ތަރައްްޤީ

ކުޅުދުއްފުށީ ޕޯޓުގައި ހަދާ ގެސްޓްހައުސް ހުޅުވުމަށް ތައްޔާރުވަނީ


ހދ. ކުޅުދުއްފުށީ ޕޯޓުގައި 22 ކޮޓަރީގެ ގެސްޓްހައުސްއެއް ހަދަމުން އަންނަކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ބުނެފިއެވެ.

އެމް.ޕީއެލް އިން ބުނީ، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ގެސްޓްހައުސްގެ ހުރިހާ މަސައްކަތެއް ނިމި އޮޕަރޭޝަނަށް ގެނެވޭވަރުވާނެކަމަށެވެ. މީގެއިތުރުން އެތަނުގެ ކައިރީގައި ކެފޭއެއްވެސް ހަދާނެކަމަށް އެމް.ޕީ.އެލްއިން ބުނެއެވެ.

އެމް.ޕީ.އެލްގެ ސީ.އީއޯ މުޙައްމަދު ޖުނައިދު ވިދާޅުވީ، ކުޅުދުއްފުށީގައި ހަދާ މި ގެސްޓްހައުސްއާއި ކެފޭއަކީވެސް އެ ޕޯޓް އެންމެ އެކަށީގެންވާ ގޮތެއްގައި ބޭނުން ނުކުރެވޭތީ އެކަމާ ގުޅިގެން ހަދާފައިވާ ޕްލޭންތަކުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކެއްކަމަށެވެ. މީގެއިތުރުން ކުޅުދުއްފުށީ ޕޯޓް ސަރަޙައްދަކީ، ގިނަ އަދަދެއްގެ ދޯނި ފަހަރު ހުންނަ ސަރަހައްދަކަށްވާތީ އެތަނުގައި ސްލިޕްވޭއެއްވެސް ވަރަށް އަވަހަށް ހަދާނެކަމަށް ޖުނައިދު ވިދާޅުވިއެވެ.

''އެންމެ އެކަށީގެންވާ ގޮތެއްްގައި ބޭނުން ނުކުރެވިމިދަނީ. އެހެންވީމަ ޕްލޭންތަކެއް އެބަހުރި. އެ ސަރަހައްދަކީ ވަރަށް ގިނަ އޮޑި ދޯނި ފަހަރު ގެންގުޅޭ ސަރަހައްދެއް. އެހެންވީމަ އެތަނުގައި ސްލިޕްވޭއެއްވެސް ހަދާނަން ވަރަށް އަވަހަށް. އެމްޕީއެލްގެ ޓީމެއް ވަރަށް އަވަހަށް ކުޅުދުއްފުއްޓަށް ޒިޔާރަތްކުރާނެ.'' އެމް.ޕީ.އެލްގެ ސީ.އީއޯ މުޙައްމަދު ޖުނައިދު ވިދާޅުވިއެވެ.

އެޕް.ޕީއެލްއިން ބުނީ، އެތަނުގައި އާމްދަނީ އިތުރަށް ލިބޭނެ އިތުރު ގޮތްތަކެއް އޮތްއޯ ބަލައި އިތުރު ވަޒީފާތައް އުފެދޭނެ ގޮތްތައް ހެދުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާކަމަށެވެ.