ތަރައްްޤީ

ފުވައްމުލަކުގައި "ކުރިމަގު" ކެމްޕެއިންގެ ޚާއްޞަ ޕްރޮގްރާމެއް


ޏ.އަތޮޅުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހިންގުން ހަރުދަނާކުރެއްވުމުގެ ޚާއްޞަ ޕްރޮގްރާމެއް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން ފަށްޓަވައިފިއެވެ.

މިއީ، އެ މިނިސްޓްރީގެ "ކުރިމަގު" ކެމްޕެއިންގެ ދަށުން ހިންގަވާ ޕްރޮގްރާމެކެވެ.

މިމަހުގެ އެކާވީހުން  ފަންސަވީހުގެ ނިޔަލަށް ފުވައްމުލަކުގައި ކުރިޔަށް ގެންދަވާ މި ޕްރޮގްރާމް މިއަދު ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީއެވެ. މި ޕްރޮގްރާމާބެހޭ މަޢުލޫމާތު ޕީ.އެސް.އެމާ ހިއްސާ ކުރައްވަމުން ޖެންޑަރ މިނިސްޓަރ ޒެނީޝާ ވިދާޅުވީ، މި ޕްރޮގްރާމްގެ މައިގަނޑު ޢަމާޒަކީ، ފުވައްމުލަކުގެ ވަކިވަކި އަވަށްތަކުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާއި ކުރިޔަށް ގެންދަވާ މަޝްރޫޢުތަކުގައި، އަންހެނުންގެ ބައިވެރިވުން އިތުރުކުރައްވައި، އަންހެނުންގެ ދައުރު ފުޅާކުރެއްވުންކަމަށެވެ.

tw:https://twitter.com/Min_Gender/status/767249810277568512

އިޖްތިމާޢީ މައްސަލަތައް ޙައްލުކުރުމުގައި އިޤްތިޞާދީ ދާއިރާ ބޭނުންކުރާނެ ގޮތާއި، މިހާރުވެސް ދެމުން އަންނަ ފުރުޞަތުތަކުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފޭނޭގޮތުގެ މަޢުލޫމާތުވެސް، މިބައްދަލުވުމުގެ ބައިވެރިންނަށް ދެވޭނެކަމަށް ޖެންޑަރ މިނިސްޓަރ ވިދާޅުވިއެވެ. އަދި އަތޮޅު ފެންވަރުގައާއި ވަކި ވަކި އަވަށްތަކުގައި ކުރާ މަސައްކަތްތަކަކީ، މުޖުތަމަޢަށް އެންމެ ފައިދާހުރި ގޮތެއްގައި، ކުރެވޭ ކަންތައްތަކަކަށް ހެއްދެވުމަށް އަތޮޅު ކޮމިޓީތަކާއި، ކަމާ ގުޅުން ހުރި ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތައް ގުޅިގެން ކަންކަންރާވާނެ ގޮތްތައް މިޕްރޮގްރާމްގެ ތެރެއިން  ބައިވެރިންނަށް ދަސްކޮށްދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ކުރިމަގު" ކެމްޕެއިންގެ ދަށުން، ޖެންޑަރ މިނިސްޓްރީއާއި ޔޫ.އެން ވިމެން ގުޅިވަޑައިގެން ފުވައްމުލަކުގައި ހިންގަވާ މިޕްރޮގްރާމުގައި، ފުވައްމުލަކު އަވަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވައެވެ.

މިމަހުގެ ނުވަވަނަ ދުވަހު ޖެންޑަރ މިނިސްޓްރީން އިފްތިތާޙްކުރެއްވި "ކުރިމަގު" ކެމްޕޭނަކީ، ގެވެށި އަނިޔާއިން އަންހެނުން ރައްކާތެރިކުރުމާއެކު، އިޖްތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ ދާއިރާއިން އަންހެނުންގެ ބައިވެރިވުން އިތުރުކުރެއްވުމުގެ ގޮތުން ފެއްޓެވި ހޭލުންތެރި ކުރެއްވުމުގެ ޚާއްޞަ ކެމްޕޭނެކެވެ.