ސްޓެލްކޯ ރެކްރިއޭޝަން ކުލަބު މުބާރާތުން ކަޓުވާލައި، ކްލަބް މޯލްޑިވްސް ކަޕް 2025 ގެ ސެމީ ފައިނަލުގެ ޖާގައެއް މޯލްޑިވިއަންއިން ހޯދައިފިއެޗެ.
ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ސެމީ ފައިނަލަށް މޯލްޑިވިއަން ދަތުރުކުރީ މިރޭ ކުޅުނު ކުއާޓަރ ފައިނަލް މެޗުގައި ސްޓެލްކޯ 3-2 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްޓީމަކަށްވެސް ލަނޑެއް ކާމިޔާބުނުކުރެވިއެވެ.
މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް މޯލްޑިވިއަންއިންނެވެ. އެއީ މެޗުގެ 24 ވަނަ މިނެޓުގައި އިބްރާހިމް ނަދާދު ކާމިޔާބުކޮށްދިން ލަނޑުންނެވެ. އެހެންނަމަވެސް ސްޓެލްކޯއިން ވަނީ އޭގެ ދެ މިނެޓު ފަހުން ޒައިދާން އަބްދުﷲ ޖަހައިދިން ލަނޑުން މެޗުގެ ނަތިޖާ ހަމަހަމަކޮށްފައެވެ.
މޯލްޑިވިއަންއިން ދެވަނަ ފަހަރަށް ލީޑު ނެގީ ސްޓެލްކޯއިން ނަތީޖާ ހަމަހަމަކުރިތާ މިނެޓެއް ފަހުން އިސްމާޢީލް އަޙްމަދު ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން އިސްމާޢީލް ވަނީ އިތުރު ލަނޑެއް ޖަހައި، މޯލްޑިވިއަންގެ ލީޑު ފުޅާކޮށްދީފައެވެ. ސްޓެލްކޯގެ ދެވަނަ ލަނޑު މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ނާއިހު މުފީދެވެ.
ކުއާޓަރ ފައިނަލްގެ ހަތަރު މެޗު ރޭ ކުޅުނުއިރު، އޭގެ ތެރެއިން 3 މެޗު ނިމިގެންދިޔައީ 3-2 ގެ ނަތީޖާއިންނެވެ. މިގޮތުން އެންމެ ފޯރިގަދަ އެއް މެޗުގެ ގޮތުގައި ފާހަގަކުރެވުނީ ކުލަބު އެމްޓީސީސީ އާއި އެސްޓީއޯ ރެކްރިއޭޝަން ކުލަބު ބައްދަލުކުރި މެޗެވެ. މި މެޗު އެސްޓީއޯއިން ކާމިޔާބުކުރީ މި ނަތީޖާއިންނެވެ.
މިމެޗުގައި އެމްޓީސީސީން ވަނީ ދެ ފަހަރު ލީޑު ނަގާފައެވެ. އެގޮތުން ފުރަތަމަ ލީޑު ނެގީ ފުރަތަމަ ހާފުގައި ޖުމައިލް ޖަމީލް ކާމިޔާބުކުރި ލަނޑުންނެވެ. އޭގެ މިނެޓެއް ފަހުން އަޙްމަދު ރާހިލް ރަޝީދު ކާމިޔާބުކޮށްދިން ލަނޑާއެކު އެސްޓީއޯއިން ނަތީޖާ ހަމަހަމަކުރިއެވެ.
ދެވަނަ ފަހަރަށް އެމްޓީސީސީން ލީޑު ނެގީ ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި ސާމިން މުޙައްމަދު ނަސީރު ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ފަހަރުވެސް އެމްޓީސީސީއަށް ލީޑުގައި މާގިނައިރު ކުޅެވޭގޮތް ވަނީ ނުވެފައެވެ. އެމްޓީސީސީން ގޯލް ޖެހިތާ ދެ މިނެޓު ފަހުން ދެވަނަ ފަހަރަށް އެސްޓީއޯއަށް ނަތީޖާ އެއްވަރުކޮށްދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިއާ އަލް ހޮދަދާދީއެވެ. ހޮދަދާދީ ވަނީ ދެ މިނެޓުގެ ތެރޭގައި ދެ ލަނޑު ޖަހައި މެޗުގެ ނަތީޖާ އެސްޓީއޯ ކޮޅަށް އަނބުރާލަދީފައެވެ.
މި މެޗުގެ އެންމެ ފަހު މިނެޓުގައި އެމްޓީސީސީއަށް ވަނީ ނަތީޖާ ހަމަހަމަކުރަން ރަނުގެ ފުރުސަތެއް ލިބިފައެވެ. އެއީ އެސްޓީއޯގެ ހަވަނަ ފައުލާއެކު ލިބުނު ދުރު ޕެނަލްޓީންނެވެ. އެހެންނަމަވެސް ޖުމައިލް ޖަމީލް ފޮނުވާލި ޕެނަލްޓީ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.
ކުއާޓަރ ފައިނަލް މެޗުތަކުގެ ތެރެއިން އެންމެ ފޯރިގަދަ އެއް މެޗުގެ ގޮތުގައި ފާހަގަކުރެވިގެން ދިޔައީ އެމްއޭސީއެލް އާއި ރޯޑް ރެކްރިއޭޝަން ކުލަބު (އާރްއާރްސީ) ބައްދަލުކުރި މެޗެވެ. މި މެޗު އާރްއާރްސީ ކާމިޔާބުކުރީވެސް 3-2 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް އާރްއާރްސީންނެވެ. އެއީ މެޗުގެ 11 ވަނަ މިނެޓުގައި ލިބުނު ހިލޭޖެހުމަކުން އަޙްމަދު އަފްލާޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި މެޗުގައި އެމްއޭސީއެލްގެ ބިދޭސީ ކުޅުންތެރިޔާ އާމިރު ހުސެއިންއަށް ވަނީ އެއް މިނެޓުގެ ތެރޭ ދެ ރީނދޫ ކާޑު ދައްކައި، ރަތް ކާޑަކާއެކު ދަނޑުން ފޮނުވާލާފައެވެ. ފުރަތަމަ ރީނދޫ ކާޑަކީ ކުޅުންތެރިއަކާ ދިމާލަށް ބުނި އެއްޗަކުން ދެއްކި ކާޑެކެވެ. އަދި ދެވަނަ ރީނދޫ ދެއްކީ އޭގެ ކުޑައިރުކޮޅެއް ފަހުން ކުރި ޓެކުލްއަކާ ގުޅިގެންނެވެ.
މެޗުގެ 17 ވަނަ މިނެޓުގައި އާރްއާރްސީގެ ޝަނާން ރަޝާދު ކާމިޔާބުކޮށްދިން ލަނޑާއެކު އެ ޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. އެހެންނަމަވެސް އޭގެ މިނެޓެއް ފަހުން އާރްއާރްސީން ވަނީ ފުރަތަމަ ހާފުގައި ހަވަނަ ފައުލްކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން އެމްއޭސީއެލްއަށް ލިބުނު ދުރު ޕެނަލްޓީގެ ބޭނުންހިފައި ފަރަގު ކުޑަކޮށްދިނީ އަޙްމަދު ހުސާމްއެވެ.
މި ނަތީޖާއާއެކު ފުރަތަމަ ހާފު ނިމުނުއިރު ދެވަނަ ހާފުގެ އެންމެ ފަހު މިނެޓާ ހަމައަށްވެސް ނަތީޖާއަށް ބަދަލެއް ނާދެއެވެ. އެހެންނަމަވެސް މެޗުގެ އެންމެ ފަހު މިނެޓުގައި އެމްއޭސީއެލްގެ އަޙްމަދު ސުޒެއިރު ވަނީ ލަނޑެއް ޖަހައި، ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި އެމްއޭސީއެލްއިން ކުރި ފައުލާއެކު ހަ ފައުލް ހަމަވެ، އާރްއާރްސީއަށް ދުރު ޕެނަލްޓީއެއް ލިބުނެވެ. އަދި މި ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލައި، މެޗުން މޮޅުކޮށްދިން ލަނޑު ޖަހައިދިނީ ޝަނާންއެވެ.
ޝަނާން ވަނީ މިމުބާރާތުގައި ޖުމްލަ ނުވަ ލަނޑު މިހާތަނަށް ކާމިޔާބުކޮށްދީފައެވެ. އަދި ލަނޑު ޗާޓުގެ އެއްވަނައިގައި އޮތީވެސް ޝަނާންއެވެ.
ކުއާޓަރ ފައިނަލްގެ މެޗުތަކުގެ ތެރެއިން އެންމެ ތަފާތު ބޮޑު ނަތީޖާއެއް ފެނިގެންދިޔައީ އެމްޕީއެލް އާއި ފެނަކަ ބައްދަލުކުރި މެޗުންނެވެ. މިމެޗު އެމްޕީއެލްއިން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއަކުންނެވެ. މިމެޗުގައި އެމްޕީއެލްގެ މުޙައްމަދު ޒީދާން ޒުހުރީ ވަނީ ދެ ލަނޑު ޖަހާދީފައެވެ. މީގެ އިތުރުން މި މެޗުގައި ލަނޑުތައް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިއާ ސަމަން ދަޝަން އާއި، މުޙައްމަދު ޔަފާއު އާއި، މީޝަމް ނައީމް އަދި ހަސަން ޔޫންއެވެ.
ކްލަބް މޯލްޑިވްސް ކަޕުގެ ސެމީ ފައިނަލްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުގެރެއެވެ. ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މޯލްޑިވިއަން ނުކުންނާނީ އާރްއާރްސީއާ ދެކޮޅަށެވެ. އަދި ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ މުބާރާތުގެ އެންމެ ކާމިޔާބު ދެ ޓީމު އެސްޓީއޯ އާއި އެމްޕީއެލްއެވެ.