ޚަބަރު

ސްވިޑެންގެ ގައުމީ ޓީމުގެ ކޯޗަކަށް ގްރަހަމް ޕޮޓާ


ހުސްވެފައިވާ ސްވިޑެންގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުގެ މަގާމަށް އިނގިރޭސިވިލާތުގެ ގްރަހަމް ޕޮޓާ ހަމަޖައްސައިފިއެވެ.

އުމުރުން 50 އަހަރުގެ ގްރަހަމް ޕޮޓާ އެ މަގާމަށް ހަމަޖައްސާފައިވަނީ ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ސްވިޑެން ކުޅެން ޖެހޭ މެޗުތަކަށެވެ. އަދި ކޮލިފައިންގެ މެޗުތަކުގެ ނަތީޖާ އަށް ބެލުމަށްފަހު އޭނާއަށް ދިގު މުއްދަތުގެ އެއްބަސްވުމެއް ދިނުމާއިމެދު ސްވިޑަންގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވިސްނާނެ އެވެ.

ޔޫރަޕްގެ ކޮލިފައިންގެ ގްރޫޕް ބީ ގައި މިހާތަނަށް ހަތަރު މެޗު ސްވިޑަން އިން ކުޅެފައިވާއިރު އެ ޓީމަށް ލިބިފައިވަނި އެންމެ ޕޮއިންޓެކެވެ.

ގްރަހަމް ޕޮޓާ ވަނީ މީގެ ކުރިން ސްވިޑަންގެ ކްލަބެއް ކަމުގައިވާ އޮސްޓަރސަންޑްގައި ހަތް އަހަރު ދުވަހު މަސައްކަތް ކޮށްފަ އެވެ. އޭގެ ފަހުން އޭނާ ވަނީ ޗެމްޕިއަންޝިޕްގެ ކްލަބެއް ކަމުގައިވާ ސްވަންސީ ސިޓީ އާއި ޕްރިމިއާ ލީގުގައި ބްރައިޓަންގެ އިތުރުން ޗެލްސީ އާއި ވެސްޓް ހޭމް އަށް ކޯޗު ކޮށްދީފަ އެވެ.

ސްވިޑެންގެ ކޯޗު ކަމުގެ މަގާމް ހުސްވެފައިވަނީ އެ މަގާމުގައި ކުރިން ހުރި ޔޮންޑާލް ތޮމަސަން މަގާމުން ވަކިކުރުމާއި ގުޅިގެންނެވެ. އޭނާ މަގާމުން ވަކިކޮށްފައިވަނީ ވޯލްޑްކަޕް ކޮލިފައިންގައި ކޮސޯވޯ އާއި ދެކޮޅަށް އޮކްޓޯބަރ މަހުގެ 13 ވަނަ ދުވަހު ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން ސްވިޑަން ބަލިވުމާއި ގުޅިގެންނެވެ.

ޕޮޓާ އެންމެ ފަހުން މަސައްކަތް ކުރި ވެސްޓް ހޭމް އިން އޭނާ ވަކިކޮށްފައިވަނީ މި ސީޒަނުގައި އެދެވޭ ނަތީޖާ ތަކެއް ހޯދިފައިނުވާތީ މިދިޔަ ސެޕްޓެމްބަރ މަހުގަ އެވެ.