރެއްވުމަށެވެ.

އެއާއެކު މިނިސްޓަރު ވިދާޅުވީ ޒުވާން އުމުރުގައި ރާއްޖެ ތަމްސީލުކުރަން އެތުލީޓުންނަށް ލިބުނު ފުރުސަތުގައި އެންމެ އެކަށީގެންވާ ގޮތެއްގައި ބޭނުން ހިފުމަށެވެ. އަދި ރާއްޖޭގެ ބެޖު މޭމަތީގައި ޖަހައިގެން ކުޅޭ ކުޅުމުގައި ގައުމު ފަހުރުވެރިވާނެ މަސައްކަތެއް އަބަދުވެސް ކޮށްދެއްވުމަށް އެތުލީޓުނަށް ހަނދާން ކޮށްދެއްވާފައިވެއެވެ.

ފްލެގް ބެއަރާސްއަށް ދިދަ ހަވާލުކޮށްދެއްވުމުގެ ރަސްމިއްޔާތުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރާއި ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު އަދި އޭޝިއަން ޔޫތު ގޭމްސްގެ ޗެފް ޑި މިޝަން މުރުޝިދާ އަބްދުލް މަންނާން ބައިވެރިވެވަޑައިގެންފައިވެއެވެ.

މިއަދުގެ އިވެންޓްގައި އޮލިމްޕިކް ކޮމިޓީގެ ރައީސް އަބްދުއްސައްތާރު ވިދާޅުވީ އެތުލީޓުންނާ ގާތަށް މިނިސްޓަރު ވަޑައިގެންދެއްވުމަކީ ނުހަނު އުފާކުރައްވާ ކަމެއް ކަމަށާއި، ގޭމްސްގައި މިހާތަނަށް އެތުލީޓުން ދައްކަމުންދާ ހިތްވަރަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

މިރޭ އޮންނަ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ އެތުލީޓުންނާއި އޮފިޝަލުން ބައިވެރިވެ، މާޗްގައި ފެނިގެންދާނެއެވެ. މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު މިރޭ ފެށިގެންދާނީ ރާއްޖެ ގަޑިން 8:00 ގައެވެ.