ކުޅިވަރު

ވެލެންސިއާ އަބަދުވެސް ނުކުންނާނީ މޮޅުވުމުގެ ރޫހެއްގައި: ފެސްކޯ


ކޮންމެ މުބާރާތަކާވެސް ކުރިމަތިލާނީ މޮޅުވުމުގެ ރޫހެއްގައި ކަމަށާއި، އެ ޓީމަކީ ތާރީޚީ ގޮތުންވެސް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ ކުލަބެއް ކަމަށް ކުލަބު ވެލެންސިއާގެ ކޯޗު އަޙްމަދު މުޖުތަބާ (ފެސްކޯ) ބުނެފިއެވެ.

ސިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ފެސްކޯ ބުނެފައިވަނީ ވެލެންސިއާއަކީ ވަރަށް ކާމިޔާބު އަދި ފަޚުރުވެރި ތާރީޚެއް އޮތް ޓީމެއް ކަމަށެވެ. ވެލެންސިއާއަކީ ތަފާތު ގިނަ ކުޅިވަރުތަކުން ރާއްޖޭގައި ނަން ވިދާލާފައިވާ ކުލަބެއް ކަމަށާއި، ވެލެންސިއާއިން ކޮންމެ މުބާރާތަކާވެސް ކުރިމަތިލަނީ މޮޅުވުމުގެ ރޫހެއްގައި ކަމަށް އޭނާ ވަނީ ބުނެފައެވެ.

"ވެލެންސިއާއެއް ނުނުކުންނާނެ ބަޔަކު ގޮވައިގެން ނުކުތް ކަމަށްވިޔަސް، ކިތަންމެ ކުޑަކުދިންތަކެއް ގޮވައިގެން ނުކުތް ކަމަށްވިޔަސް ފައިޓިން ސްޕިރިޓެއްނެތި ވެލެންސިއާ ނުނިކުންނާނެ. ވެލެންސިއާ ނުކުންނާނީ ކޮންމެ މެޗަކީވެސް ހަމަ ވެލެންސިއާގެ އެންމެ ބެސްޓު ދެވޭނެ ކަހަލަ ހާލަތަކަށް ވެލެންސިއާ ޕްރެޕެއަރ ވެގެން ނުކުންނާނީ" ފެސްކޯ ބުންޏެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ވެލެންސިއާއިން ވާދަކުރަމުން އަންނައިރު، އެ ޓީމަކީ ޒުވާން ތަޖުރިބާ މަދު ޓީމެއް ކަމަށް ވިޔަސް، ކުޅުންތެރިންގެ ފަރާތުން ދައްކަމުން އަންނަ ހިތްވަރާމެދު ހިތްހަމަޖެހޭކަން ފެސްކޯ ފާހަގަކުރިއެވެ. ފެސްކޯ ބުނީ މީގެ އަހަރުތަކެއް ކުރިން އެންމެ ފެންވަރު ރަނގަޅު ބިދޭސީ ކުޅުންތެރިން ފެނުނު ކުލަބަކީ އެއީ ކަމަށް ވިޔަސް، މި ފަހަރުގެ ސީޒަނާ ކުރިމަތިލާން ޖެހުނީ ދަތި ތަޖުރިބާއަކާއެކު ކަމަށެވެ. ޓީމަށް ގެނެވުނު ބިދޭސީ ކުޅުންތެރިންގެ ފަރާތުން ފައިދާއެއް ނުވި ކަމަށާއި، އެހެންނަމަވެސް ދެން އެންމެ އަވަހަށް އޮންނަ ޓްރާންސްފާއެއްގައި ފެންވަރު ރަނގަޅު ކުޅުންތެރިން ހޯދައި، ޓީމު ވަރުގަދަކުރުމަށް ވިސްނަމުން އަންނަ ކަމަށްވެސް ފެސްކޯ ބުންޏެވެ.

"މި އަހަރު އަޅުގަނޑުމެން ސީޒަނަށް ގެނައި ކުޅުންތެރިންތައް ފެއިލްވެއްޖެ ވަރަށް ބޮޑަށް. ދެން އެ މީހުން އަޅުގަނޑުމެން ދޫކޮށްލައިފިން. ދެން މި ގެނައި މީހުންގެ ތެރޭގައިވެސް ކުލަބަށް އެހާ ފައިދާ ހުރި ކުޅުންތެރިންތަކެއް ނޫން މި ގެނެވުނީ. އެހެންވީމަ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާމު ބަލަމުން މިދަނީ އެންމެ ކައިރިން މި އޮންނަ ޓްރާންސްފާގައި ކޮންމެސް ރަނގަޅު ގޮތްތަކެއް ހޯދޭތޯ" ފެސްކޯ ބުންޏެވެ.

ސްކޮޑުގައި މި ވަގުތު ތިބި ބިދޭސީ ކުޅުންތެރިންގެ ތެރެއިން ވެލެންސިއާގެ ގޯލްކީޕަރަކީ ފެންވަރު ރަނގަޅު ކުޅުންތެރިއެއްކަން ފެސްކޯ ފާހަގަކުރިއެވެ. އަދި އެ ޓީމުގެ މޮރޮކޯ ޑިފެންޑަރުގެ ފަރާތުން ފެންނަމުންދާ ކުޅުމާމެދުވެސް ހިތްހަމަޖެހޭ ކަމަށް ފެސްކޯ ބުންޏެވެ. އުއްމީދަކީ ކުރިއަށް އޮތްތަނުގައި ޓީމު ވަރުގަދަވެގެންދާތަން ފެނުން ކަމަށް ފެސްކޯ ހާމަކުރިއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ވެލެންސިއާ މި ވަގުތު އޮތީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ، އެއް މެޗު ކާމިޔާބުކޮށް ލިބުނު ތިން ޕޮއިންޓާއެކު ތާވަލުގެ އަށްވަނައިގައެވެ. ލީގުގައި ވެލެންސިއާއިން ދެން ނުކުންނާނީ މާދަމާރޭ 21:00 ގައި ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.