ބަހްރެއިންގައި ކުރިއަށްދާ އޭޝިއަން ޔޫތު ގޭމްސްގެ ރާއްޖޭގެ މީޑިއާ ޑެލިގޭޝަންގެ ހެޑަކަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ ސްޕޯޓްސް އެޑިޓަރު ރިމާޙް އަޙްމަދު ހަމަޖައްސައިފިއެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ބުނީ މީޑިއާ ޑެލިގޭޝަންގެ ހެޑަކަށް ހަމަޖައްސާ އޭނާއާ ހަވާލުކޮށްފައިވާ ޒިންމާތަކުގެ ތެރޭގައި މީޑިއާއާއި ގުޅޭ އެންމެހާ ކަންކަން ބެލެހެއްޓުން ހިމެނޭކަމަަށެވެ. އެގޮތުން މި ގޭމްސްގެ ޝެޑިއުލާއި އިވެންޓްތަކުގެ ތަފްސީލާއި މެނޭޖަރސް މީޓީންތަކަށް ހާޒިރުވުމާއި އެހެން މީޑިއާ އޮފިސަރުންގެ ފީޑްބެކް ހޯދުން ޒިންމާތަކުގެ ތެރޭގައި ހިމެނޭކަމަށް އެމްއޯސީން ވިދާޅުވެއެވެ. މީގެއިތުރުން ލިބޭ ފީޑްބެކްތަކަށް އެޓެންޑްވެވުނުކަން ކަށަވަރުކުރުމާއި މީޑިއާގެ މުވައްޒަފުންގެ މެދުގައި ކުރިން ލަފާނުކުރެވޭ މައްސަލައެއް ދިމާވެއްޖެނަމަ އެކަމަށް އެހީތެރިވެވޭގޮތަށް ހުރުން ހިމެނެއެވެ.
މީގެ އިތުރުން އޭޝިއަން ޔޫތް ގޭމްސްގައި ބައިވެރިވާ ރާއްޖޭގެ އެތުލީޓުން ރީސާރޗް ކުރުމާއި ރިޕޯޓެއް ތައްޔާރުކޮށް އެމްއޯސީއަށް ހުށަހެޅުން ރިމާހުގެ ޒިންމާތަކުގެ ތެރޭގައި ހިމެނެއެވެ. އަދި ޓީމް މޯލްޑިވްސްގެ ޕްރެސް ރިލީސްތައް ޗެކު ކުރުންވެސް ހިމެނެއެވެ.
އޭޝިއަން ޔޫތް ގޭމްސްއަށް ބަހްރެއިންގައި ހަރަކާތްތެރިވާ ރާއްޖޭގެ މީޑިއާ ޓީމުގައި ހިމެނެނީ ފަސް މެންބަރުންނެވެ. ރިމާހަކީ މީގެ ކުރިންވެސް ބައިނަލްއަގްވާމީ ގޭމްސްތަކުގައި ހަރަކާތްތެރިވެފައިވާ ކުޅިވަރުގެ ހަބަރުތައް ގެނެސްދޭ ދުވަސްވީ ތަޖުރިބާކާރު ނޫސްވެރިއެކެވެ.