ޚަބަރު

މާވަށު ބިން ހިއްކައިގެން އެންމެ ފުރަތަމަ ފަށާނީ ފުޓްބޯޅަ ދަނޑުގެ މަސައްކަތް: ރައީސް


  • ޒަމާނީ ފެންވަރުގެ ފުރިހަމަ ފުޓްބޯޅަ ދަނޑެއް މާވަށުގައި ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައި

  • އެކަމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ

ލ. މާވަށަށް ބިން އިތުރުކުރުމުގެ މަޝްރޫއު ނިމިގެންދާއިރު، އެ ބިމުގައި އެންމެ ފުރަތަމަ ފަށާ މަޝްރޫއަކަށް ވާނީ ފުޓްބޯޅަ ދަނޑުގެ މަސައްކަތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ހައްދުންމައްޗަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން މިއަދު މާވަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ޒަމާނީ ފެންވަރުގެ ފުރިހަމަ ފުޓްބޯޅަ ދަނޑެއް މާވަށުގައި ތަރައްޤީކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ފައިސާ ހިމަނުއްވާނެ ކަމަށެވެ.

"އަންނަ އަހަރުގެ ބަޖެޓް ފާސްކުރާއިރު އެބަ ހިމަނަން މިރަށަށް ޒަމާނީ ފެންވަރުގެ އައު ފުޓުބޯޅަ ދަނޑުއެޅުން. އެހެންވީމަ ބިން ހިކި ނިމުނީމަ އެލިބޭ ބިމުގައި އެންމެ ފުރަތަމަ ފެށޭ އެއް މަޝްރޫއުގެ ގޮތުގައި އަޅުގަނޑު ހިތުން ވެގެންދާނީ އެ ފުޓުބޯޅަ ދަނޑު އަޅައިދިނުން" ރައީސް ވިދާޅުވިއެވެ.

މާވަށުގެ ލޭންޑް ޔޫސް ޕްލޭން ހެދިފައިވަނީ ރައްޔިތުންގެ ހިޔާލާއެކުގައި ކަމަށާއި ފުޓްބޯޅަ ދަނޑު އެ ލޭންޑް ޔޫސް ޕްލޭންގައި ހިމަނާފައިވަނީ އެގޮތުގެ މަތިން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މާވަށު ބިން ހިއްކުމުގެ މަޝްރޫޢު ސަރުކާރުން ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްގެންނެވެ. މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައި ފަށައިގެން ކުރިޔަށް ގެންދާ މި މަޝްރޫއު ނިމޭއިރު ޖުމްލަ 30 ހެކްޓަރުގެ ބިން ހިއްކާނެއެވެ.

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ވަނީ މާވަށު ވޮލީ ކޯޓާއި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ފަށްޓަވައިދެއްވާފައެވެ. ރައީސް ވިދާޅުވީ ވަރަށް ފުރިހަމަކަމާއެކުގައި މަޝްރޫއުތައް ނިންމައިދިނުމަށް ހުރިހާ މުއައްސަސާއަކުންވެސް މަސައްކަތް ކުރައްވަމުންދާކަމަށެވެ.