ވިޔަފާރި

އެމްޓީޑީސީން، އުލިގަމު ސިޓީ ހޮޓަލުގެ މަޝްރޫޢު ހުއްޓާލައިފި


ހއ. އުލިގަމުގައި ސިޓީ ހޮޓަލެއް ތަރައްޤީކުރުމަށް ހިގަމުން އައި މަޝްރޫޢު ހުއްޓާލައި، އެ މަޝްރޫޢު ސަރުކާރާ ހަވާލުކޮށްފައިވާކަމަށް އެމްޓީޑީސީން ހަމާކޮށްފިއެވެ.

އެމްޓީޑީސީން ބުނީ މިމަޝްރޫޢު ހުއްޓާލީ ދައްކަން ޖެހޭ ކުލި ބޮޑުވުމުން އެމްޓީޑީސީއަށް ގެއްލުންތަކެއް ލިބެމުންދާކަމަށް ޤަބޫލުކުރެވުމުންކަމުގައެވެ. އެގޮތުން އޭރު އޮތް ބޯޑުން އެގޮތަށް ނިންމާ މީގެ 3 އަހަރު ކުރިން މި މަޝްރޫޢުގެ ހުރިހާ މަސައްކަތެއް ހުއްޓާލާފައިވާކަމަށް އެމްޓީޑީސީން ބުނެއެވެ. ނަމަވެސް މި މަޝްރޫއުގެ އެކިކަންކަމަށް ހއ.އުލިގަމަށް ގެންދިޔަ އެމްޓީޑީސީގެ ގިނަ އަދަދެއްގެ މުދާ އެރަށުގައި އެބަހުރިކަމަށާއި، މިމުދާތައް ނީލަން ކިޔަން ނިންމާފައިވާކަމަށް އެމްޓީޑީސީން މަޢުލޫމާތުދެއެވެ.

އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޝުޖާޢު ވިދާޅުވީ އެކުންފުނީގެ ޓީމެއް އުލިގަމަށް ޒިޔާރާތްކޮށްފައިވާކަމަށާއި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެރަށުގައި ހުރި މުދާ ނީލަންކިއުމުގެ މަސައްކަތް މުޅި ރާއްޖެއަށް އިޢުލާންކޮށްގެން ކުރިއަށްގެންދިއުމަށް ނިންމަފައިވާކަމަށެވެ.

ހއ. އުލިގަމުގައި ސިޓީ ހޮޓަލެއް ތަރައްޤީކުރުމަށް ކުރި މަސައްކަތުގައި އެމްޓީޑީސީއަށް ނެގި 10 މުވައްޒަފުން މިހާރުވެސް އެރަށުގައި އެބަތިބިކަމަށް އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވިއެވެ. މިމުވައްޒަފުން މިހާރު ތިބީ އެރަށުގައި ހުރި އެކުންފުނީގެ މުދާ ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރުމުގައިކަމަށްވެސް ޝުޖާޢު ވިދާޅުވިއެވެ. ނަމަވެސް މުދާ ނީލަން ކިޔާ ނިމުމުން ޤާނޫންތަކާއި އެއްގޮތްވާގޮތުގެ މަތިން އެ މުއައްޒަފުން ދޫކޮށްލާނެކަމަށްވެސް އެމްޓީޑީސީން މަޢުލޫމާތުދެއެވެ.