ސިއްހަތު

ތިލަދުންމަތީގެ ތަރައްޤީއާ ގުޅިފައިވާ ޓާޝަރީ ހޮސްޕިޓަލް!


ތަރައްޤީގެ އުންމީދީ ބޮޑެތި މަޝްރޫޢުތަކެއް މިހާރު ރާއްޖޭގައި ގެންދަވަނީ ހިންގަވަމުންނެވެ. މީގެތެރެއިން ފާހަގަކުރެއްވޭ ގިނަ ޕްރޮޖެކްޓްތަކެއް، ޞިއްޙީ ޚީދުމަތުގެ ތަރައްޤީއަށް ގެންދަވަނީ ހިންގަވަމުންނެވެ. އޭގެތެރޭގައި އިންދިރާނގާދީ މެމޯރިއަލް ހޮސްޕިޓަލް ތަރައްޤީކުރައްވައި، ދިވެހިންނަށް މިވަގުތަށް އެންމެ ބޮޑަށް ފަރުވާ ބޭނުންވާ ދާއިރާތަކުން ބަލިތަކަށް ތަޙްލީލްކުރެވޭނެ އަދި އޮޕަރޭޝަންކުރުމާއި އެ ނޫންވެސް ފަރުވާދެވޭނެ ޒަމާނީ ޓެކްނިލޮޖީ ޤާއިމްކުރައްވައި، ކަމުގެ ފަންނީ ޤާބިލް ޑޮކްޓަރުންގެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސެވުން ހިމެނެއެވެ. އަދި އައިޖީއެމްއެޗްގައި ތަރައްޤީކުރައްވާ ނެޝަނަލް ޑައިގްނޮސްޓިކް ސެންޓަރާއި ހުޅުމާލޭގައި ތަރައްޤީކުރައްވާ ޓާރޝަރީ ހޮސްޕިޓަލާއި އައްޑުއަތޮޅުގައި ތަރައްޤީކުރައްވާ ޓާރޝަރީ ހޮސްޕިޓަލް ހިމެނެއެވެ. މީގެ އިތުރަށް އަމިއްލަ ފަރާތަކުން މާލޭގައި ހިންގާ އޭޑީކޭ ހޮސްޕިޓަލް ތަރައްޤީކޮށް، އިތުރު ޚިދުމަތްތައް ފެށުމާއި ހުޅުމާލޭގައި އަމިއްލަ ކުންފުންޏަކުން ތަރައްޤީކުރާ ޓްރީޓޮޕް ހޮސްޕިޓަލަކީވެސް ރާއްޖޭގެ ޞިއްޙީ ދާއިރާގެ ތަރައްޤީގައި މުހިންމު ދައުރެއް ޙިއްޞާކުރާ ތަންތަނެވެ.

ކުރިޔަށްހުރި، ކައިރި މުސްތަޤްބަލެއްގައި ޞިއްޙީ ދާއިރާގެ ތަރައްޤީއަށް ފެށޭނެ މުހިންމު މަޝްރޫޢުތަކުގެ ތެރޭގައި ކުޅުދުއްފުށީ ހޮސްޕިޓަލްގެ ތަރައްޤީގެ މަޝްރޫޢާއި އައްޑޫސިޓީގެ ހޮސްޕިޓަލް ތަރައްޤީކުރެއްވުމުގެ މަޝްރޫޢު ހިމެނެއެވެ.

img:http://s2.psmnews.mv/images/660x400/4125.jpg|ހދ. ކުޅުދުއްފުށި - ފޮޓޯ : ކުޅުދުއްފުށީ ލައިވް

ރާއްޖޭގެ ރައްޔިތުންނަށް ފުރިހަމަ ޞިއްޙީ ޚިދުމަތެއް ލިބިދެއްވުމުގެ ސިޔާސަތުގެ ދަށުން އުތުރާއި ދެކުނުގައި، ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތައް ޤާއިމްކުރެއްވުމަކީ، ރައީސް ޔާމީންގެ ރިޔާސީ ވަޢުދެކެވެ. އަދި މި ވަޢުދު ފުއްދެވުމުގެ މަސައްކަތުގައި ކުރިއެރުންތަކެއް ލިބެމުން އަންނަކަން ފާހަގަކުރެވެއެވެ. މީގެ ތެރެއިން އުތުރުން ތަރައްޤީކުރައްވާ ކުޅުދުއްފުށީ ޓާޝަރީ ހޮސްޕިޓަލް ތަރައްޤީކުރެއްވުމަށް ކޮންޓްރެކްޓަރަކު ހޯއްދެވުމުގެ މަސައްކަތް މިހާރު އޮތީ އެންމެ ފަހުގެ މަރުޙަލާގައި ކަމަށް ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.

"ކުޅުދުއްފުށީ ހޮސްޕިޓަލްގެ އިދާރީ ގިނަ މަސައްކަތްތައް ކުރިއަށްދާއިރު، މަސައްކަތްކުރާނެ ކޮންޓްރެކްޓަރު ހޯދުމަށް އެންމެ ފަހުގެ މަސައްކަތްތައް ކުރިއަށް މިގެންދަނީ. އެހެންކަމުން ވަރަށް ކައިރި މުސްތަޤްބަލެއްގައި އެ މަސައްކަތްވެސް ބީލަމަށް ލެވިގެންދާނެ. މި ހޮސްޕިޓަލްގެ މަސައްކަތްވެސް މި ދައުރު ހަމަވުމުގެ ކުރިން ނިމިގެންދާނެ." ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް ވިދާޅުވިއެވެ. 

ރާއްޖޭގެ ދެކުނުގައި ތަރައްޤީކުރައްވާ އައްޑޫ ޓާޝަރީ ހޮސްޕިޓަލް ތަރައްޤީކުރެއްވުމަށް ބޭނުންވާ ފައިސާ ހަމަޖެހި އެމަސައްކަތް ކުރާނެ ކޮންޓްރެކްޓަރަކު ހޯއްދެވުމުގެ މަސައްކަތްވެސް މިހާރު ގެންދަވަނީ ކުރައްވަމުންނެވެ.

"މީޑިޔާތައް މެދުވެރިކޮށް އެނގިގެންދިޔަ ފަދައިން، ސަރުކާރުން މިދިޔަ ހަފްތާގައި މިވަނީ އައްޑޫގައި ޤާއިމްކުރައްވާ ޓާޝަރީ ހޮސްޕިޓަލަށް ފަންޑު ހަމަޖެހުނުކަން އިޢުލާންކޮށްފައި. އަދި ސާކް ސަމިޓަށް ހެއްދެވި އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރ، ހޮސްޕިޓަލަކަށް ބަދަލުކޮށް، އެ ސަރަޙައްދުގައި ހައްދަވާ އާ ޢިމާރާތުގެ މަސައްކަތް، ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކޮށްދޭނެ ބަޔަކު ހޯދުމަށްމިވަނީ ޢިއުލާންކުރެވިފައި. ސަރުކާރުގެ އަމާޒަކީ އައްޑޫ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް މިއަހަރުތެރޭ ފެށި، 2018 ވަނަ އަހަރު އެ ހޮސްޕިޓަލުން ޚިދުމަތްދިނުން." ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް ވިދާޅުވިއެވެ. 

 ރާއްޖޭގެ އުތުރާ ދެކުނުގައި ޓާޝަރީ ފެންވަރުގެ ދެ ހޮސްޕިޓަލް ޤާއިމް ކުރެއްވުމަކީ، އާބާދީގެ ބޮޑު ބަޔަކަށް އެންމެ މަތީ ފެންވަރުގެ ޞިއްޙީ ޚިދުމަތް ލިބިގެންދާނެ މަޝްރޫޢެއް ކަމަށް ހެލްތް މިނިސްޓްރީން ފާހަގަކުރައްވައެވެ.