ލ.ގަމު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ.
ގަމު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްޜޫއު އެމްޓީސީސީއާ ޙަވާލުކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ގަމަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ގަމު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބެވެ.
ގަމު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން، އެރަށު ގޮނޑުދޮށަށް 10.007 ކިއުބިކް މީޓަރުގެ ވެލި އެޅުމާއި، 30 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ އިތުރުން 260 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމަށް ހަމަޖެހިފައިވެއެވެ.
ގަމު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 11.52 މިލިޔަން ރުފިޔާއަށް 180 ދުވަސްތެރޭ މަސައްކަތް ނިންމާ ޙަވާލުކުރާގޮތަށެވެ.
5625 މީހުންގެ އާބާދީއެއް އޮންނަ ލ.ގަމަކީ ރަށް ގިރުމުގެ މައްސަލަ ވަރަށް ބޮޮޑަށް ކުރިމަތިވެފައިވާ ރަށެކެވެ. އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތްނިމުމާއެކު އެރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.
ގަމު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ޙަވާލުކޮށްފައިވާ އެމްޓީސީސީއަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާފައިވާ ކުންފުންޏެކެވެ. އަދި މިހާރުވެސް އެމްޓީސީސީއިން އަންނަނީ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫއޫތަކެއްގެ މަސައްކަތް ކުރަމުންނެވެ.