ޚަބަރު

ބްރެންޓްފަޑް އަތުން ވެސްޓް ހޭމް ބަލިވެއްޖެ


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ބްރެންޓްފަޑާ ދެކޮޅަށް ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން ވެސްޓް ހޭމް ޔުނައިޓެޑް ބަލިވެއްޖެއެވެ.

ވެސްޓް ހޭމް ޔުނައިޓެޑްގެ ކޯޗު ކަމާއި ދާދި ފަހުން ހަވާލުވި ނޫނޯ އެސްޕިރީޓޯ ސަންޓޯގެ އިރުޝާދުގެ ދަށުން އެ ޓީމުން އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުން ވެސްޓް ހޭމް ބަލިވިއިރު, މިއީ މި ސީޒަނުގައި ރަށުން ބޭރުގައި ބްރެންޓްފޯޑް މޮޅުވި ފުރަތަމަ މެޗެވެ.

މި މެޗުން މޮޅުވުމާއިއެކު ބްރެންޓްފޯޑް އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 8 މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު ތާވަލުގެ 13 ވަނަ މަގާމް ލިބިފަ އެވެ. ވެސްޓް ހޭމް އަށް އަށް މެޗުން ލިބިފައިވާ 4 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 19 ވަނައިގަ އެވެ.

ބްރެންޓްފޯޑް އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާ މި މެޗުގައި އެ ޓީމުން ވަނީ ވެސްޓް ހޭމްގެ ގޯލަށް ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.

އެގޮތުން މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް އިގޯ ތިއާގޯ ވަނީ ލަނޑެއް ޖަހާ ބްރެންޓްފޯޑަށް ކުރި ހޯދަދީފަ އެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި ފަސްވަނަ ލަނޑެވެ.

މި މެޗުގައި ބްރެންޓްފޯޑް އިން ޖެހި ދެވަނަ ލަނޑަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުމުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މެތިއަސް ޖެންސަން ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވެސްޓް ހޭމްގެ ފަރާތުން ވަރަށް ދަށް ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ދެވަނަ ހާފަށް ނިކުތްއިރު ނޫނޯ އެސްޕިރީޓޯ ވަނީ ތިން ބަދަލެއް އެ ޓީމުގެ ފަހަތަށް ގެނެސްފަ އެވެ.

މި މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުމާއިއެކު ވެސްޓް ހޭމްގެ ސަޕޯޓަރުން ވަނީ އެމީހުންގެ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އަދި ކްލަބުގެ ޗެއަރމަން އާއި ވައިސް ޗެއަރމަން މަގާމުން އިސްތިއުފާ ދިނުމަށް އެ ކްލަބުގެ ސަޕޯޓަރުންގެ ގްރޫޕަކުން ވަނީ ގޮވާލާފަ އެވެ.