ޚަބަރު

ދުރު ޤައުމުތަކާއެކު ގުޅުން ބަދަހިކުރުމަކީވެސް ސަރުކާރުގެ އަމާޒެއް


ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ މުހިންމު އެއް މަޤްޞަދަކީ، ރާއްޖެއަށް ހެޔޮއެދޭ ޤައުމުތަކާ ގުޅުން ބަދަހިކުރުމެވެ. ރާއްޖެއަށް ލިބިފައިވާ އެހެން ޤައުމުތަކުގެ އިޙްތިރާމް ދެމެހެއްޓުމަށް މަސައްކަތްކުރުމެވެ.

ޕީއެސްއެމަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ފޮރިންގ މިނިސްޓަރ ޑރ.މުޙައްމަދު ޢާސިމް ވިދާޅުވީ، ރާއްޖޭގެ ތަރައްޤީގެ މަރުޙަލާ މިހާރު އައިސްފައިވާ ހިސާބުން އެންމެ ކުރިން ގުޅުންއުފެދި އެގުޅުން ބަދަހިވެފައިވާ ޤައުމުތަކުގެ އިތުރުން، ރާއްޖެއާއި ދުރު ހިސާބުތަކުގެ ޤައުމުތަކާއެކުވެސް ގުޅުން އުފެއްދުމަށް މިހާރު މަޖުބޫރުކަމަށެވެ. ސަބަބެއްކަމަށް މިނިސްޓަރ ފާހަގަކުރެއްވީ، ރާއްޖެއަށް ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގޮތުންނާއި ތަޢުލީމާއި އެނޫންވެސް ގޮތްގޮތުން އެހީތެރިވެދޭނެ ބޮޑެތި ކުންފުނިތަކާއި ގިނަ ޤައުމުތައް ތިބުމެވެ. މި ސަބަބަށްޓަކައި، ރާއްޖޭގެ ކޮންމެ މަޝްރޫޢެއް ބައިނަލްއަޤްވާމީ މައިދާނަށް ހުޅުވާލާއިރު އެކަމުގެ ޝައުޤުވެރިކަން ވަރަށް ގިނަ ޤައުމުތަކުން ފާޅުކުރަމުންގެންދިއުންކަމަށް މިނިސްޓާރ ޢާސިމް ވިދާޅުވިއެވެ. އެހެންކަމުން ވިޔަފާރީގެ ގުޅުންތައް ދުރު ޤައުމުތަކާއިއެކު ވަރަށް ބޮޑަށް އުފެދެމުން އަންނަކަމަށް ފޮރިންގ މިނިސްޓަރ ވިދާޅުވިއެވެ."ރާއްޖެއިން ބޭރަށް ރައުލީމް ޙާސިލްކުރަންދާ ކުދިންވެސް، ކުރިން އަވައްޓެރި ޤައުމުތަކަސް ދިޔަނަމަވެސް، މިހާރު އެއަށްވުރެ މާދުރަށް ހަޤީގަތުގަވެސްދޭ. މީގެކުރިން ދިހައެއް ނުވަތަ ވިއްސަކަށް އަހަރުކުރިން ދުރު ޤައުމުތަކަށް، އިސްޓްރޭލިއާ، އިނގިރޭޗިވިލާތް އަދި އެމެރިކާފަދަ ޤައުމުތަކަށް ދާން ފުރުޞަތު ލިބޭނީ ސްކޯލަރޝިޕް ފުރުޞަތެއްގަ ނޫނީ ސަރުކާރުގެ އެހީގަ ނުވަތަ ސަރުކާރާ ބައިނަލްއަޤްވާމީ ލޯން ފުރުޞަތެއްގައި. މިއާހރު ކުރިއަށްވުރެ ދުރު ޤައުމުތަކަށް ދާދިއުން އެތައްގޮތަކުން އެޤައުމުތަކާ ގުޅުން އުފެދިއްޖެ" ފޮރިންގ މިނިސްޓަރ ޑރ. އާސިމް ވިދާޅުވިއެވެ.

ދޭދޭ ޤައުމުތަކާއިއެކު އޮންނަ ގުޅުމުގެ އިތުރުން ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކާއެކުވެސް ރާއްޖޭގެ ދައުރު ފުޅާކޮށް ގުޅުން އަންނަނީ ބަދަހިކުރަމުންނެވެ.

ފޮރިންގ މިނިސްޓަރ ޑރ.މުޙައްމަދު ޢާސިމް ވިދާޅުވީ، ރާއްޖެއަކީ ކުޑަ އާބާދީއެއްއޮތް، ވަސީލަތްތައް މަދު ޤައުމެއްނަމަވެސް ބައިނަލްއަޤްވާމީ ދާއިރާގައި ރާއްޖޭގެ ދައުރު ވަރަށް ފުޅާވެގެންގޮސްފައިވާކަމަށެވެ. އެކަންކަން ބައިނަލްއަޤްވާމީ ފަރާތްތަކުން ރާއްޖެއާއިމެދު ބަހައްޓާ ޝައުޤުވެރިކަމުންވެސް އެނގިގެންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އެހެންކަމުން ބައިނަލްއަޤްވާމީ މައިދާނުގައި ފުރުޞަތު އިތުރުކޮށް، އިއްވަންޖެހޭ ވާހަކަތައް އިއްވާ، އަޅުގަނޑުމެންގެ މަސައްކަތްތައް ކިޔައިދީ ތަރައްޤީގެ މަސައްކަތްތައް އޮޅުންފިލުވައިދީ ރާއްޖޭގެ މާހައުލު އޮތްގޮތް ކިޔައިދުނުމަށް ލިބޭ ފުރުޞަތު" ފޮރިންގ މިނިސްޓަރ ޑރ. އާސިމް ވިދާޅުވިއެވެ. ރާއްޖެއަކީ ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ ދަށުން ރާއްޖެއިން ކުރަންޖެހޭ ކަންތައްތަކާއި، ނަގަންޖެހޭ ޒިންމާތައް ނަގަމުން އަންނަ ޤައުމެއްވެސްމެއެވެ.