ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 2 ސިނގިރޭޓު ކޮންޓޭނަރު ވަގަށް ނެގި މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ މިފްކޯގެ ޖެނެރަލް މެނޭޖަރު މުޢާޒު ޢަލީ މިފްކޯގެ ވަޒީފާއިން ސަސްޕެންޑްކޮށްފިއެވެ.
މިފްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ މުއާޒުގެ މައްސަލަ ތަހުޤީގީ އިދާރާތަކުން ބަލަމުންދާއިރު، އޭނާގެ މައްސަލަ އިދާރީގޮތުން އެކުންފުނިން ތަޙްޤީޤުކުރަމުންދާކަމަށެވެ. އަދި އެކަމާއި ގުޅިގެން އޭނާ 30 ދުވަހުގެ މުއްދަތަށް ވަޒީފާއިން ސަސްޕެންޑުކޮށްފައިވާކަމަށްވެސް މިފްކޯއިން ވިދާޅުވިއެވެ.
މުޢާޒް ސަސްޕެންޑުކުރުމާއި ގުޅިގެން އެކުންފުނީގެ މަސައްކަތްތަކަށް ބުރޫނާރާނެކަން ކަށަވަރު ކުރެއްވުމުގެ ގޮތުން މުއާޒުގެ ދަށުން ހިނގަމުންދިޔަ މަސައްކަތްތައް އެހެން މުވައްޒަފުންނާއި މިހާރު ހަވާލުކޮށްފައިވާކަމަށްވެސް މިފްކޯއިން ވިދާޅުވެއެވެ.
މިފްކޯއިން ވިދާޅުވީ އެކުންފުނީގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ނަޒާހަތްތެރިކަމާއި ގުޅުންހުރި ކޮންމެ މައްސަލައެއްވެސް ޙާއްސަ ސަމާލުކަމެއް ދީގެން ބަލަމުންދާނެކަމަށެވެ. އަދި ރާއްޖޭގެ ގާނޫނުތަކާއި، ކޯޕަރޭޓް ގަވަރނެންސްގެ އުސޫލުތަކާއި، ކުންފުނީގެ ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް ކުރިއަށް އޮތް ތަނުގައިވެސް އަޅަމުންދާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.
ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް ވަގަށް ނެގުމުގައި އިސްކޮށް ހަރަކާތްތެރިވިކަަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ މުއާޒަކީ ނިމިދިޔަ ސަރުކާރުގައި ކަސްޓަމްސްގެ އިސް މަޤާމެއް އަދާކުރި މީހެކެވެ. އެ މަޤާމުގައި ހުރި ދުވަސްވަރު ހިނގާފައިވާ ކޮރަޕްޝަންގެ މައްސަލައެއްގައި އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން ވަނީ މިމަހުގެ 12 ވަނަ ދުވަހު އޭނާގެ މައްސަލަ ޕީޖީއަށްވެސް ފޮނުވާފައެވެ.