ޚަބަރު

"ކާރިސާގެ ވަގުތުގައި ކުރީސަފަށް ނިކުންނާނެ ޒުވާނުން ބިނާކުރުން މުހިންމު"


  • "ވިލުންތެރި ފެސްޓް"ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ވަނީ ބާއްވާފައި

  • "ހުށިޔާރު"ގެ ނަމުގައި ކެމްޕެއިނެއް

ކާރިސާތަކުން ރައްކާތެރިވުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމުގައި ކުރީ ސަފަށް ނިކުމެ މަސައްކަތްކުރާނެ ޒުވާނުންތަކެއް ބިނާކުރުން މުހިންމުކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރީޓީގެ ސެކްރެޓަރީ ޖެނެރަލް ސަފީނާޒް ޙަސަން ވިދާޅުވެއްޖެއެވެ.

ކާރިސާތަކުން ރައްކާތެރިވެ ތިބުމަށް ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ދުވަސް ރާއްޖޭގައި ކުލަގަދަގޮތެއްގައި ވަނީ ފާހަގަކޮށްފައެވެ.
ޚާއްސަ ރައްމިއްޔަތާއެކު، ހުޅުމާލެ ސެންޓަރަލް ޕާކުގައި ވަނީ "ވިލުންތެރި ފެސްޓް"ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ބާއްވާފައެވެ. މި ހަވީރުގައި އެކި ކުޅިވަރުތަކާއެކު ކާރިސާތަކަށް ވިލުންތެރި މުޖުތަމަޢުއެއް ބިނާކުރުމަށް ހޭލުންތެރިކުރުމަށް މަޢުލޫމާތު ދިނުންވެސް ކުރިއަށްގެންދިޔައެވެ.

އެންޑީއެމްއޭގެ ސެކްރެޓަރީ ޖެނެރަލް ސަފީނާޒް ޙަސަން ވިދާޅުވީ ކުޑަކުދިންގެ ހަވީރަކާއެކު ކުރިއަށްގެންދިޔަ ވިލުންތެރި ފެސްޓަކީ، ކާރިސާގެ ވަގުތުގައި ކުޑަކުދިންނާއި އާއިލާތުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަން ބުނެދިނުމަށް ކުރިއަށްގެންދިޔަ ހަރަކާތެއްކަމަށެވެ. އަދި ބޮޑުވަމުން އަންނަ ކުދިން މި ދާއިރާއަށް ހޭލުންތެރިކޮށް ޝަޢުގުވެރިކަން އުފެއްދުމަކީވެސް މުހިންމު ބޭނުމެއްކަމަށް ސަފީނާޒު ވިދާޅުވިއެވެ. ދިމާވާ ކުއްލި ޙާލަތްތަކުގައި ހާލުގައި ޖެހޭ މީހުންނަށް އެހީވުމަށް އިސްނަގައިގެން ކުރީސަފަށް ނިކުންނާނެ ޒުވާނުންތަކެއް އުފެއްދުން ވަރަށް މުހިންމުކަމަށެވެ.

"ކުޑަކުދިންނާ އާއިލާތައް ވެގެންދޭ މިފަދަ ޙާލަތްތަކުގައި އެންމެ ނާޒުކު ފަރާތްތަކަށް. އެހެންކަމުން މިފަދަ ކަންކަމަށް ހޭލުންތެރި، ތައްޔާރީ މުޖުތަމަޢުއެއް ވަރަށް މުހިންމު. އަދި ހޭލުންތެރިކަން އިތުރު، ދެމެހެއްޓެނިވި ފިޔަވަޅުތަކެއްވެސް ވަރަށް މުހިންމު. ކަމެއް ދިމާވުމުގެ ކުރިން، އެކަމަށް ހުރި ހިރާސްތައް ނައްތާލުމަށް ކުރާ ހޭދަވެސް މިހާރަށްވުރެ އިތުރުކުރަންޖެހޭ" އެންޑީއެމްއޭގެ އެސްޖީ ސަފީނާޒް ވިދާޅުވިއެވެ.

ވިލުންތެރި ފެސްޓްގެތެރެއިންވަނީ މުޅި ރާއްޖެ ހިމެނޭހެން ކުރިއަށްގެންދިއުމަށް ނިންމާފަވާ "ހުށިޔާރު ކެމްޕެއިން" އިފްތިތާޙުކޮށްފައެވެ. އަދި މިކަމުގެ މަޢުލޫމާތު ފުޅާދާއިއެއްގައި ފޯރުކޮށްދިނުމަށް "ހުށިޔާރު" ވެބްސައިޓްވެސް ވަނީ އިފްތިތާޙުކޮށްފައެވެ.

މި ކެމްޕެއިންގެދަށުން މުޅި ރާއްޖެއަށް ޢަމަޒުކޮށް، ކާރިސާތަކަށް ވިލުންތެރި މުޖުތަމަޢުއެއް ޤާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވިލުންތެރި ފެސްޓް ކުރިއަށްގެންދިޔައީ އެންޑީއެމްއޭ، ޔުނިސެފް، އުރީދޫ އެޗްޑީސީ އަދި އިތުރު 20 އިދާރާއެއްގެ އެއްބާރުލުމާއެކުއެވެ.