ޚަބަރު

ނާމްގެ މަސައްކަތް ހަރުދަނާކުރުމަށް ރާއްޖެއިން ގޮވާލައިފި


  • ބައިނަލްއަޤްވާމީ މަލްޓިލެޓަރަލް ނިޒާމު އިސްލާޙު ކުރުމަށް ނާމް އިސްދައުރެއް އަދާކުރުމަށް ގޮވާލި

  • ޢައްޒާގެ އެއްބަސްވުމާ ހަމައަށް ދިއުމަށް ނާމް އިން ކުރި މަސައްކަތަށް ރާއްޖެއިން ޝުކުރު އަދާކުރި

ނޮން އެލައިންޑް މޫވްމެންޓް، (ނާމް) ގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ. ރާއްޖެއިން މިގޮތަށް ގޮވާލާފައިވަނީ ޔުގަނޑާގައި ބޭއްވި ނާމްގެ މެންބަރު ޤައުމުތަކުގެ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމުގައެވެ.

ޔުގާންޑާގެ ވެރިރަށް ކަމްޕާލާގައި ބޭއްވި ނޮން-އެލައިންޑް މޫވްމަންޓް (ނާމް) ގެ މެމްބަރު ޤައުމުތަކުގެ މިޑް ޓަރމް ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމުގައި ޚާރިޖީ ވުޒާރާގެ އެމްބެސެޑަރ-އެޓް-ލާޖް ޑރ. މުހައްމަދު ފަހްމީ ހަސަން ބައިވެރިވެވަޑައިގެން ތަޤްރީރުކުރެއްވިއެވެ. ޔުގާންޑާގެ ޚާރިޖީ ވަޒީރު ޖޭޖޭ އޮޑޮންގޯ އަބޫބަކަރް ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި، ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމާއި ދުނިޔެއަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ނާމްގެ މެންބަރު ޤައުމުތަކުގެ ވަޒީރުން މަޝްވަރާކުރެއްވިއެވެ.

އެމްބެސެޑަރ-އެޓް-ލާޖް ޑރ. ފަހްމީގެ ތަޤްރީރުގައި ބަދަލުވަމުން އަންނަ ދުނިޔޭގައި ނާމް އިން އިސްނަގައިގެން މަސައްކަތްކުރަންޖެހޭ ތިން މައިގަނޑު ދާއިރާއަކަށް އަލިއަޅުއްވާލެއްވިއެވެ. އޭގެ ތެރޭގައި "ނޮން ޓްރެޑިޝަނަލް ސެކިއުރިޓީ ތްރެޓްސް" އާ ދެކޮޅަށް މަސައްކަތް ކުރުމުގައި ނާމްގެ މެމްބަރު ޤައުމުތަކުގެ އެއްބާރުލުން އިތުރުކުރުމަށް ގޮވާލެއްވިއެވެ. މީގެ އިތުރުން ދެމެހެއްޓެނިވި އަދި އެންމެންގެ ބައިވެރިވުން އެކުލެވޭ ތަރައްޤީއަށް އެންމެ ފަހުގެ ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި ޑިޖިޓަލައިޒޭޝަން ނާމް ގެ ޤައުމުތަކުގައި ބޭނުންކުރުން އިތުރުކުރުމާއި، އ.ދ. ގެ ސަލާމަތީ މަޖިލީސް އަދި ބައިނަލްއަޤްވާމީ މަލްޓިލެޓަރަލް ނިޒާމު އިސްލާޙު ކުރުމުގައި ނާމްއިން އިސް ދައުރެއް އަދާކުރުމަށްވެސް ގޮވާލެއްވިއެވެ.

ޑރ. ފަހްމީގެ ތަޤްރީރުގައި ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް އެކުލަވާލައިފައިވާ ޕްލޭންގެ ފުރަތަމަ މަރުހަލާ ތަންފީޒުކުރަން ފެށުމަށް އެއްބަސްވުމަކާ ހަމައަށް އާދެވުމުން އެކަމަށް ދިވެހިރާއްޖެއިން މަރުހަބާ ކިޔައި މި މަސައްކަތުގައި ނާމްގެ މެމްބަރު ގައުމުތަކުން ކުރި މަސައްކަތް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޔަހޫދީ ދައުލަތުން މި އެއްބަސްވުމަށް ފުރިހަމައަށް އިހްތިރާމްކޮށް ބޯލެނބުމަށްވެސް ރާއްޖޭގެ ފަރާތުން ގޮވާލެއްވިއެވެ. ފަލަސްތީނުގެ މައްސަލައިގައި ދެމެހެއްޓެނިވި ހައްލެއް ހޯދައި ސުލްހަ ގާއިމްކުރުމަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުންދޭނެކަމުގެ ޔަޤީންކަން ޑރ. ފަހްމީ ވަނީ ދެއްވާފައެވެ.

1961 ވަނަ އަހަރު އުފެދުނު ނޮން-އެލައިންޑް މޫވްމެންޓަކީ ފިނި ހަނގުރާމާއިގައި ވަކި ފަރާތަކަށް ނުޖެހޭ ސިޔާސަތުތައް އިސްކޮށް، ހަރަކާތްތެރިވެފައިވާ 121 މެމްބަރު ޤައުމެއް ހިމެނޭހެން އުފައްދާފައިވާ ބައިނަލްއަޤްވާމީ ޖަމުޢިއްޔާއެކެވެ. ފިނި ހަނގުރާމަ ނިމުމާއެކު، އެ ޖަމުޢިއްޔާއިން ވަނީ ޒަމާނީ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަޝްވަރާކުރުމަށް ސަމާލުކަން ދޭން ފަށާފައެވެ. ދިވެހިރާއްޖެ ނާމްގެ މެމްބަރު ޤައުމަކަށް ވީ 1976 ވަނަ އަހަރު އެވެ.