ޚަބަރު

ވިކްޓަރީގެ ކޮލިޓީ އެބަހުރި، ނިއު ރޭޑިއަންޓް ހައިރާންކޮށްލާނަން: ޖޯޖްލީ


  • ވިކްޓަރީން ރަނގަޅުކުރަން ޖެހޭ ބައިވަރު ކަންކަން އެބަހުރި

  • ކުރިއަށް އޮތީ އުނދަގޫ މެޗެއް، އެކަމަކު ވިކްޓަރީގައި ކޮލިޓީ އެބަހުރި

ކުރިއަށް އޮތީ އުނދަގޫ މެޗެއް ނަމަވެސް ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ކޮލިޓީ އެބަހުރި ކަމަށާއި، މިއަދުގެ މެޗުގައި ހައިރާންކޮށްލާނެ ކަމަށް އެ ކުލަބުގެ ހެޑް ކޯޗު ސްލޮވާކިއާގެ ޖޯޖްލީ ގެރީ ބުނެފިއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ކުޅުން މެދުކަނޑާލުމަށްފަހު އަލުން ކުޅުން ފެށުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖޯޖްލީ ބުނީ ޓްރޭނިންތަކުގައި ހުރިހާ ކުޅުންތެރިންވެސް ވަރަށް ރަނގަޅަށް މަސައްކަތް ކުރިކަމަށެވެ.

"ވަރަށް ޒިންމާދާރު ކަމާއެކީގައި ތައްޔާރުކުރަމުން މިދަނީ. ޓްރޭނިންތަކުގައި ހުރިހާ ކުޅުންތެރިންވެސް ވަރަށް ބުރަކޮށް މަސައްކަތްކުރި. ދެން އެންމެ މުހިންމީ ޓްރޭނިންގައި ދަސްކުރިކަންކަން މެޗަށް ޓްރާންސްފާ ކުރުން" ޖޯޖްލީ ބުންޏެވެ.

ޖޯޖްލީ ބުނީ ވިކްޓަރީގެ ވަކިވަކި ކުޅުންތެރިންގެ ވަރަށް ރަނގަޅު ޕާފޯމެންސެއް ބޭނުންވާ ކަމަށާއި ޓީމު ޕާފޯމެންސްވެސް ވަރުގަދަ ކުރަންޖެހޭ ކަމަށެވެ. ނިއު އާއިދެކޮޅަށް ނިކުންނައިރު ނިއުއަކީ މޮޅު ކުލަބެއް ކަމަށާއި މިވަގުތު ވިކްޓަރީން ގެންނަ ޓެކްނިކަލް ބަދަލުތައް ހާމަކުރަން ބޭނުން ނުވާކަމަށްވެސް ޖޯޖްލީ ބުންޏެވެ.

އެންމެފަހުން ވިކްޓަރީން އޮޑި ސްޕޯޓްސް ކުލަބާއި ދެކޮޅަށް ކުޅުނު މެޗަށްފަހު ފާހަގަވި ކަންކަމަށް އިޝާރާތް ކުރަމުން ޖޯޖްލީ ބުނީ ރަނގަޅުކުރަންޖެހޭ ބައިވަރު ކަންކަން އެބަހުރިކަމަށެވެ. އަދި ޓްރޭނިންތަކުގައި އެކަންކަމަށް ފޯކަސްކޮށްގެން މިއަދުގެ މެޗަށް ނިކުންނައިރު ބަދަލުތައް ފެންނާނެ ކަމަށް ފާހަގަކުރިއެވެ.

ނިއު ރޭޑިއަންޓަކީ ވަރަށް ވަރުގަދަ ޑިފެންސެއް އޮތް ވަރުގަދަ ޓީމެއް ކަމަށާއި މެޗު ކޮންރޯލް ކުރަން ބޭނުންވާ ޓީމެއްނަމަވެސް ވިކްޓްރީންވެސް ދޫ ނުދޭނެ ކަމަށާއި މިއަދުގެ މެޗުގައި ވިކްޓަރީން ނިއު ރޭޑިއަންޓް ހައިރާންކޮށްލާނެ ކަމަށް ޖޯޖްލީ ބުންޏެވެ.

ޖޯޖްލީ ބުނީ ވިކްޓަރީ ސްޕޯޓްސް ކުލަބު ދަސްކުރަން އޭނާއަށް އަދި ވަގުތު ބޭނުންވާ ކަމަށާއި، ކުލަބަށް ގެންނަން ޖެހޭ ބަދަލުތައް ދިރާސާކޮށް ކުރިޔަށް އޮތްތަނުގައި ގެންނަން ބޭނުންވާ ބަދަލުތަކާމެދު އަދި ވާހަކަދައްކަން ބޭނުންނުވާ ކަމަށެވެ.