ޚަބަރު

ޤައުމީ ޓީމުތަކަށް މުސާރަ ބޮޑުކުރުން މިއީ ކުޅުންތެރިންގެ ކުރިއެރުމަށްލިބޭ ބޮޑު ބާރެއް: ވަޒީރު


  • ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރަތައް 7000 ރުފިޔާއަށް

  • މިއީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް ކުޅިވަރާއި ބެހޭ ގައުމީ މަޖިލީހުން ނިންމި ނިންމުމެއް

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިނާޔަތްތައް އެއްހަމަކޮށް ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކަށް އެކަން އަންގައިފިއެވެ.

ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާއިން ނެރެފައިވާ ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ކުޅިވަރާއި ބެހޭ ގައުމީ މަޖިލީހުން ނިންމާފައިވާ ނިންމުމާއި އެއްގޮތްވާ ގޮތުގެ މަތިން ކުޅުންތެރިން އޮފިޝަލުންނާއި ޕެރަ އެތުލީޓުންނަށް ދެމުން ގެންދާ އެލަވަންސް 2025 މެއި މަހުން ފެށިގެން ހަތްހާސް ރުފިޔާއަށް ބޮޑު ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާ އޮފިޝަލުންގެ މުސާރަތައް ބޮޑުކޮށް ކުޅުންތެރިންނަށް އަންގާފައިވާއިރު މި އުސޫލާއި އެއްގޮތަށް މިއަހަރުގެ މެއިމަހުން ސެޕްޓެމްބަރުގެ ނިޔަލަށް ކުޅުންތެރިންނާއި، އޮފިޝަލުންނާއި ފެރާ އެތުލީޓުންގެ އެލަވަންސަށް ބޮޑުވެފައިވާ އަދަދު ޖަމާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކުޅިވަރާއި ބެހޭ ވުޒާރާއިން ބުންޏެވެ.

މިބަދަލާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުالله ރާފިޢު ވިދާޅުވީ ޤައުމީ ޓީމުތަކުގައި ހިމެނޭ އޮފިޝަލުންނާއި އެތުލީޓުންނާއި ހަމަހަމަކޮށް މުސާރަ ބޮޑުވެގެން ދިއުމުގެ ސަބަބުން ކުޅުންތެރިންގެ ކުރިއެރުމަށް ލިބޭ ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

” ގައުމީ ޓީމުތަކުގެ މުސާރަތައް އެއްހަމަކޮށް 7000 އަށް ބޮޑުކޮށްފައިވާއިރު މި ގެނައީ ދެ ބަދަލެއް. މި ގެނެވުނު އެއްބަދަލަކީ އޮފިޝަލުންނާއި ޕްލޭޔަރުންނާއި އެއްހަމަ ކުރުން.
ކުރީގައި ދެމުން އައި 5000 ރުފިޔާ 7000 ރުފިޔާއަށް ބޮޑުވެގެން ދިއުމާއެކު އެއްހަމަވެގެން ދިޔައީ“ ވަޒީރު ވިދާޅުވިއެވެ.

މި ބަދަލާއެކު ކުޅުންތެރިންގެ ކުރިއެރުމަށް އިތުރު ހިތްވަރެއްލިބިގެންދާނެކަން ފާހަގަ ކުރައްވާ ވަޒީރު ވިދާޅުވީ މިއީ ވަރަށް މުހިންމު ބަދަލެއް ކަމަށެވެ.

”ވާގޮތަކީ ބައެއް އޮފިޝަލުންނަކީ އަސްލުގައި އެތުލީޓުންނަށްވުރެ މުސާރަ ބޮޑުކޮށް ގެނެސްފައި ތިބޭ ބައެއް. އެކަމަކު އެލަވަންސަން އެމީހުންނަށް ލިބެނީ ވަރަށް ކުޑަ އެއްޗެއް. 2500 ރުފިޔާ ލިބެނީ. އެހެންވީމަ މިހާރު ނެޝަނަލް ޓީމުތަކުގައި ހިމެނޭ އޮފިޝަލުންނާއި އެތުލީޓުންނަށް މުޅި އޯވަރޯލް މުސާރަ ބޮޑުވެގެން މި ދިޔައީ“ ވަޒީރު ވިދާޅުވިއެވެ.

މީ ބަދަލު ހުރިހާ ގައުމީ ޓީމުތަކުގެ އަންހެން ކުޅުންތެރިންނަށްވެސް އަންނާނެކަމަށާއި މީގެ ކުރިން ބައެއް އަންހެން ޓީމުތައްވެސް މުސާރަ ނުދޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

”ކުރީގައި ބައެއް ނެޝަނަލް ޓީމުތަކުގައި މިސާލަކަށް ސަރފިން ކަހަލަ ނެޝަނަލް ޓީމުތަކުން ހަމައެކަނި ފިރިހެން ޓީމުތަކަށް މުސާރަދީފައި ހުރީ. މި ބަދަލާއެކުގައި އަންހެން ޕްލޭޔަރުނަށްވެސް މުސާރަ ދެވޭނެ“ ވަޒީރު ވިދާޅުވިއެވެ.

ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ސަރުކާރުން ދޭ އިނާޔާތް ގަވާއިދުން ދިނުމާއި، ކުޅުންތެރިންގެ ފެންވަރު މަތިކުރުމަށް ތަމްރީނާއި ތަޖްރިބާގެ ފުރުސަތުތައް ހޯދައިދިނުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމެކެވެ.