ސްޕޭނުގެ ބާސެލޯނާ އާއި ސްވިޑްގެ މިއުޒިކް ކުންފުނި ސްޕޮޓިފައިގެ ކޮންޓްރެކްޓް އައުކޮށްފި އެވެ.
މި ކޮންޓްރެކްޓްގެ ދަށުން ބާސެލޯނާގެ ޖާޒީގެ މައި ސްޕޮންސަރަކަށް 2030ގެ ނިޔަލަށްވާނީ ސްޕޮޓިފައި އެވެ. އަދި އެ ކުލަބުގެ ސްޓޭޑިއަމުގެ ނަމުގެ ކުރިއަށް ވެސް 2034 ވަނަ އަހަރާ ހަމައަށް އަންނާނީ ވެސް ސްޕޮޓިފައިގެ ނަމެވެ.
އައު ކޮންޓްރެކްޓްގެ ދަށުން ޖާޒީ ސްޕޮންސާޝިޕުގެ ދަށުން ބާސެލޯނާ އަށް އަހަރަކު 75 މިލިއަން ޔޫރޯ ލިބޭނެ އެވެ. އެއީ ޓީމުގެ ރަސްމީ ޖާޒީގެ މައި ސްޕޮންސަރަކަށްވުމުން އަހަރަކު ލިބޭ 65 މިލިއަން ޔޫރޯ އާއި ޕްރެކްޓިސް ޖާޒީގައި އެ ލޯގޯ ޖާހާތީވެ އަހަރަކަށް ދޭ 10 މިލިއަން ޔޫރޯ އެވެ. މިއީ މި ދެ ބައި މީހުންގެ ކުރީގެ ކޮންޓްރެކްގައިވާ އަދަދަށްވުރެ ބޮޑު އަދަދެކެވެ. ކުރީގެ ކޮންޓްރެކްޓްގެ ދަށުން ސްޕޮޓިފައިއިން ދެމުންދިޔައީ އަހަރަކު 57 މިލިއަން ޔޫރޯ އެވެ.
ސްޓޭޑިއަމުގެ ނަމުގެ ކުރިއަށް ސްޕޮޓިފައި ޖަހާތީވެ ބާސެލޯނާ އަށް ލިބޭނެ އާމްދަނީ އަދި އިއުލާނުކޮށްފައިނުވެ އެވެ. ނަމަވެސް މިއީ ކުރިއަށް އެ ކުލަބުގެ އަހަރީ އާއްމު ޖަލްސާގައި ކުލަބުގެ ރައީސް ޖޯން ލަޕޯޓާ އަށް އަމާޒުވާނެ ސުވާލެކެވެ.
ސްޕޭނުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ސްޕޮޓިފައިން ސްޓޭޑިއަމުގެ ނަމާ ގުޅިވައިގެން ބާސެލޯނާ އަށް މިހާތަނަށް ދެމުން އައީ 20 މިލިއަން ޔޫރޯ އެވެ. ނަމަވެސް ކުލަބުގެ އާމްދަނީ އިތުރު ކުރުމުގެ ގޮތުން ލަޕޯޓާ މިހާތަނަށް މަސައްކަތް ކުރަމުންދިޔައީ ޖާޒީ އާއި ސްޓޭޑިއަމުގެ ނަން ބޭނުންކޮށްގެން އަހަރަކު 120 މިލިއަން ޔޫރޯ ހޯދުމަށެވެ.