ޚަބަރު

"އަޅުގަނޑުމެންނަށް އާއިލާއާއި މުޖުތަމަޢުގެ އެހީތެރިކަން ބޭނުން"


އުންމީދު ޕްރޮގްރާމްގެ ތަރުބިއްޔަތުގެ ބައިތައް ދ.ވާނީގައި ފުރިހަމަކުރުވުމަށްފަހު، ޕްރޮގްރާމްގައި ހިމެނޭ 19 ކުޑަކުދިން، މާލެ ގެންނަވައި އެ ކުދިންގެ ޢާއިލާތަކާ ޙަވާލުކުރައްވައިފިއެވެ.

އުންމީދު ފަހިމާދަމާއަށް ޕްރޮގްރާމަކީ، މުޖުތަމަޢުގައި ކުށުގެ ވެށީގައި އުޅެމުންދިޔަ ކުޑަކުދިން އެކަހެރިކޮށް، އިޞްލާޙްކުރުމަށް ޖުވަނައިލް ޖަސްޓިސް ޔުނިޓުން ކުރިއަށްގެންދަވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ފޭސް ނިންމެވުމުގެ ގޮތުން ރޭ ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވަވާފައެވެ.



ދ.ވާނީއަށް ގެންދިއުމުގެ ކުރިން މިކުދިންގެ ދިރިއުޅުން ވަރަށް ތަފާތެވެ. މުޖުތަމަޢުގައި ހިންގަމުންދިޔަ ތަފާތު ކުށްތަކަށް އަރައިގަނެ، ގޭންގް ގްރޫޕްތަކުގައި ބައެއް ކުދިން ދިޔައީ ޙަރަކާތްތެރިވަމުންނެވެ. "ނިދަނީ ދުވާލު، ހޭލެވެނީ ރޭގަނޑު" މިއީ އެކުދިންގެ ކުރީގެ ދިރިއުޅުން އެ ކުދިން ސިފަކޮށްދިން ގޮތެވެ.

މިއަހަރުގެ ޖޫން މަހުގެ 18 ވަނަ ދުވަހަކީ މި ކުދިންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައި ދުވަހެކެވެ. އެކުދިންގެ ރުހުމާނުލައި ވާނީއަށް ގެންދަވައި، ޙަޔާތުގެ އެންމެ ފޫހި ދުވަސްތައް ވާނީގައި އެކުދިން ހޭދަކުރަން ފެށިއެވެ. ނަމަވެސް އެކުދިން މިއަދު ބުނަމުންދަނީ އެދުވަހު ފޫހިވިޔަސް މިއަދު އެކަމާ އުފާކުރާ ކަމަށެވެ. މިއަދު އެކުދިންނަކީ ދީނީ އަޅުކަން ބަރާބަރަށް އަދާކުރާ ކުދިބަޔަކަށް ވަނީ ވެފައެވެ.

"ވާނީގައި އެންމެ އިސްކަމެއް ދެވުނީ ތަރުބިއްޔަތުގެ ބައިތަކަށް. ޚާއްޞަކޮށް ދީނީ އަޅުކަން އަދާކުރުމަށް ވަރަށް ބޮޑަށް ބާރު އެޅުނު. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ނަމާދުކުރަންފެށި ހިސާބުން އަޅުގަނޑުގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށި. މި ފުރުޞަތު ލިބުނީތީ މިއަދު އުފާވޭ." އުންމީދު ޕްރޮގްރާމްގައި ބައިވެރިވި ދަރިވަރަކު ކިޔައިދިނެވެ.

ވާނީގައި ކުރިއަށް ގެންދެވި ފޭސް އެކެއް ނިންމަވާލެއްވުމަށްފަހު، ޢާއިލާތަކާ އެކުދިން ޙަވާލުކުރެއްވިނަމަވެސް، އެކުދިން އަދިވެސް ތިބޭނީ އުންމީދު ޕްރޮގްރާމްގެ ބައިވެރިންގެ ގޮތުގައެވެ. ދެވަނަ ފޭސްގައި ހިމެނޭ މަސައްކަތްތެރިކަމާއި ތަމްރީންގެ ބައިތައް އެކުދިން ފުރިހަމަ ކުރާނީ ޢާއިލާތަކާއެކު މާލޭގައި ތިބެގެންނެވެ. ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު، ޢާއިލާތަކާއެކު އެކުދިންގެ ދިރިއުޅުން އަނެއްކާވެސް ފެށިގެންދާއިރު، އެކުދިންގެ މައިންބަފައިންގެ މޫނުމަތިން މާޔޫސްކަން ފިލައި މިހާރު ވަނީ އުފާވެރިކަން ވެރިވެފައެވެ.

"އޭނާ މިތަނުން ދިޔައިރު ހުރިގޮތާ ވަރަށް ތަފާތު. ވާނީއަށް ގޮސް ބައްދަލުކޮށްލަން ލިބުނު ދުވަހުވެސް އަޅުގަނޑަށް ފާހަގަކުރެވުނު އޭނާގެ މިޒާޖަށް އައިސްފައިވާ ބަދަލު. އޭނައަކީ ކުރިން އަހަރެން ކުރިމަތީގައި އިސްއުފުލާ ވާހަކަދައްކަން ބޭނުންވާ ކުއްޖެއްނޫން. ނަމަވެސް މިހާރު ވަރަށް ލޯބިން ވާހަކަދައްކާ. ސަރުކާރުގެ އިސްނެގުމާއެކު އަޅުގަނޑުމެންގެ މިފަދަ ޢާއިލާތަކަށް އުފާވެރިކަން ގެނެސްދީފި" ބެލެނިވެރިއަކު ކިޔައިދިނެވެ.

މައިންބަފައިންނެކޭ އެއްގޮތަށް އެކުދިންވެސް ތިބީ ވަރަށް ގަދަ ޢަޒުމެއްގައެވެ. ކުރީގެ ގޯސް ދިރިއުޅުމަށް އެނބުރި ދިއުމަށް އެއްވެސް ކުއްޖަކު ބޭނުމެއް ނުވެއެވެ. އެކުދިން މުސްތަޤްބަލް ބިނާކުރުމަށް ޢާއިލާގެ ފަރާތުން ލޯތްބާ އަޅާލުން ބޭނުންވާކަމަށް އެކުދިން ބުނެއެވެ.

"އަޅުގަނޑުގެ ފަރާތުން 110 ޕަސެންޓް ދޭން ބޭނުންވޭ. ކުރީގެ ދަރިއެއް ނޫންމީކީ. މި ދަރިފުޅު ދެން ބޭކާރުވެގެން ނޫޅޭނަން. އަޅުގަނޑުމެންނަށް ޢާއިލާގެ ފުލް ސަޕޯޓް ބޭނުންވާނެ" އުންމީދު ޕްރޮގްރާމްގެ ބައިވެރިއަކު ކިޔައިދިނެވެ.

ފޭސް އެކެއް ނިންމެވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވަނީ އެކުދިންނާ ބައްދަލްކުރައްވައި، އެކުދިންގެ އާ ދިރިއުޅުމަށް މަރުޙަބާ ވިދާޅުވެ ހިތްވަރުދެއްވާފައެވެ.

"ކޮންމެ ކުއްޖަކާއެކީ ވަކިވަކިން އަޅުގަނޑު ބައްދަލްކުރިން. އެކުދިންގެ ފަރާތުން އަޅުގަނޑު ބޭނުންވި ޖަވާބުތައް ލިބުނު. މިތަނުގައި އެބަތިބި ދިރިއުޅުމުގައި އެތައް ގޮތަކުން ކާމިޔާބު ހޯދޭނެ ކުދިން. އެކުދިންގެ ކިބައިން އެ ހިތްވަރު ފެނޭ." ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވިއެވެ.

ފުރަތަމަ ފޭސް ނިންމެވުމަށްފަހު، މިހާރު ވަނީ ދެވަނަ ފޭސްގައި ހިމެނޭ މަސައްކަތްތެރިކަމާއި، ތަމްރީންގެ ބައިތައް ފެށިފައެވެ. މި ފޭސް ކުރިއަށް އޮތް އެއް އަހަރުގެ މުއްދަތަށް ކުރިއަށްގެންދާއިރު، ފުރަތަމަ ތިން މަސް ޚާއްޞަވެގެންދާނީ އެކުދިން ޝައުގުވެރިވާ ދާއިރާތަކުން ކޯސްތައް ކުރިއަށްގެންދިއުމަށެވެ. މި ކޯސްތައް ހިންގުމަށް ޙަވާލުކުރައްވާފައިވަނީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއާއެވެ. މި ފޭހުގައި އެކުދިންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމާއެކު، އެކުދިންގެ ޙާލަތު މޮނިޓަރކުރައްވަމުން ގެންދެވުން ހިމެނެއެވެ.