ލ. ހިތަދޫ ވޮލީބޯޅަ ކޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި ވޮލީ ކޯޓުގެ މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ލ. ހިތަދުއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި މަޝްރޫއު ފައްޓަވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢުއެވެ. މި ރަސްމިއްޔާތުގައި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ، (ރޓ) އަޙްމަދު ސަޢުދީ އާއި ހިތަދޫ ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ 1.24 މިލިޔަން ރުފިޔާއަށް 120 ދުވަހުގެތެރޭގައި ނިންމާގޮތަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ކޮންކްރީޓް މަސައްކަތާއި ދަގަނޑުގެ މަސައްކަތާއި ކަރަންޓްގެ މަސައްކަތާއި ޓާފް އެޅުމާއި އިކުއިޕްމެންޓް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
1330 މީހުންގެ އާބާދީއެއް ދިރިއުޅޭ ލ. ހިތަދޫގައި ވޮލީ ކޯޓެއް ތަރައްޤީކުރުމުގެ މަޝްރޫއަކީ ރަށުގެ ޒުވާނުންގެ އުންމީދުތަކާއި ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫއެކެވެ. މި ވޮލީ ކޯޓުގެ މަސައްކަތް ނިމުމުން ހިތަދޫގެ ރައްޔިތުންނަށް އިޖުތިމާއީ ގޮތުން ކުރިއެރުންތައް ލިބި އެއްބައިވަންތަކަން ދެމެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށް އެމްޓީސީސީން ދެކެއެވެ.