ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމްކޮށް، ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ޕޮލިސް ޕޯސްޓު ހުޅުވައި ޚިދުމަތްދޭން ފަށައިފިއެވެ.
މާއުނގޫދޫ ޕޮލިސް ޕޯސްޓު ހުޅުވީ، އެކަމަށްޓަކައި އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި އަޕަރ ނޯތު ޕޮލިސްގެ ކޮމާންޑަރު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހިމް ޒުހުރީގެ އިތުރުން، ށ. އަތޮޅު ކޮމާންޑަރާއި މާއުނގޫދޫ ކައުންސިލް މެމްބަރުންނާއި އެރަށުގެ އެކި މުއައްސަސާތަކުގެ ވެރިން ބައިވެރިވެފައިވެއެވެ.
މާއުނގޫދޫ ޕޮލިސް ޕޯސްޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި މާއުނގޫދޫ ކައުންސިލްގެ ރައީސް އާދަމް ސަލީމްއެވެ.
ޕޮލިސް ޕޯސްޓް ހުޅުވައިދެއްވުމަށްފަހު ޕޮލިސް ޕޯސްޓްގައި ގައުމީ ދިދަ ނަންގަވައިދެއްވީ ކައުންސިލްގެ ރައީސް އާދަމް ސަލީމެވެ. އަދި ފުލުހުންގެ ދިދަ ނަންގަވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީނެވެ.
މާއުނގޫދޫ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވުމަށްފަހު ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވަނީ ޕޮލިސް ޕޯސްޓް ބައްލަވާލައްވައި، މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.
މި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް ދިވެހި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މިއަމާޒު ހާސިލުވުމުން އަމާން މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރައްވައެވެ.