ސިއްހަތު

ޞިއްޙީ އެހީތެރިންނަށް އަމާޒުކޮށް އެޗްޕީއޭއިން ތަމްރީނެއް ފެށުން


ވެކްސިން ދިނުމުގައި ޙަރަކާތްތެރިވާ ޞިއްޙީ އެހީތެރިންނަށް އަމާޒުކޮށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ޚާއްޞަ ތަމްރީން ޕްރޮގްރާމެއް ފަށްޓަވައިފިއެވެ.

"މިޑްލެވެލް މެނޭޖަރސް ޓެރެއިނިންގް އޮން ވެކްސިން މެނޭޖްމެންޓް" ގެ ނަމުގައި އިއްޔެ ފެށި މި ތަމްރީން ޕްރޮގްރާމަކީ ޔުނިސެފްގެ ފަންނީ އެހީތެރިކަމާއެކު ކުރިޔަށް ގެންދަވާ ޕްރޮގްރާމެެކެވެ. އަތޮޅުތެރޭގެ އެކި ހޮސްޕިޓަލްތަކާއި، ޞިއްޙި ޚިދްމަތްދެއްވާ ސަރުކާރުގެ އެހެނިހެން މުއައްސަސާތަކުން، ޖުމްލަ 44 ޞިއްޙީ ޚިދްމަތްތެރިން މި ޕްރޮގްރާމްގައި ބައިވެރިވެފައިވެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މައްލޫމާތުދެއްވާ ގޮތުގައި، މި ތަމްރީން ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ، ވެކްސިން ދިނުމުގައި ގެންގުޅޭނޭ އުޞޫލްތަކާއި، މިންގަނޑުތަކަށް ޞިއްހީ ޚިދުމަތްތެރިން ތަމްރީން ކުރުމާއިއެކު، ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އަހުލުވެރި ކުރުވުމެވެ.

އެގޮތުން މި ތަމްރީން ޕްރޮގްރާމްގައި، ވެކްސިން ރައްކާކުރުމުގައި ގެންގުޅޭނޭ މިންގަނޑުތަކާއި، ރައްކާތެރިގޮތުގައި ވެކްސިން ބޭނުންކުރާގޮތާއި، ވެކްސިންގެ ތަފާސް ހިސާބު ބެލެހެއްޓުމާއި، މުޖުތަމަޢުގެ ފަރުދުންގެ ތެރޭގައި ވެކްސިންގެ މުހިންމުކަމާ ބެހޭގޮތުން ހޭލުންތެރި ކުރުވުމަށް ކުރެވިދާނޭ މަސައްކަތްތަކާބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.

އަދި ވެކްސިން ދިނުމުގައި އަތޮޅުތަކުގައި ދިމާވާ ދަތިތަކާއި، ގޮންޖެހުންތައް ޙައްލު ކުރުމަށް އަތޮޅުތެރޭގައި ކުރެވިދާނޭ ކަންތައްތަކާއި ބެހޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެޗް.ޕީ.އޭ އިން ވިދާޅުވެއެވެ.

އެޗް.ޕީ.އޭ އިން ވިދާޅުވީ، މި ތަމްރީން ނިމުމަށްފަހު، ލިބުނު މަޢުލޫމާތުގެ އަލީގައި އަތޮޅުތެރޭގައި، މިހާރަށްވުރެ ފެންވަރު ރަނގަޅު ގޮތެއްގައި، ވެކްސިން ދިނުމުގެ ޚިދުމަތް ފޯރުކޮށްދެވިގެންދާނެ ކަމަށެވެ. އަދި ވެކްސިންގެ ދާއިރާއިން މި ޞަރަޙައްދުގައި ރާއްޖެ ހޯދާފައިވާ ކާމިޔާބީ ދެމެހެއްޓުމަށް އިތުބާރަކަށް ވެގެންދާނޭކަމަށްވެސް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.

އިއްޔެއިން ފެށިގެން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދަވާ މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިންނަށް މަޢުލޫމާތު ދެއްވަނީ، އެޗް.ޕީ.އޭ އާއި ޑަބްލިއު.އެޗް.އޯ އާއި، ޔުނިސެފްގެ ފަންނީ މާހިރުންނެވެ.